ހަފްތާ ބަންދުގައި ރަނގަޅަށް ނިދާލާ!

އޮފީސް ދުވަސްތަކަކީ ބުރަަ ދުވަސްތަކެކެވެ. ހެނދުނު އޮފީހަށް އަންނަ ގޮތަށް ގިނަ ފަހަރު ގެއަށް ދެވޭނީ ހަވީރު ވާފަހުންނެވެ. ގެއަށް ގޮސް ކުރަން ޖެހޭ މަސައްކަތްތައް ނިންމާލާފައި ބުރަކަށި ދަމާލެވޭ އިރު ހުންނަނީ މެންދަން ވެފަ އެވެ. އަނެއް ކޮޅުން މުނާޖާ ކޮނޑުއަޅައިގެން ތެދުވަންވީ އެވެ.

ހަފްތާގެ ފަސް ދުވަސް ދަނީ މިކަހަލަ ގޮތަކަށެވެ. ދެން އަންނަނީ ހަފްތާ ބަންދެނެވެ. "އިޒް އިޓް ވީކެންޑް ޔެޓް" އަކީ ހަފްތާ މެދަށް ދާއިރު އަބަދު ހިތަށް އަރާނެ ވާހަކަ އެވެ. ސިއްހަތު ސަލާމަތުން ބެހެއްޓުމަށާއި ދުޅަހެޔޮ ސިއްހަތަކަށް އެންމެ މުހިއްމު އެކައްޗަކީ ނިންޖެވެ. އެހެންވީމާ، ހަފްތާގެ ފަސް ދުވަހު ބުރަކޮށް އުޅުމަށް ފަހު، ހަފްތާ ބަންދުގައި ނިދިހަމަކޮށް އަރާމު ކުރުމަކީ މުހިއްމު ކަމެކެވެ.

ނިދި ހަމަނުވުމަކީ ސިއްހީ ގިނަ މައްސަލަތަކެއްގެެ ފެށުން ކަމަށް ވެސް ވެދާނެ އެވެ. ނަފްސާނީ ގޮތުން ވެސް މީހާ ބަލިކަށި ކުރުވާނެ އެވެ. ހިތުގެ މައްސަލަތަކާއި އެނޫން ވެސް ބަލިތަކުން ރައްކާތެރިވުމަށް ހަށިގަނޑަށް އަރާމުދީ، ނިދި ހަމަކުރުން މުހިއްމެވެ.

ދިރިއުޅުން ހުންނަ ގޮތުން އަށް ގަޑިއިރުގެ ނިދި ހަމަކުރުމަކީ މިހާރު ދަތިކަމެކެވެ. ނަމަވެސް ފަސް ގަޑިއިރު މަދުވެގެން ނިދުން މުހިއްމެވެ. އޭގެ ފަހުން ބާކީ ނިދިކޮޅު ހަމަކުރާނީ ހަފްތާ ބަންދުގަ އެވެ.

ނިންޖަކީ މީހާ ކުރާ މަސައްކަތަށް ވެސް އޭގެ އެދެވޭ އަދި ނޭދެވޭ އަސަރު ކުރުވާނެ އެއްޗެކެވެ. ރަނގަޅަށް ނުނިދޭ ނަމަ، ހަށިގަނޑު ލޮޑުވެ މަސައްކަތް މަތިން ފޫހި ކުރުވާނެ އެވެ. ހަށިގަނޑު ރަނގަޅަށް ފަންކްޝަން ކުރުމަށް ވެސް ނިދި މުހިއްމެވެ.

comment ކޮމެންޓް