ހޮޅުދޫގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކާއި ފިރިހެނަކު މަރުވެއްޖެ

ނ. ހޮޅުދޫ ބަނދަރު ސަރަހައްދު ---- ފޮޓޯ: އަދުނާން ހަލީމް

ނ. ހޮޅުދޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަންހެނަކާއި ފިރިހެނަކު މަރުވެއްޖެ އެވެ.

އެ އެކްސިޑެންޓުގައި 26 އަހަރުގެ އަންހެނަކާއި ފިރިހެނަކު މަރުވިކަން ހޮޅުދޫ ސިއްހީ މަރުކަޒުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ހޮޅުދޫ ކައުންސިލް މެމްބަރު އަހުމަދު އިރުފާން "ސަން" އަށް ވިދާޅުވީ މިރޭ 1:00 އެހާކަންހާއިރު އެ އެކްސިޑެންޓުގައި މަރުވި ދެ މީހުން ނަގާފައި ވަނީ އެ ރަށު ބަނދަރު ސަރަހައްދުގެ ފަޅުތެރެއިން ކަމަށެވެ.

"އެ ދެ މީހުން ވެސް ނަގާފައި ވަނީ މޫދު އަޑިން. ނެގިއިރު އެއްވެސް ހަރަކާތެއް ނެތް،" އިރުފާން ވިދާޅުވި އެވެ.

އިރުފާން ވިދާޅުވީ އެ ދެ މީހުން އެރަށު ފަޅުތެރެއަށް ވެއްޓިފައި ވަނިކޮށް ފެނިގެން އާންމު ރައްޔިތަކު މިރޭ ރިޕޯޓުކުރުމުން ފަސް ވަރަކަށް މިނިޓް ތެރޭ ފުލުހުންނާ ގުޅިގެން އެ ދެ މީހުން މޫދުން ނަގާފައިވާ ކަމަށެވެ.

އެ އެކްސިޑެންޓު ހިނގީ ކިހިނަކުން ކަމެއް އަދި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓުގައި މަރުވި ދެ މީހުންނާއި ސައިކަަލް ވެސް ނަގާފައި ވަނީ އެރަށު ފަޅުތެރެއިން ކަމަށެވެ. އެ އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިރޭ 1:30ގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"ފުލުހުން މިގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

comment ކޮމެންޓް