އެއްލަކިން ލައިސަންސް ލިބޭ ޕްރޮގްރާމުގައި މިރޭ ނަންބަރު ދޫނުކުރާނެ!

އެއްލަކިން ލައިސަންސް ނަގަން ކިޔު ހަދާފައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

"އެއްލަކިން މަށަށް ލައިސަންސް"ގެ ނަމުގައި ޓްރާންސްޕޯޓު އޮތޯރިޓީން ކުރިއަށްގެންދާ ޕްރޮގްރާމުގައި، މިރޭ ޓޯކެން ނަންބަރު ދޫ ނުކުރާނެ ކަމަށާއި، މިރޭ ޚިދުމަތްދޭނީ ރޭ ޓޯކެން ނަގާފައިތިބި މީހުންގެ ތެރެއިން ޚިދުމަތް ނުދެވޭ މީހުންނަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ސަން އަށް ވިދާޅުވީ، ރޭގެ ޕްރޮގްރާމުގައި ބައިވެރިވުމަށް 6000 އަށް ވުރެ ގިނަ މީހުން ކިޔުގައި ޖެހުނު ކަމަށެވެ. އޭގެ ތެރެއިން ޚިދުމަތް ނުދެވޭ 500 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށާއި މިރޭ އެ ހުރިހާ އެންމެންނަށްވެސް ޚިދުމަތް ދޭނެ ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވިސްނާފައި މިއޮތީ މިރޭ އެއްވެސް ވަރަކަށް ނަންބަރު ދޫނުކުރާން. ރޭ ގިނަ ބަޔަކު ކިޔުގައި ޖެހި ނަންބަރު ނެގި ނަމަވެސް ދޭއް ޖެހުމާހަމައަށް ވެސް ހިދުމަތް ނުދެވޭ ގިނަ ބަޔަކު އެބަތިބި،"

އަބްދުﷲ ވިދާޅުވީ، މި ޕްރޮގްރާމުގެ މުއްދަތު އިތުރުކޮށް ލައިސަންސް ނަގަން ބޭނުންވާ ހުރިހާ މީހުންނަށް އެ ފުރުސަތު ދޭނެ ކަމަށެވެ.

"މިހާރު ނިންމާފައި މިއޮތީ މި ޕްރޮގްރާމުގެ މުއްދަތު އިތުރު ކުރަން. އެއީ ކިހާ މުއްދަތަކަށްތޯ، މާދަމާ އިއުލާނު ކުރާނަން،" އަބްދުﷲ ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ދަށުން ހޯމަ ދުވަހުގެރޭގެ ލައިސަންސް ނަގަން ފޯމުލާ މީހުންނަށް އެދުވަހުގެ ހެނދުނު ޓޯކަން ދޫކުރަން ނިންމާފައިވާ ކަމަށްވެސް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.

އެއްލަކިން މަށަށް ލައިސަންސްގެ ނަމުގައި ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމަށް ރޭ ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. 21:00 ގައި ފަށަން ނިންމާފައިވާ ޕްރޮގްރާމުގައި ބައިވެރިވުމަށް 20:00 އިން ފެށިގެން ކިޔު ހަދާފައި އޮތެވެ.

ރޭ ލައިސަންސް ލިބުނު ފަރާތްތަކުގެ ތެރެއިން ލައިސަންސް ނުލިބޭ މީހުންނަށް ލައިސަންސް ދޫކުރުން މިއަދު މެންދުރު ދޭކުން ފެށިގެން ޓްރާންސްޕޯޓު އޮތޯރިޓީގައި ކުރިއަށްދާނެ ކަމަށް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ދަށުން އޭ0، އޭ1، ބީ1 އަދި ސީ1 ކެޓަގަރީ އިން ލައިސަންސް ހެދޭނެއެވެ. އަދި ކުރިން ލައިސަންސް ނަގާފައިވާ މީހުންނަށް، މި ކެޓަގަރީތަކުން ލައިސަންސަށް ކެޓަގަރީ އިތުރުވެސް ކުރެވޭނެއެވެ.

މި ޕްރޮގްރާމުގެ ދަށުން ލައިސަންސް ނަގާ ފަރާތްތަކުންވެސް ޑްރައިވިން ޓެސްޓުގެ ފީއަށްވާ 100 ރުފިޔާ އާއި ތިއަރީ ޓެސްޓުގެ ފީއަށްވާ 100 ރުފިޔާ އަދި ރެވެނިއު ސްޓޭމްޕަށްވާ 50 ރުފިޔާ ދައްކަން ޖެހޭނެއެވެ. ކޮންމެ ރެއަކުވެސް ޓެސްޓު ހެދުމުގެ ފުރުސަތު ދޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. ތިއަރީ ޓެސްޓުގެ ކުރިން ޓްރެފިކާ ގުޅޭ މައުލޫމާތު ދިނުމަށް 15 މިނެޓުގެ ސެޝަނެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު ޓެސްޓު ހަދާއިރު އެއްފަހަރާ 40 ނޫނީ 50 މީހުންނަށް ތިއަރީ ޓެސްޓު ހެދޭނެއެވެ.

މާލެއަށްފަހު ހުޅުމާލޭގައިވެސް މި ޕްރޮގްރާމު ކުރިއަށްގެންދަން ނިންމާފައިވާއިރު މާލެ ސަރަހައްދު ނިމުމުން އާބާދީ ބޮޑެތި ސަރަހައްދު ތަކުގައިވެސް "އެއްލަކިން ލައިސަންސް" ލިބޭ ޕްރޮގްރާމު ކުރިއަށްގެންދަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް