ހޮސްޕިޓަލަށް ދޫކޮށްލި ކުރީގެ ބަތަލާ ގީތާ މަރުވެއްޖެ

ކުރީގެ ބަތަލާ ގީތާ---

ދަރިންނަށް ބުރައަކަށް ވެގެން ހޮސްޕިޓަލެއްގެ ބަލި އެނދުމައްޗަށް ދޫކޮށްލި ކުރީގެ ބަތަލާ ގީތާ ކަޕޫރު މަރުވެއްޖެ އެވެ.

ފިލްމު "ޕާކީޒާ" އިން މަޝްހޫރުކަން ހޯދި ގީތާ މަރުވީ މިދިޔަ ހޮނިހިރު ދުވަހު، މުމްބާއީގައި ހުންނަ އުމުރުން ދުވަސްވީ މީހުން ބަލާ ސެންޓަރެއްގަ އެވެ. މަރުވި އިރު ގީތާގެ އުމުރުން 67 އަހަރެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ގީތާގެ ފިރިހެން ދަރި ރާޖާ ވަނީ ގޮރެގާއޮންގައި ހުންނަ އެސްއާރްވީ ހޮސްޕިޓަލުގައި އޭނާ ބޭއްވުމަށް ފަހު ފިލައިފަ އެވެ. ޚަބަރުތައް ބުނާ ގޮތުން ގީތާގެ ފިރިހެން ދަރި ފިލާފައި ވަނީ، ގީތާގެ އޮޕަރޭޝަނަށް ދައްކަން ޖެހޭ ފައިސާ ނަގަން އޭޓީއެމް އަކަށް ގޮސް އަންނާނެ ކަމަށް ބުނެ އެވެ.

ނަމަވެސް ގީތާ ހޮސްޕިޓަލުގައި އެޑްމިޓު ކުރިތާ ދެތިން ގަޑި އިރުގެ ތެރޭގައި ރާޖާ ވަނީ އެ ދެމީހުން ދިރިއުޅެމުން ދިޔަ ފްލެޓް ހުސްކޮށް، އެ ގެއިން ނުކުމެފަ އެވެ. އޭނާ ފިލައިގެން ދިޔަ ތަނެއް އަދި ނުހޯދެ އެވެ.

ރާޖާގެ އިތުރުން ޕޫޖާ ކިޔާ އަންހެން ދަރިއެއް ވެސް ގީތާގެ ހުރެ އެވެ. މިއަދާ ހަމައަށް އެ ދެމީހުންގެ ޚަބަރެއް އަދި ވެސް ނުވެ އެވެ. ދަރިން އަޅާނުލާ ދޫކޮށްލުމުން، ހޮސްޕިޓަލްގެ ފީތައް ދައްކައިދީ، ދުވަސްވީ މީހުން ބަލާ ތަނަކަށް ގީތާ ބަދަލުކޮށްފައި ވަނީ ސެންޓްރަލް ބޯޑް އޮފް ފިލްމް ސަޓިފިކޭޝަންގެ މެމްބަރު އަޝޯކް ޕަންޑިތު އާއި އިތުރު މެމްބަރުން ވެގެންނެވެ.

އަޝޯކް ވަނީ ގީތާގެ މަރު ކަށަވަރުކޮށްދީފަ އެވެ. އަޝޯކް ބުނީ ގީތާ އެންމެ ފަހު ނޭވާ ދޫކޮށްލައިފައި ވަނީ ވެސް ދަރިން އޭނާ ހޯދަން އަންނާނެ ކަމުގެ އުންމީދުގައި އޮވެ ކަމަށެވެ.

އަދި ޖަނާޒާގެ ކަންކަން ފުރިހަމަ ކުރުމަށް ދަރިން އަންނާނެ ކަމުގައި ގީތާގެ ހަށިގަނޑު އަދިވެސް އޮތީ މޯޗަރީގަ އެވެ. ނަމަވެސް ދަރިންގެ ޚަބަރެއް ވިޔަސް ނުވިޔަސް މިއަދު ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނެ އެވެ.

ހޮސްޕިޓަލުގައި އަޅާލާނެ މީހަކު ނެތި އޮތް މީހަކީ ގީތާ ކަން ހާމަވެފައި ވަނީ އޭނާ ހޮސްޕިޓަލުގައި އެކަނި އޮންނަތާ މަސް ދުވަސް ވީފަހުންނެވެ.

ގީތާއާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން ރާޖާ ވަނީ ތަކުރާރުކޮށް އެތައް ދުވަހެއްގެ މަތިން ގީތާ އަށް އަނިޔާކޮށްފަ އެވެ.

އެއީ އޭނާގެ ވިޔާނުދާ ދިރިއުޅުމާ ގުޅޭ ގޮތުން ގީތާ ވާހަކަ ދައްކާތީ އެވެ. އަދި ކާން ދެނީ ވެސް ހަތަރު ދުވަހުން އެއް ދުވަހު ކަމަށާއި އެތައް ދުވަހެއް ވަންދެން ގީތާ ކޮޓަރީގައި ތަޅުލާފައި ބާއްވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ގީތާ ވަނީ 100 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފަ އެވެ. އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ހިމެނެނީ "ޕާކީޒާ" އަދި "ރާޒިއާ ޒުލްތަން" އެވެ.

comment ކޮމެންޓް