ތައުލީމީ ނިޒާމަށް އަންނަ ބަދަލާއެކު މުދައްރިސުންނަށް ހިތްހަމަޖެހުމާއި އުންމީދު!

ސީއެޗްއެސްސީގެ ޓީޗަރުންނަށް ޓެބްލެޓް ދޫކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޓުވިޓާ

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢާއި އާ މުޤައްރަރު ތަންފީޒުކުރުމުގެ މަސައްކަތްކޮށް ނިންމުމަށް މި އަހަރުގެ ބަޖެޓްގައި 154 މިލިއަން ރުފިޔާ ހިމެނި ހިސާބުންވެސް ގިނަ ބަޔަކު އެކަމަށް އުންމީދު ކުރަމުން ދިޔައެވެ. އެ އުންމީދު، ހަގީގަތަކަށްވެ މިހާރު ވަނީ މުދައްރިސުންނަށް ޓެބްލެޓް ދޭން ފަށައިފައެވެ.

ޓެބްލެޓް ތައާރަފްކޮށް އެ ޓެބްލެޓްތައް މުދައްރިސުންނާއި ހިސާބަށް އެޑިޔުކޭޝަން މިނިސްޓްރީން ފޯރުކޮށްދެމުންދާއިރު ގިނަ މުދައްރިސުން ތިބީ ތައުލީމީ ނިޒާމަށް އަންނަމުންދާ ބަދަލާއިމެދު ހިތްހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ތައުލީމީ ނިޒާމް ކައިރި މުސްތަގުބަލެއްގައި ތަރައްގީވެގެންގޮސްދާނެ ހިސާބެއް ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. ޚުދު މުދައްރިސުންވެސް ތިބީ މި އަވަސް ބަދަލާއި މެދު ހައިރާންވެ، "އަންތަރީސް" ވެފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޯރުކޮށްދެމުންދާ ޓެބްލެޓްތައް--ސަން ފޮޓޯ

"އަސްލު ވަރަށް އެކްސައިޓިން ކަމެއް މިއީ. އަބަދުވެސް ހިތަށް އަރާ ދުނިޔެއަށް އަންނަ ތަރައްގީއާއި އެކު އެންމެ ފަހުގެ ޓެކްނޮލޮޖީ ފިލާވަޅު ތަކުގައި ބޭނުން ކުރާނީ ކިހިނެއްބާއޭ. މިއަދު ފަހިވެގެންދިޔަ ފުރުޞަތާއި އެކު ކުދިންނަށް މިހާރަށްވުރެ ރަނގަޅަށް ކިޔައިދީ އޮޅުންފިލުވާ ދެވޭނެ،" ދަރުމަވަންތަ ސްކޫލުގައި މަސައްކަތް ކުރާ ޒުވާން މުދައްރިސަކު ބުންޏެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު ސަންއަށް ވިދާޅުވީ، މާލެގެ ހުރިހާ ސްކޫލެއްގެ މުދައްރިސުންނަށް މިދޔަ ހަފްތާތެރޭގައި ޓެބްލެޓް ދީ ނިންމާފައިވާ ކަމަށެވެ. އަދި ސްކޫލުތައް ޑީޖިޓަލައިޒް ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތައް މުދައްރިސުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.

"ޓީަޗަރުން ވަރަށް ޕޮޒިޓީވް މި މަޝްރުއުއާމެދު. ވަރަށް ބޮޑު އެއްބާރުލުމެއް ޓީޗަރުންގެ ފަރާތުން ލިބެމުންދަނީ. އެޑިޔުކޭޝަނުން މިވަރުގެ ޕްރޮޖެކްޓެއް މި ނިންމާލެވެނީ ޓީޗަރުންގެ ބޮޑު އެއް ބާރުލުމެއް ލިބިގެން،" ޝަފީއު ވިދާޅުވިއެވެ.

