ޗެމްޕިއަންސް ލީގު ފައިނަލް ބެލުމަށް ޕީޓާ ކްރައުޗް ރާއްޖެއަށް!

ނިއު އަދި މާޒިޔާއިން ފެނުނު ފާރޫގު އިސްމާއީލާއެކު ކްރައުޗް ނަގާފައިވާ ފޮޓޯއެއް --- ފޮޓޯ/ ފާރޫގު އިސްމާއީލް ފޭސްބުކް

ލިވަޕޫލާއެކު 07-2006 ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކުރި ޕީޓާ ކްރައުޗް، ޗުއްޓީ ހޭދަކޮށްލުމަށް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ކްރައުޗާއެކު 2007 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅުނު ފަހުން ލިވަޕޫލް ފުރަތަމަ ފަހަރަށް އަނެއްކާވެސް ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅޭނީ މާދަމާ ރޭ ރެއާލް މެޑްރިޑާ ދެކޮޅަށެވެ.

އިނގިރޭސި ގައުމީ ޓީމަށްވެސް 42 މެޗު ކުޅެދީފައިވާ ކްރައުޗް، ލިވަޕޫލަށް ކުޅެފައިވަނީ 2005 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށެވެ. އޭގެ ފަހުން ޕޯޓްސްމައުތާއި ޓޮޓެންހަމްއަށް ވެސް ކުޅުނު ކްރައުޗް އެންމެ ފަހުން ކުޅެފައިވަނީ ސްޓޯކް ސިޓީއަށެވެ. 2011 ވަނަ އަހަރުން ފެށިގެން ސްޓޯކްގައި ހޭދަކުރި ކްރައުޗަށް މިދިޔަ ސީޒަން ވެފައިވަނީ ހިތްދަތި ސީޒަނަކަށެވެ. އެގޮތުން ޕްރިމިއާ ލީގުން ސްޓޯކް ސިޓީ ރެލިގޭޓް ވެފައިވާ އިރު، ކްރައުޗް ވަނީ އެކަމަށްޓަކައި ސަޕޯޓަރުންގެ ކިބައިން މާފަށް އެދިފައެވެ.

މިހާތަނަށް އިނގިރޭސި ޓޮޕް ފްލައިޓުގައި 700 އަށްވުރެ ގިނަ މެޗު ކުޅެ، 200 އަށްވުރެ ގިނަ ގޯލް ޖަހައިފައިވާ ކްރައުޗްގެ އުމުރުން މިހާރު 37 އަހަރެވެ. އޭނާ ވަނީ އިނގިރޭސި ގައުމީ ޓީމާއެކު ދެ ވޯލްޑް ކަޕް ކުޅެ، ގައުމީ ޓީމަށް 22 ގޯލް ޖަހައިދީފައެވެ.

ކުރިއަށް އޮތް ސީޒަންގައި އޭނާ ކުޅޭނެކަން، ނުވަތަ ރިޓަޔާ ކުރާނެކަން ކްރައުޗް އަދި އިއުލާންކޮށްފައި ނުވާ އިރު، ލަފާކުރެވެނީ އޭނާގެ ކުރިމަގާ މެދު ގޮތެއް ނިންމާނީ ރާއްޖޭގައި ހޭދަކުރާ ޗުއްޓީއަށް ފަހުގައި ކަމަށެވެ.

comment ކޮމެންޓް