ހުޅުމާލޭގެ ސިންތެޓިކް ޓްރެކް އާއްމުންނަށް ހުޅުވާލައިފި

ހުޅުމާލޭގެ އައުޓްޑޯ ސްޕޯޓްސް އެރީނާގައި އަޅާފައިވާ ސިންތެޓިކް ޓްރެކް --- ފޮޓޯ/ އެޗްޑީސީ

ޔޫތު މިނިސްޓްރީން ހުޅުމާލޭގައި އަޅާފައިވާ ސިންތެޓިކް ދުވާ ޓްރެކް އާއްމުންނަށް ހުޅުވާލައިފައިވާ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަންލިމިޓެޑުން ބުނެފި އެވެ.

ބައިނަލްއަގުވާމީ ފެންވަރަށް ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ޓްރެކްގެ ސަރަހައްދުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދިޔަ ނަމަވެސް ޓްރެކްގެ މަސައްކަތް ވަނީ ނިންމައިފަ އެވެ. ޓްރެކް އާއްމުންނަށް ހުޅުވާލުމުގެ ކުރިން ވެސް ޓްރެކް އައީ މަދުމަދުން ބޭނުން ކުރަމުންނެވެ.

ހާއްސަކޮށް މިދިޔަ މަސް ތެރޭގައި ދުނިޔޭގެ އެންމެ ކާމިޔާބު އެއް ލޯންގް ޖަމްޕު އެތުލީޓް، ސާބިއާގެ އިވާނާ ސްޕެނޮވިޗް ވެސް ވަނީ އެ ޓްރެކްގައި ތަމްރީނުތައް ފުރިހަމަކޮށްފަ އެވެ. ޓްރެކްގައި ހިމެނޭ ލޯންގް ޖަމްޕް ޕިޓްގައި އިވާނާ ތަމްރީނުތައް ފުރިހަމަ ކޮށްފައިވާ އިރު، ޓްރެކްގެ ފެންވަރަށް އޭނާ ވަނީ ވަރަށް ބޮޑަށް ހިތްހަމަ ޖެހުން ފާޅުކޮށްފަ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ބޭއްވި އޮލިމްޕިކްސް އިން ލޯންގް ޖަމްޕުން ބްރޯންޒް މެޑަލް ހާސިލްކުރި އިވާނާ ބުނީ އައުޓްޑޯ ސީޒަނަށް ތައްޔާރުވުމަށް ރާއްޖެއަކީ އެންމެ އެކަށޭނެ މާހައުލު ކަމަށާއި އޭނާއަށް ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަނުން ފަހިކޮށްދިން ވަސީލަތްތަކާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގެ ގިނަ އެތުލީޓުންތަކެއް ތަމްރީނު ހެދުމަށް ރާއްޖެ އައުމަށް ވެސް އިވާނާ ވަނީ އެދިފަ އެވެ.

އިވާނާ ރާއްޖޭގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކުގެ ތެރެއިން --- ފޮޓޯ/ މުހައްމަދު އަހުސަން، ރެޑްބުލް މޯލްޑިވްސް

ޔޫތު މިނިސްޓްރީން ހުޅުމާލޭގައި އެޅި ސިންތެޓިކް ޓްރެކް ތަރައްގީ ކޮށްފަިވަނީ އައުޓްޑޯ ސްޕޯޓްސް އެރީނާއެއްގެ ގޮތުގައި ތަރައްގީ ކުރާ ސަރަހައްދުގަ އެވެ. އެރީނާގައި ޓްރެކްގެ އިތުރުން ފުޓުބޯޅަ ދަނޑަކާ އެކު އެތުލީޓުންނަށް ބޭނުންވާ ކަންކަން ފަހި ކުރުމަށް ޗޭންޖިން ރޫމްގެ އިތުރުން ފާހާނާތަށް ވެސް ހިމެނެ އެވެ. އެ ސަރަހައްދުގައި އިމާރާތް ކުރާ އެރީނާގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދެ އެވެ. މަސައްކަތްތައް އެއްކޮށް ނިންމާލުމަށް ފަހު ޓްރެކް ރަސްމީކޮށް ހުޅުވާނެ އެވެ.

ހުޅުމާލޭގެ ސިންތެތިކް ޓްރެކާއެކު ރާއްޖޭގެ އެތުލެޓިކްސްއަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ. އެގޮތުން ބައިނަލްއަގުވާމީ އެތުލެޓިކްސް މުބާރާތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ފަހިވެގެންދާ އިރު، ރާއްޖޭގެ އެތުލީޓުންނަށް ޓްރެއިނިންތައް އަމިއްލަ ގައުމުގައި ފުރިހަމަ ކުރުމަށް ފުރުސަތު ތަނަވަސް ވެގެންދާނެ އެވެ.

comment ކޮމެންޓް