ކޮންމެ ދުވަހަކު ކާންވީ ބިހެއް!

ކޮންމެ ދުވަހަކު ބިހެއް ކެއުމަކީ ހާޓް އެޓޭކް އަދި ސްޓްރޯކު ޖެހުމުން ދުރުކޮށްދޭނެ ކަމެއްކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޗައިނާގެ ހަތަރު ލައްކަ އަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މި ދިރާސާގެ ނަތީޖާ ދައްކާގޮތުން ދުޅަހެޔޮ ލައިފްސްޓައިލެއް ބޭނުންނަމަ ކެއުމުގައި ބިސް ހިމަނަން ކޮންމެހެންވެސް ޖެހޭނެއެވެ.

ކޮންމެ ދުވަހަކު ބިސް ކާ މީހުންނަށް ހިތުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު އެނޫން މީހުންނަށްވުރެ 18 ޕަސެންޓު ކުޑައެވެ.

ބިހުގައި ހައި ކޮލެޓީ ޕްރޮޓީން އަދި އެނޫންވެސް ފައިދާހުރި މާއްދާތައް ހިމެނޭއިރު އެއީ ގިނަ އަދަދަކަށް ކޮލެސްޓްރޯލުވެސް ހިމެނޭ އެއްޗެކެވެ. ނަމަވެސް ދުވާލަކު އެއްބިހަށް ކޮންޓްރޯލުކޮށްގެން ކާނަަމަ އޭގެ ނަތީޖާ ފެންނަކަން ދިރާސާއިން ވަނީ ހާމަވެފައެވެ.

މި ދިރާސާގައި ބައިވެރިވި މީހުން ކޮންމެ ދުވަހަކުވެސް ކައި އުޅުނީ ކުކުޅު ބިހެކެވެ. ދިރާސާ ފެށީ ޗައިނާގެ 10 ސަރަހައްދެއްގައި ދިރިއުޅޭ ބައި މިލިއަން މީހުންނާ އެކުގައެވެ. އޭގެ ފަހުން ހަތަރު ލައްކައަށް އަދަދު ތިރިކުރިއެވެ. އެ މީހުންނަކީ ކެންސަރު، ޑައިބެޓިކްސް އަދި އެއްވެސް ކަހަލަ ދާއިމީ ބައްޔެއް ނުހުންނަ މީހުންނެވެ.

އޭގެ ތެރެއިން 13 ޕަސެންޓް މީހުންނަކީ ދުވާލަކު ބިހެއް ކާ މީހުންނެވެ. އަދި ނުވަ ޕަސެންޓަކީ އެއްވެސް ވަރަކަށް ބިސް ނުކާ މީހުންނެވެ.

މި ދިރާސާ ނުވަ އަހަރު ވަންދެން ކުރިއަށް ގެންދިޔައެވެ. ދިރާސާގެ އެންމެ މުހިއްމު ފޯކަސް އަކީ ބައިވެރިންނަށް ހިތުގެ މައްސަލަތައް ކުރިމަތިވޭތޯއެވެ. 9000 އަށް ވުރެ ގިނަ މީހުން ހިތުގެ މައްސަލަތަކުގައި މަރުވިއެވެ. 84000 މީހުންނަށް ކޮންމެވެސް ކަހަލަ ހިތުގެ ބައްޔެއް ކުރިމަތިވެފައި ވެއެވެ.

ދުވާލަކު އެއް ބިސް ކޭ މީހުންނަށް ހާޓް އެޓޭކް ޖެހުމާއި ސްޓްރޯކު ޖެހުމުގެ ފުރުސަތު 12 ޕަސެންޓް ކުޑަކަމަށް ވަނީ ފާހަގަ ކޮށްފައެވެ.

ބްރިޑިޝް ޑައިޓެޓިކް އެސޯސިއޭޝަންގެ ޑރ. ފްރޭންކިސް ފިލިޕް ވިދާޅުވީ ދުވާލަކު ބިހެއް ކެއުމަކީ ސިއްހަތަށް ފައިދާވާނެ ކަމެއް ކަމަށާއި ގިނަ ވެގެން ދެ ބިސް ކެއުންވެސް މައްސަލައެއް ނޫން ކަމަށެވެ.

ބީބީސީ/ސީއެންއެން

comment ކޮމެންޓް