ދެ އެކުވެރިންގެ ކުއްލި މަރާ އެކު ހޮޅުދުއަށް މޮޅިވެރިކަން

ހޮޅުދޫ އެކްސިޑެންޓުގައި މަރުވި ދެމީހުން ---

ރޭ މެންދަމު މުޅި ހޮޅުދޫ ހޭލައްވާލީ އެރަށުގެ ދެ ޒުވާނެއްގެ މަރުގެ ޚަބަރާއެކުގަ އެވެ. އެކުގައި އުޅެ ބޮޑުވި ދެ ބެސްޓު ފްރެންޑުންގެ މަރުގެ ޚަބަރާއެކު އެރަށް އޮތީ ހިމޭންވެފަ އެވެ.

ނ. ހޮޅުދޫ ގުލްދަސްތާގެ ހުސްނާ މުހައްމަދު، 27، އަދި އެރަށު ވިނަރެސް އަހުމަދު އަދީލް 26 އަކީ ބެސްޓް ފްރެންޑުންނެވެ. ހުސްނާ އަކީ މީހަކާ އިނދެ ދަރިއެއް ވެސް ހުންނަ މީހެކެވެ. އަދީލް އަކީ ރިސޯޓު ދޯންޏެއްގައި މަސައްކަތް ކުރާ މީހެކެވެ. އިއްޔެ އަދީލް ރަށަށް އައީ އޮފް ޑޭ އަށެވެ.

ހޮޅުދޫގައި ރޭ ހިނގި އެކްސިޑެންޓުގައި ދުއވި ސައިކަލު. ސައިކަލުގައި ތިބި ދެމީހުންވެސް ވަނީ މަރުވެފައި ---

އަދީލް އާއި ހުސްނާ ރޭ އެކުގައި ދުއްވާލަން ނިކުތްތަން ފެނުނު މީހުން އެބަތިއްބެވެ. އޭރު ސައިކަލު ދުއްވަން އިނީ ހުސްނާ އެވެ. އޭރު އެއީ އެދެމީހުން ދިރިތިއްބާ ފެންނާނެ އެންމެ ފަހު ވަގުތުކަމެއް އެއްވެސް މީހެއްގެ ހިތަކަށް ނާރަ އެވެ.

ހުސްނާ އަކީ ހޮޅުދޫގައި ކުޅިވަރުތަކުގައި ފާހަގަކޮށްލެވޭ މޫނެކެވެ. ނެޓްބޯޅަ އާއި ބަށި އަދި ބެޑްމިންޓަނަކީ އޭނާގެ ކުޅިވަރެވެ.

ރަށުގެ ބަނދަރު ފަރާތުން އެދެމީހުން ސައިކަލުގައި ދިޔައިރު އެ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް މީހުން ތިއްބެވެ. ކުއްލިއަކަށް އިވުނީ އެދެމީހުން ހަޅޭއް ލަވައިގަތް އަޑު ކަމަށާއި އެ ސަރަހައްދަށް ގޮސް ބެލިއިރު އެމީހުން އަޑިއަށް ދަނީ ކަމަށް ހޮޅުދޫ މީހަކާ ހަވާލާދީ މީހަކު ބުންޏެވެ. އެމީހުން މޫދުން ނެގި އިރު މޫނު ފަޅައިގެން ގޮސް ލޭ އަންނަމުން ދިޔަ ކަމަށް އެރަށު މީހުން ބުނެއެވެ.

ފުލުހުންގެ އެހީތެރިކަމާ އެކު ހުސްނާ އާއި އަދީލު މޫދުން ނެގިއިރު ވެސް އެދެމީހުންގެ ހަރަކާތެއް ނެތެވެ. ސިއްހީ މަރުކަޒުން ބުނީ އެތަނަށް ގެންދިޔައިރު ވެސް ދެމީހުން މަރުވެފައިވާ ކަމަށެވެ.

ބެލެވޭގޮތުގައި ސައިކަލު މޫދަށް ވެއްޓުނީ ކޮންޓްރޯލުނުވެ، ވާޓަރު މަތިން ކަހާލައިގެންނެވެ.

އެކުގައި އުޅެ ބޮޑުވި ދެ އެކުވެރިންގެ މަރާއެކު ހޮޅުދޫ އަށް ވަނީ މޮޅިވެރިކަން ވެރިވެފަ އެވެ. އެދެމީހުންގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު ވަނީ ބާއްވައިފަ އެވެ. އެކްސިޑެންޓު ހިނގިގޮތް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް