އަލީ ވަހީދާއި އަޑުބަރޭ ޖޭޕީއަށް ސޮއިކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ވަހީދު -- ފޮޓޯ: ޖޭޕީ

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ވަހީދާއި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ކުރި އަސްހަދު އަލީ (އަޑުބަރޭޭ) ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފިއެވެ.

އަލީ ވަހީދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ ޖަރުމަނުވިލާތުގައި މިރޭ ޖުމްހޫރީ ޕާޓީން ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމަނިކުފާނުގެ އެޑްވައިޒަރު އަދި ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވެސް ބައިވެރިވެވަޑައިގަތެވެ.

އަލީ ވަހީދާއި އަޑުބަރޭގެ އިތުރުން އެމްޑީޕީ ގައުމީ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައީސް ހަސަން ސުޖާއުއާއި އއ. އަތޮޅު ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަލީ ސަމީރާއި އެމްޑީޕީގެ މެންބަރު މުހައްމަދު ޝައްފާޒާއި އެމްޑީޕީ ގައުމީ މަޖިލީހުގެ މަތިވެރި ދާއިރާގެ ރައީސް މުހައްމަދު ސަމީރު އަދި ވަކީލާ ހަނީފާ ހާލިދު ވެސް މިރޭ އެ ޕާޓީއާ ވަނީ ގުޅިފައެވެ. އަޑުބަރޭ އަކީ މީގެ ކުރިން އެމްޑީޕީ ގައުމީ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ރައީސެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ސިޔާސީ މައިދާނުން މަގުބޫލުކަން ހޯއްދެވި އަލީ ވަހީދު ވަނީ ޑީއާރުޕީގެ ނައިބް ލީޑަރުގެ މަގާމު ވެސް އަދާކުރައްވައިފައެވެ. އަދި ޑީއާރުޕީގެ ޓިކެޓްގައި އޭރުގެ އެންމެ ހަގު ބޭފުޅެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ވެސް އަލީ ވަހީދު ވަނީ ހޯއްދަވައިފައެވެ.

ޖޭޕީއާ ގުޅިވަޑައިގެންނެވުމުގެ ކުރިން އެމްޑީޕީއާ އަލީ ވަހީދު ގުޅިވަޑައިގެންނެވީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ.

އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ އަލީ ވަހީދު، އެގައުމަށް ވަޑައިގަތީ 2015 ވަނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު މާލޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއަށް ފަހު، ފުލުހުން އޭނާ ހައްޔަރުކޮށް، ދޫކޮށްލުމާ އެކުއެވެ.

އަލީ ވަހީދުގެ މައްޗަށް އޭރު ޓެރަރިޒަމްގެ ދައުވާ ވެސް އުފުލިއެވެ. ނަމަވެސް އޭނާ ރާއްޖޭގައި ނެތުމުން އެ ޝަރީއަތް ވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެފައެވެ.

comment ކޮމެންޓް