ކުރީގެ ޖަލުތަކުގައި އަނިޔާ ކުރާ ގޮތަށް މިހާރު އަނިޔާކުރާތަނެއް ނުފެނޭ: ނަޝީދު

ނަޝީދު ޖަލުގައި ހުންނެވި ދުވަސްވަރު ކަރެކްޝަންސްގެ ބެލުމުގެ ދަށުން ލޯންޗަށް އަރައިވަޑައިގަންވަނީ -- ސަންފޮޓޯ/ ފަޔާޒު މޫސާ

ކުރިން ޖަލުތަކުގައި އަނިޔާ ކުރާ ގޮތަށް މިހާރު ޖަލުތަކުގައި އަނިޔާ ކުރާތަން ނުފެންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމެރީއަށް ނަޝީދު ކުރައްވަމުން ގެންދަވާ ކެމްޕޭނުގެ ތެރެއިން އިއްޔެ ޖެއްސެވި ފޭސްބުކް ލައިވްއެއްގައި ނަޝީދު ވިދާޅުވީ ޖަލުތަކުގައި މީގެ ކުރިން އަނިޔާކުރި މިންވަރަށް މިހާރު އަނިޔާ ކުރާތަން ނުފެންނަ ކަމަށެވެ.

"ޖަލުތަކުގައި އަނިޔާކުރަމުން އައި އުސޫލުގައި ގޮތުގައި މިހާރުގެ ޖަލުތަކުގައި އަނިޔާކުރާތަނެއް އަޅުގަނޑަކަށް ފެނިފަކާއެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

މީގެ ކުރިން ޖަލުތަކުގައި މީހުން ގައިގައި ތަޅާ މަރާލާތަން ފެނިފައިވާ ކަމަށާއި މިހާރު އެހާ ނުރައްކާތެރި ކަމެއް ނުހިނގާ ކަމަށް ނަޝީދު ވިދާޅުވި އެވެ. މިހާރު ހިނގާ ކަމަކީ ތަފާތު އެކި ފިކުރު ފެތުރުން ކަމަށާއި އެއީ ނުރައްކާތެރި ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެހެންނަމަވެސް ޖަލުގައި ތިބޭ ކުދިންނާ އެކި ބާވަތް ބާވަތުގެ ފިކުރު އެކި ބާވަތް ބާވަތުގެ ހިޔާލު ފެތުރުމަށް ކަނޑައެޅިގެން ރޭވިގެން ޖަލުތަކުގައި އެބަ މަސައްކަތް ކުރޭ،" ނަޝީދު ވިދާޅުވި އެވެ.

ޖަލުތަކުގައި ކުށްވެރިން ބަލަހައްޓާ ގޮތަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ޖަލުތަކުގައި ތިބޭ ގައިދީންނާ ގުޅޭ ގޮތުން އަމަލު ކުރާ ގޮތް ގާތުން ބަލަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ގައުމެއްގެ ހަގީގީ ސިފަ ބިނާ ވަނީ އެގައުމުގެ ޖަލުގައި އަމަލުކުރާ ގޮތުގެ މައްޗަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނުރުހޭ މީހުންނާ މެދު އަމަލު ކުރާ ގޮތުގެ މައްޗަށް. ޖަލުގައި އެތިބެނީ މުޖުތަމައުއަށް ނުރުހޭ މީހުން. އެހެންވީމާ ނުރުހޭ މީހުންނާ މެދުގައި ކަން ކުރާ ގޮތް އެއީ ސީދާ އަޅުގަނޑުމެންގެ މޫނު އެންމެ ސާފުކޮށް ފެންނާނެ ލޯގަނޑަކީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވެސް ޖަލުގައި ދުވަސްތަކެއް ހޭދަ ކުރައްވަން ޖެހިވަޑައިގަން ބޭފުޅެކެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ޖަލުގައި ދުވަސްތަކެއް ހޭދަ ކުރެއްވި އެވެ.

ނަޝީދު ރާއްޖޭން ބޭރުގައި ހުންނެވީ ބޭސްފަރުވާއަށް ފޮނުއްވުމުން އިނގިރޭސިންގެ ހިމާޔަތް ހޯދަވައިގެންނެވެ.

comment ކޮމެންޓް