ފަރުކޮއި ޕްރޮގްރާމް: 22،000 އަށްވުރެ ގިނަ ދަރިވަރުންނަށް ފަރުތައް ދައްކާލައިފި

ފަރުކޮއި ޕްރޮގްރާމްގެ ދަށުން މުހިއްޔުއްދީން ސްކޫލުގެ ދަރިވަރުން ފަރުތައް ބަލާލުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ: ޓުވިޓާ

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ދަރިވަރުންނަށް ރާއްޖޭގެ ފަރުތައް ދައްކާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ "ފަރުކޮއި" ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ސްކޫލުތަކުން 22819 ދަރިވަރުންނަށް ފަރުތައް ދައްކާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އުފާ ޕްރޮގްރާމުގެ ފަރާތުން ފާތިމަތު ސޯފިޔާ ރަޝީދު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފަރުކޮއި ޕްރޮގްރާމް ދަށުން މިހާތަނަށް ރާއްޖޭގެ 271 ސްކޫލެއްގެ ދަރިވަރުންނަށް ފަރުތައް ދައްކާލައިފައިވާ ކަމަށެވެ.

"ފަރުތައް ދައްކާލާ ނިންމާލި ސްކޫލުތަކުގެ ތެރޭގައި ސަރުކާރާއި އަމިއްލަ ސްކޫލުތައް ވެސް ހިމެނޭ،" ސޯފިޔާ ވިދާޅުވިއެވެ.

ސޯފިޔާ ވިދާޅުވީ ރަމަޟާން މަސް އައިއިރު ރާއްޖޭގެ ސްކޫލުތަކުގެ 30 ޕަސެންޓް، އެ ޕްރޮގްރާމް މިހާތަނަށް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމް މިހާރު އޮތީ ރަމަޟާން މަހަށް މެދުކަނޑާލާފައި ކަމަށާއި، ރަމަޟާން މަސް ނިމުމުން އަލުން ފަރުކޮއި ޕްރޮގްރާމް ފަށާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ފަރުކޮއި ޕްރޮގްރާމްގެ ދަށުން "ވޮއިސް ފޯ އޯޝަން" ސްކޫލަކަށް ވެވެނީ ދެ ކަމެއް ހާސިލްކޮށްގެންނެވެ. އެގޮތުން ފަރުތައް ދައްކާލުމުގެ އިތުރުން ސްކޫލުތަކުގައި "ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުންކުރުން ހުއްޓާލަން ޖެހެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންނަށް ފަރުތައް ދައްކާލުމުގެ ބައި އެންމެ ފުރަތަމަ ނިންމާލާފައިވަނީ މުހިއްޔުއްދީން ސްކޫލުން ކަމަށެވެ. އެ ސްކޫލުން އެ ޕްރޮޖެކްޓް ފުރިހަމަކޮށްފައިވަނީ މާޗް މަހު 12 ވަނަ ދުވަހުއެވެ.

comment ކޮމެންޓް