ސްކޫލުތައް ބަންދެއް ނުކުރަން: އެޑިއުކޭޝަން މިނިސްޓްރީ

މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް --- ސަންފޮޓޯ/ އަލީ ނަސީރު

މާލޭގެ ބައެއް ސްކޫލުތައް ބަންދުކުރިކަމަށް އަޑު ފެތުރިފައި އޮތް ނަމަވެސް ސްކޫލުތައް ބަންދުކުރަން ނާންގާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު "ސަން" އަށް ވިދާޅުވީ ސްކޫލުތައް ބަންދުކުރަން މިނިސްޓްރީން ނާންގާ ކަމަށާއި އެހެންނަމަވެސް މިދުވަސްކޮޅު ޓެސްޓް ނިމިފައިވާތީ އަދި މިދުވަސްވަރަކީ ރޯދަމަސްކަމަށްވާތީވެ ކިޔެވުން ކުރިއަށް ގެންދާނެގޮތުގެ އިހްތިޔާރު ސްކޫލުތަކަށް މިނިސްޓްރީން ދީފައިވާ ކަމަށެވެ.

ސްކޫލުތަކުގެ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ސްކޫލުތައް ބަންދުވާނީ އަންނަ މަހު ހަތްވަނަ ދުވަހުއެވެ. ނަމަވެސް ޖަމާލުއްދީންއާއި އިސްކަންދަރާއި އަދި ތާޖުއްދީން ސްކޫލް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ފުރަތަމަ ޓާމް ޓެސްޓާއި އަދި އެހެނިހެން އެސެސްމަންޓްތައް ނުނިމޭ ދަރިވަރުންނަށް އަދިވެސް ސްކޫލަށް ދާން ޖެހެއެވެ.

އަންނަ ޓާމްގެ ކިޔެވުން ދެން ފެށޭނީ އަންނަ މަހު 18 ވަނަ ދުވަހުއެވެ.

ސްކޫލުތައް ބަންދުކުރީ މިހާރު މާލޭގައި ފެތުރަމުންދާ ހުމާ ގުޅިގެން ކަމަށްވެސް މިއަދު ވަރަށް ބޮޑަށް އަޑުފެތުރުނެވެެ. ނަމަވެސް އަކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.

comment ކޮމެންޓް