2023 އަންނަންވާއިރަށް ކާބޯތަކެތީގައި ޓްރާންސްފެޓް އެކުލެވޭ މިންވަރު މަދުކުރަނީ

ކާބޯތަކެތީގައި ޓްރާންސްފެޓް ހިމެނޭ މިންވަރު 2023 އަންނަންވާއިރަށް އެއްކޮށް މަދުކޮށް، ހުއްޓާލަން އަމާޒު ހިފައިފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯގެ އިސްނެގުމަކަށް ކާބޯތަކެތީގައި ޓްރާންސްފެޓް ނުހިމަނަން ނިންމައި، އެ ޖަމްއިއްޔާ އިން ވަނީ އެކަން ކުރާނެ ގޮތުގެ ޕްލޭނެއްވެސް އެކުލަވާލައިފައެވެ.

"ރިޕްލޭސް"ގެ ނަމުގައި ޑަބްލިއުއެޗްއޯ އިން ފެށި މި ހަރަކާތުގެ ދަށުން ކާއެއްޗެހީގައި އާޓިފިޝަލް ޓްރާންސްފެޓް ހިމަނާ މިންވަރު އެއްކޮށް ހުއްޓާލަން ގާނޫނެއްގެ ދަށުން އަމަލު ކުރަން ވަނީ ނިންމައިފައެވެ. އަދި ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޑަބްލިއުއެޗްއޯ އިން އެ މަސައްކަތް ފަށާނެއެވެ.

ޖެނީވާގައި ހުންނަ ޑަބްލިއުއެޗްއޯގެ ޑިޕާޓްމެންޓް އޮފް ނިއުޓްރިޝަން ފޯ ހެލްތު އެންޑް ޑިވެލޮޕްމެންޓްގެ ޑިރެކްޓަރު ޑރ. ފްރާންސެސްކޯ ބްރާންސާ ވިދާޅުވީ ޑަބްލިއުއެޗްއޯގެ އިސްނެގުމުގެ މަގްސަދަކީ އެ ޖަމްއިއްޔާގެ މެންބަރު ގައުމުތަކުގައި، ކާބޯތަކެތީގައި ޓްރާންސްފެޓް އެކުލެވޭ މިންވަރު އެއްކޮށް ކުޑަކުރުމަށް ގާނޫނުތައް އެކުލަވާލައި، 2023 އަންނަންވާއިރަށް އެއަށް އަމަލު ކުރުން ކަމަށެވެ.

އާޓިފިޝަލް ޓްރާންސްފެޓަކީ ވެޖިޓަބަލް އޮއިލްގައި ކާއެއްޗެހި ތެލުލައި ފިހެ ހަދާއިރު ތެލަށް ހޫނުވެގެން ކާއެއްޗެހީގައި އުފެދޭ އެއްޗެކެވެ. ކޮފީ ކްރީމާ، މާޖިރިން އަދި ރެޑީ ޓު ޔޫސް ފްރޯސްޓިންގައި އާޓިފިޝަލް ޓްރާންސްފެޓް ގިނަ އަދަދަކަށް އެކުލެވެއެވެ.

އާޓިފިޝަލް ޓްރާންސްފެޓުގެ ސަބަބުން ލޭ މައްޗަށް ދިއުމާއި ކޮލެސްޓްރޯލު މަތިވުން އަދި ހިތުގެ މައްސަލަތައް ކުރިމަތިވުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ. ޓްރާންސްފެޓުގެ ސަބަބުން ސިއްހީ މައްސަލަތައް އެންމެ ގިނައިން ކުރިމަތިވަނީ ދެކުނު އޭޝިއާގެ ގައުމުތަކުގައި ކަމަށް ޑރ. ފްރާންސެސްކޯ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މެކްސިކޯ ފަދަ ލެޓިން އެމެރިކާގެ ގައުމުތަކުގައިވެސް މި މައްސަލަ ބޮޑުވި ނަމަވެސް މިހާރު އެކަން ކޮންޓްރޯލު ކުރުމަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

ކާބޯތަކެތީގައި ޓްރާންސްފެޓު އެކުލެވޭ މިންވަރު ކުޑަކުރަން މެދުއިރުމަތީގެ ގައުމުތަކުން ފިޔަވަޅު އަޅަމުންދާ ކަމަށްވެސް ޑރ. ފްރާންސެސްކޯ ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޯސް އެޑެނޮމް ވިދާޅުވީ ދުނިޔޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވެފައިވާ ކަމަށާއި، ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާ މީހުންގެ އަދަދުވެސް އިތުރުވެފައިވާ ކަމަށެވެ.

ސީއެންއެން

comment ކޮމެންޓް