ދެވަނަ މެޗުވެސް ކާމިޔާބުކޮށް، މާޒިޔާ ދެވަނަ ބުރަށް

މާޒިޔާއިން މުބާރާތުގައި ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ/ މޯލްޑިވްސް ސޮކާ މޭޓްސް

ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ވެޓެރަންސް ކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް، އެޓީމު ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

އެފްއޭއެމް ޓާފް އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ ބުރުގެ 'ގްރޫޕް އޭ'ގެ މެޗުގައި މާޒިޔާއިން ކްލަބު އީގަލްސް ބަލިކުރީ 5-1ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އެ މެޗުގައި މާޒިޔާގެ އިސްމާއީލް މުހައްމަދާއި މުހައްމަދު ނިޔާޒު، ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލް ޖަހައިފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ މާޒިޔާގެ މުހައްމަދު ނިޔާޒެވެ. މާޒިޔާގެ ފަސްވަނަ ގޯލް އިބްރާހީމް ޝާފިއު ކާމިޔާބުކޮށްދިން އިރު، މެޗުގައި އީގަލްސްއިން ޖެހި ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއީލް ނިޔާޒެވެ.

އިއްޔެގެ މެޗުން މޮޅުވެ މާޒިޔާއިން ވަނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައިފައެވެ. ގްރޫޕްގެ އެއްވަނައިގައި ވެލެންސިއާ ވެސް އޮތީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓާއެކު ފައިދާ ގޯލްގެ ތަފާތުންނެވެ. ގްރޫޕްގެ ކޮންމެ ޓީމަކަށްވެސް ބާކީ މެޗެއް އޮތް އިރު، މިހާތަނަށް ކުޅުނު ދެ މެޗުންވެސް އީގަލްސްއާއި ޕޮލިސް ކްލަބަށް ޕޮއިންޓެއް ހޯދިފައެއް ނުވެއެވެ.

އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) އިން ކުރިއަށްގެންދާ އެ މުބާރާތުގައި ރާއްޖޭގެ ކުރީގެ ގިނަ ތަރިންތަކެއް ފެނިގެންދާ އިރު، މިއަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކުރެއެވެ.

އެ މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ދެވަނަ ބުރަށް ދާނީ ކޮންމެ ގްރޫޕަކުންވެސް އެއްވަނަ ޓީމާއި ދެވަނަ ޓީމު އަދި ދެ ގްރޫޕްގެ ތިންވަނަ ޓީމުގެ މެދުގައި ކުޅޭ ޕްލޭއޯފް މެޗު ކާމިޔާބުކުރާ ޓީމެވެ.

ގްރޫޕް އޭގައި ހިމެނޭ ޓީމުތައް:

ކްލަބު ވެލެންސިއާ

ކްލަބު އީގަލްސް

ޕޮލިސް ކްލަބު

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

ގްރޫޕް ބީގައި ހިމެނޭ ޓީމުތައް:

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު

ދިވެހި ސިފައިންގެ ކްލަބު

ވިކްޓަރީ ސްޕޯޓްސް ކްލަބު

ދެވަނަ ބުރުގައި ވާދަކުރާ ފަސް ޓީމުގެ މެޗުތައް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. ދެވަނަ ބުރުގެ ކުޅުން ނިމޭއިރު އެއްވަނައިގައި އޮންނަ ޓީމު އޮޓޮމެޓިކުން ފައިނަލަށް ދަތުރުކުރާ އިރު، ދެން ފައިނަލަށް ދާނީ ދެވަނަ ބުރުގެ ދެވަނައާއި ތިންވަނަ ޓީމު ކުޅޭ ޕްލޭއޯފް މެޗު ކާމިޔާބުކުރާ ޓީމެވެ.

އެ މުބާރާތުގައި މިއަދުވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު 4:30ގައި އެފްއޭއެމް ޓާފް އެއް ނަމްބަރު ދަނޑުގައި ކުޅޭ 'ގްރޫޕް ބީ'ގެ މެޗުގައި ވާދަކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.

comment ކޮމެންޓް