ފުރަތަމަ 11އިން ޖާގަ ނުލިބުމުން ބޭލް ހިތްހަމަ ނުޖެހިފައި!

ގެރެތު ބޭލް ޗެމްޕިއަންސް ލީގުގެ ޓްރޮފީއާއެކު --- ފޮޓޯ/ އޭޕީ

މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރޭ ރެއާލް މެޑްރިޑާއި ލިވަޕޫލް ވާދަކުރި މެޗުގެ ފުރަތަމަ 11އިން ޖާގަ ގެއްލުމުން ހިތްހަމަ ނުޖެހުނު ކަމަށް ގެރެތު ބޭލް ބުނެފިއެވެ.

ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާންގެ ޓީމުގެ ފުރަތަމަ 11އިން ބޭލްއަށް ޖާގަ ނުދިން ނަމަވެސް، މެޗުގެ ދެވަނަ ހާފްގައި ބޭލް ފެނިގެންދިޔައެވެ. އަދި ރޭގެ މެޗުން ރެއާލް މޮޅު ކޮށްދިނީވެސް އޭނާއެވެ.

ބޭލް ރޭގެ މެޗުގައި ޖެހި ފުރަތަމަ ގޯލަށް ގޯލަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ދެވަނަ ހާފްގައި ކުޅެން ނުކުމެ ބޭލް ދެ ގޯލް ޖަހާފައިވާ އިރު، މެޗަށްފަހު އޭނާ ވަނީ އަންނަ ސީޒަންގައި ރެއާލް ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ދީފައެވެ.

"ޒިދާންގެ ނިންމުމަށް އިހުތިރާމް ކުރަން. ޔަގީނުންވެސް އަހަންނަށް ފުރަތަމަ 11އިން ޖާގައެއް ހައްގު. މެޗުގެ ފުރަތަމަ 11ގައި ނުހިމެނުމަކީ ލިބުނު ދެރައެއް،" ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބޭލް ބުންޏެވެ.

"ސީޒަންގެ ފުރަތަމަ ކޮޅުގައި އަހަންނަށް އަނިޔާއާ ކުރިމަތިވި. އެކަމަކު ފިޓްކޮށް ހުންނަތާ ވަރަށް ދުވަސް ވެއްޖެ. އަހަރެން ބޭނުންވޭ ކޮންމެ ހަފްތާއަކުވެސް ކުޅެން. އެކަމަކު މިސީޒަންގައި އެ ފުރުސަތެއް ނުލިބުން،" ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ބޭލް ބުންޏެވެ.

ބޭލް ބުނީ އަންނަ ސީޒަން ރެއާލްގައި މަޑުކުރުމާ މެދު ގޮތެއް ނިންމަން އޭޖެންޓާއެކު މަޝްވަރާތައް ކުރާނެ ކަމަށާއި، އަންނަ ސީޒަންގައި ރެއާލްއިން އޭނާ ނުފެނުން އެކަށީގެންވާ ކަމަށެވެ.

ބޭލް އިތުރަށް ބުނީ ރޭގެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި އޭނާގެ ޒިންމާ އަދާކުރެވުނު ކަމަށާއި، ރެއާލްއަށް މިސީޒަނަކީ ލޯކަލް ލީގުގައި ދަށް ސީޒަނެއް ނަމަވެސް ޗެމްޕިއަންސް ލީގުގެ ކާމިޔާބީއާއެކު ސީޒަން ކާމިޔާބު ވެއްޖެ ކަމަށެވެ.

ޔޫރަޕިއަން ކަޕުން ޗެމްޕިއަންސް ލީގަށް ފޯމެޓް ބަދަލުކުރީ 1992 ވަނަ އަހަރުގައެވެ. ރޭގެ ނަތީޖާއާއެކު ރެއާލް ވެފައިވަނީ ފޯމެޓް ބަދަލުކުރި ފަހުން ޗެމްޕިއަންސް ލީގުގެ ތަށި، ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކުރި ހަމައެކަނި ޓީމަށެވެ. ރެއާލް ވަނީ މިހާތަނަށް ރެކޯޑު 13 ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިފައެވެ.

comment ކޮމެންޓް