ރައީސަށް ޓިކެޓު ދިންކަން ޕީޕީއެމް އިން ވަނީ އަންގާފައި: އީސީ

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފުލުހުންނާ މަޝްވަރާ ކުރަނީ --

ޕްރައިމަރީ އަކާ ނުލައި، ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ދިނުމަށް ޕީޕީއެމްގެ ކައުންސިލުން ނިންމި ނިންމުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަދި އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް މިރޭ "ސަން" އަށް ވިދާޅުވީ ރައީސް ޔާމީނަށް ޕްރައިމަރީއާ ނުލައި ޓިކެޓް ދޭން ނިންމި ނިންމުން މިއަދު އެ ޕާޓީން އެ ކޮމިޝަނަށް ފޮނުވާފައިވާ ކަމަށެވެ.

އަކުރަމް ވިދާޅުވީ އެކަން މިހާރު ދިރާސާ ކުރަމުންދާ ކަަމަށެވެ.

"އޮންނަ އުސޫލުގެ ތެރެއިން ޕީޕީއެމް އިން މިއަދު ވަނީ އީސީއަށް އެކަން އަންގާފައި. މިހާރު މި ދިރާސާ ކުރަމުންދަނީ އަސާސީ ގަވައިދާ އެއްގޮތައތޯް އެކަން ނިންމާފައިވަނީ. ވަރަށް އަވަހަށް ނިންމާ ގޮތެއް އަޅުގަނޑުމެން ހާމަ ކުރާނަން،" އަކްރަމް ވިދާޅުވިއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ޕީޕީއެމްގެ ކައުންސިލުން އެ ޕާޓީގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް ދިނުމަށް ނިންމާފައިވަނީ ކައުންސިލްގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އެ ޕާޓިން އެގޮތަށް ނިންމީ ރައީސް ޔާމީން ދިވެހި ރާއްޖެއަށް އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުނާއި އުމްރާނީ ގޮތުން ގެންނަވަމުންދާ ތަރައްޤީއާއި އިސްލާމްދީން ހިމާޔަތް ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް ދެވަނަ ދައުރަކަށް ކުރިމަތިލުމުގެ ފުރުސަތެއް ދޭން ޖެހޭ ކަމަށް ގަބޫލުކުރެވޭތީ ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ ރައީސް ނަޝީދު އެކަންޏެވެ.

ރައީސް ނަޝީދު ބައިވެރިކޮށްގެން ޕްރައިމަރީ ބޭއްވުމުގެ މަސައްކަތް އެމްޑީޕީން އަންނަނީ ކުރަމުންނެވެ.

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވާދަނުކުރެއްވޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް އެޕާޓީއެއްގެ އާންމު މެމްބަރަކަށްވުން ފިޔަވައި އިތުރު އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭނެ ކަމަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ސާފު އިބާރާތުން ބަޔާންކޮށްފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އެހެންކަމުން ރައީސް ނަޝީދު ބައިވެރިކޮށް އެމްޑީޕީން ރިޔާސީ ޕްރައިމަރީ ބާއްވައިފިނަމަ އެ ޕާޓީއާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީއަށް އަންގާފައެވެ.

comment ކޮމެންޓް