ވިކްޓަރީގެ ޓެކްނިކަލް ޑިރެކްޓަރަކަށް މުހައްމަދު އާދަމް

ވިކްޓަރީގެ ޓެކްނިކަލް ޑިރެކްޓަރު މުހައްމަދު އާދަމް --- ފޮޓޯ/ މީސް މީޑިއާ

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް ކޯޗު މުހައްމަދު އާދަމް ހަމަޖައްސައިފިއެވެ.

ވިކްޓަރީގެ ބޯޑުން މުހައްމަދު އާދަމް، އެ މަގާމަށް ހަމަޖައްސާފައިވަނީ މިސީޒަންގެ ބާކީ ބައިގައި އޭނާގެ ފަރާތުން ޓެކްނިކަލް އެހީތެރިކަން ކްލަބަށް ހޯދުމުގެ ގޮތުންނެވެ. މުހައްމަދު އާދަމަކީ އޭއެފްސީގެ އޭ ލައިސަންސް ކޯޗެކެވެ. އަދި ރާއްޖޭގެ ކުޅިވަރުގެ އެކިއެކި ކަންކަމުގައި ހަރަކާތްތެރިވެ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ބޭފުޅެކެވެ.

ވިކްޓަރީގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ހަވާލުވުމަށްފަހު "ސަން ސްޕޯޓްސް"އަށް ވާހަކަ ދައްކަމުން ބާސްކެޓްބޯލް އެސޯސިއޭޝަން އަދި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވި މުހައްމަދު އާދަމް ވިދާޅުވީ އޭނާގެ މައިގަނޑު މަސައްކަތަކީ ކޯޗު، ލާޒްލޯ ކިސްއަށް ޓެކްނިކަލް ލަފާ ދިނުން ކަމަށެވެ. އަދި ޓީމުގެ ކުޅުންތެރިންގެ ހުރިހާ ކަމެއް ބެލުމުގެ އިތުރަށް ކުރިއަށްއޮތް ޓްރާންސްފާ މާކެޓަށް ކުޅުންތެރިން ސްކައުޓް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާނެ ކަމަށް މުހައްމަދު އާދަމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މުހައްމަދު އާދަމް ވިދާޅުވީ އޭނާގެ ތަޖުރިބާގެ އަލީގައި ރަނގަޅު ޔޫތު ސިސްޓަމެއް ކްލަބު ލެވެލްގައި ގާއިމު ކުރުމަށް ދުރުރާސްތާ ޕްލޭނެއް މިހާރު އެކުލަވާލެވި، އޭނާ ބޭނުންވާ ބައެެއް ކަންކަން ބޯޑަށް ހުށަހެޅުމަށް ތައްޔާރުވާ ކަމަށެވެ. ހަމައެއާއެކު ކުރިއަށް އޮތް ސީޒަން ބްރޭކްގައި ވިކްޓަރީގެ ކުޅުންތެރިން ޓްރެއިނިން ކޭމްޕަކަށް ދިއުމަށް ތައްޔާރުވަމުންދާ ކަމަށާއި، ދާނެތަނެއް ކަނޑައަޅާނީ ކޯޗު ކިސްގެ ލަފާގެ ދަށުން ކަމަށްވެސް މުހައްމަދު އާދަމް ވިދާޅުވިއެވެ.

މުހައްމަދު އާދަމަކީ ރާއްޖޭގެ ކުޅިވަރުގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. ހާއްސަކޮށް ސްކޫލް ލެވެލްއިން ފެށިގެން ކުދިން ތަމްރީނު ކުރުމަށް ހާއްސަ އިސްކަމެއް ދޭ މުހައްމަދު އާދަމް ވަނީ ލަންކާ ފުޓުބޯޅަ ލީގުގެ ކްލަބެއްގެ ކޯޗުކަންވެސް ކޮށްފައެވެ. އަދި ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ޓެކްނިކަލް ކަންކަމުގައި މަސައްކަތްތަކެއް ކުރެއްވި މުހައްމަދު އާދަމް ވަނީ ވޮލީބޯޅަ އެސޯސިއޭޝަންގައި ވެސް މަސައްކަތްކޮށްފައެވެ.

އެފްއޭއެމްއާއެކު ފުޓުބޯޅައިގައި މުހައްމަދު އާދަމް ކުރި މަސައްކަތްތަކަށް ބަލާ އިރު، އެ އިދާރާއިން ރާވައިގެން ކުރިއަށްގެންދާ އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ އޮނިގަނޑު ފަރުމާކޮށް، މުބާރާތް ބޭއްވުމުގައި ޓެކްނިކަލް މަސައްކަތްތައް ހިމެނެއެވެ.

ހަންގޭރީގެ ކޯޗު، ލާޒްލޯ ކިސްގެ އިރުޝާދުގެ ދަށުން ވިކްޓަރީން މިސީޒަންގައި އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން މިހާތަނަށް ލީގުގައި ކުޅުނު 10 މެޗުން 16 ޕޮއިންޓާއެކު ވިކްޓަރީ އޮތީ ތާވަލުގެ ފަސް ވަނައިގައެވެ.

comment ކޮމެންޓް