އަލްޑަވެރެލްޑާއި ފްރެޑް ހޯދުމަށް ޔުނައިޓެޑުން މަސައްކަތް ކުރަނީ

ޓޮޓެންހަމްގެ ބެލްޖިއަމް ޑިފެންޑަރު ޓޮބީ އަލްޑަވެރެލްޑް ---

އިނގިރޭސިވިލާތުގެ ޓޮޓެންހަމްއަށް ކުޅެމުން އަންނަ ބެލްޖިއަމް ޑިފެންޑަރު ޓޮބީ އަލްޑަވެރެލްޑާއި ޔުކުރެއިންގެ ޝަކްތާ ޑޮނެސްކަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް ގެންދިޔުމަށް މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ފަށައިފިއެވެ.

މި ސީޒަންގައި ލީގު ތާވަލުގެ ދެވަނަގައި ނިންމާލި ޔުނައިޓެޑަށް ސީޒަން ނިންމާލަން ޖެހުނީ ޓްރޮފީއެއް ނުލިބި ހުސްއަތާއެވެ. މި ސީޒަނަށްފަހު ކޯޗު ހޯޒޭ މޮރީނިއޯ ބުނެފައިވަނީ ޓީމަށް އިތުރު ކުޅުންތެރިން ބޭނުންވާ ކަމަށެވެ.

މިދިޔަ ހޫނު މޫސުމާއި ފިނި މޫސުމުގެ ޓްރާންސްފާ ސީޒަންގައިވެސް ބޮޑެތި ހޭދަތަކެއް ކުރި ޔުނައިޓެޑަށް، އަލްޑަވެރެލްޑާއި ފްރެޑް ގެންދިޔުމަށް ޖުމްލަ 100 މިލިއަން ޕައުންޑަށްވުރެ އިތުރު އަގެއް ދައްކަން ޖެހޭނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އަލްޑަވެރެލްޑާއި ފްރެޑްވެސް މިހާރު ފަރިތަކުރަމުންދަނީ އެ ދެ ކުޅުންތެރިންގެވެސް ގައުމީ ޓީމާއެކު ވޯލްޑް ކަޕަށް ތައްޔާރުވުމަށެވެ. މީޑިއާ ރިޕޯޓުތައް ބުނެފައިވާގޮތުން ޔުނައިޓެޑުން ފްރެޑްގެ ޓްރާންސްފާ ވޯލްޑް ކަޕްގެ ކުރިން ނިންމަން ބޭނުންވި ނަމަވެސް އަލްޑަވެރެލްޑްގެ ސޮއި ހޯދުމަށް އަދި ދުވަސްކޮޅެއް ނަގާނެއެވެ.

މީޑިއާ ރިޕޯޓުތައް ބުނެފައިވަނީ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ބްރެޒިލުން މި ހަފްތާގައި އިނގިރޭސިވިލާތުގައި ކޭމްޕެއް ކުރަން ހަމަޖެހިފައިވާ އިރު، ފްރެޑްގެ ޓްރާންސްފާ ކަންކަން ނިންމައި މި ހަފްތާ ތެރޭ އިއުލާން ކުރުމަށް ޔުނައިޓެޑް ތައްޔާރަށް އޮތް ކަމަށެވެ.

ޝަކްތާރު ޑޮނެސްކަށް ކުޅެމުން އަންނަ ފްރެޑްގެ ސޮއި ހޯދުމަށް ޔުނައިޓެޑްގެ ވާދަވެރި ސިޓީންވެސް ބޮޑު މަސައްކަތެއް ކުރަމުން ދެއެވެ. ޝަކްތާރުން ފްރެޑުގެ އަގަކަށް 35 މިލިއަން ޕައުންޑް ކިޔާފައިވާ އިރު، ކްލަބުގެ ރައީސް ވިދާޅުވެފައި ވަނީ ފްރެޑް ވިއްކާލާނެ ކަމަށެވެ. ޝަކްތާރުގެ ރައީސް ވިދާޅުވީ ފްރެޑް ވިއްކާލާނީ ޔޫރަޕްގެ ބޮޑު ކްލަބަކަށް ކަމަށާއި އެކަމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

އަލްޑަވެރެލްޑް މިވަގުތު ހުރީ އޭނާގެ އެންމެ ރަނގަޅު ފޯމުގައެއް ނޫނެވެ. މިދިޔަ ސީޒަންގައި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުމެއް ދެއްކި ޑިފެންޑަރަށް މި ސީޒަންގައި ދިމާވި ފަލަމަސްގަނޑުގެ އަނިޔާއިން ރިކަވާ ވުމަށް އޭނާ ގިނަ މެޗުތަކެއް ކުޅެފައެއް ނުވެއެވެ.

ޔުނައިޓެޑުން ޓީމަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރާ އިރު، އިޓަލީގެ ޑިފެންޑަރު ޑާމިއަންގެ އިތުރުން ޑެލީ ބްލިންޑާއި ލޫކް ޝޯވެސް ޓީމު ދޫކޮށްލަން ތައްޔާރުވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް