އީދުގައި ރޭސް 3 ޕާކިސްތާނުގައި ރިލީޒް ނުކުރޭ

ރޭސް 3 ގެ ކާސްޓުން---

ސަލްމާން ޚާން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ރޭސް 3" މި އަހަރުގެ ފިތުރު އީދު ދުވަހު ރިލިޒްކުރި ނަމަވެސް ޕާކިސްތާނުގައި ފިލްމު އެ ދުވަހު ރިލީޒްނުކުރަން ހަމަޖައްސައިފި އެވެ.

ރެމޯ ޑިސޫޒާ ޑައިރެކްޓްކޮށްފައިވާ އެ ފިލްމު ޕާކިސްތާނުގައި ފިތުރު އީދުގައި ރިލީޒްނުކުރުމަށް ނިންމީ އެ ގައުމުގެ ސަރުކާރުންނެވެ. ޕާކިސްތާނުގެ ސަރުކާރުން ބުނީ އެއްވެސް އީދަކާ ދިމާކޮށް އެހެން ގައުމެއްގެ ފިލްމެއް އެ ގައުމުގައި ނާޅުވާނެ ކަމަށާއި އީދުގައި އެހެން ގައުމުގެ ފިލްމުތައް އެޅުވުމުގެ ސަބަބުން އެ ދުވަސްވަރު އަޅުވާ ޕާކިސްތާނުގެ ފިލްމުތަކަށް ބުރޫ އަރާ ކަމަށެވެ.

ގައުމުގެ އިންފޮމޭޝަން އަދި ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ބުނީ، އީދުގެ ދެ ދުވަސް ކުރިން ފެށިގެން ކުރިއަށް އޮންނަ ދެ ހަފްތާގައި ވެސް އެއްވެސް ބޭރު ފިލްމެއް އެ ގައުމުގައި ނާޅުވާނެ ކަމަށެވެ. އަދި އެ ގޮތަށް ނިންމީ އީދު ދުވަސްތަކުގައި ޕާކިސްތާނުގެ ފިލްމުތައް ބޮޑަށް ޕްރޮމޯޓް ކުރުމުގެ މަގްސަދުގައި ކަމަށެވެ.

ބޭރުގެ ރިޕޯޓްތައް ބުނާގޮތުގައި ޕާކިސްތާނުގައި "ރޭސް 3" ރިލީޒްކުރެވޭނީ އިންޑިއާގައި އެ ފިލްމު އަޅުވާތާ ދެ ހަފްތާ ފަހުން ކަމަށެވެ.

ފިލްމުގެ އަންހެން ލީޑަކީ ޖެކްލީން އެވެ. ސަލްމާން އާއި ޖެކްލީންގެ އިތުރުން ފިލްމުން ދެން ފެނިގެން ދާނީ ބޮބީ ޑިއޯލް އާއި ޑެއިޒީ ޝާހް، ފްރެޑީ ދާރޫވާލާ، އަނިލް ކަޕޫރު އަދި ސާގިބް ސަލީމް އެވެ.

ފުރަތަމަ ދެ ފިލްމާ ޚިލާފަށް 'ރޭސް 3' ޑައިރެކްޓު ކުރާނީ ބޮލީވުޑްގެ ކާމިޔާބު ކޮރެއޮގްރަފާރު އަދި ޑައިރެކްޓަރު ރޭމޯ ޑިސޫޒާ އެވެ. ފިލްމު ޕްރޮޑިއުސް ކުރާނީ ރަމޭޝް ޓޯރާނީ އެވެ.

ފިލްމުގެ ހާއްސަ ފެނިލުމަކުން ބަތަލާ ސޮނާކްޝީ ސިންހާ ވެސް ފެނިގެންދާނެ އެވެ.

ފިލްމުގެ ފުރަތަމަ ބައި ރިލީޒްކޮށްފައި ވަނީ 2008 ގަ އެވެ. ދެވަނަ ބައި ރިލީޒް ކުރީ 2013ގަ އެވެ.

މަސްދަރު: ޓައިމްސް އޮފް އިންޑިއާ

comment ކޮމެންޓް