އަލަށް ތައާރަފް ކުރާ ނިޒާމުގެ ތެރެއިން މިހާރު މާލޭ ސްކޫލުތަކުގެ މުދައްރިސުންނަށް ޓެބްލެޓް ދީފައިވާއިރު، މާލޭގެ ބޮޑެތި ސްކޫލުތަކުގެ ޕްރިންސިޕަލުން ބުނީ މުދައްރިސުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަ ކަމަށާއި ހުރިހާ މުދައްރިސުންވެސް ތިބީ އަލަށް ތައާރަފްކުރާ ނިޒާމާއިއެކު ތައުލީމީ ދާއިރާއިން މިހާރު ހޯދަމުންދާ ކާމިޔާބީތައް އިތުރު އުސްމިންތަކަކަށް ގެންދިޔުމަށް "ކަމަރުބަނދެގެން" ކަމަށެވެ.

އިސްކަންދަރު ސްކޫލުގެ ޓީޗަރުންނާ ޓެބްލެޓްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެެއިން-- ފޮޓޯ: ފަޔާޒު މޫސާ

" އަޅުގަނޑުމެން ސްކޫލުގައި އެބަތިބި 150 އަށް ވުރެ ގިނަ ޓީޗަރުން. ހުރިހާ ޓީޗަރުންވެސް ތިބީ އައު ނިޒާމާއިމެދު ހިތްހަމަޖެހިގެން. ވަކިވަކި ޓީޗަރުންނާއި މި ކަމާއިމެދު ވާހަކަ ދެކެވެނު އިރު އެ ހުރިހާ ޓީޗަރުންވެސް މިކަމާ ވަރަށް ޕޮޒިޓީވް،" ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ހަސަން މުހައްމަދު ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، ބަވަނަ ވަމުން އަންނަ ދުނިޔޭގައި މިފަދަ ޓެކްނޮލޮޖީގެ ބޭނުން ތައުލީމީ ނިޒާމުގެ ތެރޭގައި ކުރުމަކީ މުހިންމު ކަމެއް ކަމަށާއި ހާއްސަގޮތެއްގައި މުދައްރިސުންނަށް މިއީ ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ. ހަސަން ފާހަގަކުރެއްވި ގޮތުގައި ފުރަތަމަވެސް ޓެބްލެޓްތައް މުދައްރިސުންނަށް ފޯރުކޮށްދިނުމަކީ ދަރިވަރުންނާ ހިސާބަށް ޓެބްލެޓްތައް ދާންވާއިރަށް އެއަށް އަހުލުވެރިވުމަށް މުދައްރިސުންނަށް ލިބިގެންދާނެ މުހިންމު ފުރުޞަތެއް ކަމަށެވެ.

" ފުރަތަމަ ޓީޗަރުންނަށް ޓެބްލެޓްތައް ދޭން މިނިސްޓްރީން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް. މިހާރުގެ ކުދިންނަކީ ވަރަށް ބޮޑަށް ޓެކްނޮލޮޖީއަށް ފަރިތަ ބައެއް. އެހެން ކަމުން ކުދިންނަށް ޓެބްލެޓް ދޭންވާއިރަށް ޓިޗަރުން އެބަޖެހޭ ވަރަށް ބޮޑަށް ޓެބްލެޓްތަކަށް އަހުލުވެރިވާން،" ތައުލީމީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ކުރައްވާފައިވާ ހަސަން ވިދާޅުވިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ދޭ ޓެބްލެޓް ތަކުގެ ފެންވަރާ މެދުވެސް މުދައްރިސުން ތިބީ ހިތްހަމަޖެހިފައެވެ. އެ ޓެބްލެޓް ތަކަކީ ވާވޭ ބްރޭންޑްގެ ޓެބްލެޓްތަކަށްވާއިރު ދެ އަހަރު ދުވަހުގެ ވޮރެންޓީއެއްވެސް ވަނީ ދީފައެވެ. އާންމުކޮށް ބާޒާރުގައި ވިއްކަން ހުރި އެ ބްރޭންޑުގެ ޓެބްލެޓަށް ލިބެނީ އަހަރު ދުވަހުގެ ވޮރެންޓީއެކެވެ. މި ޓެބްލެޓްތަކަށް ދޭން ޖެހޭ އާފްޓަރ ސޭލްސް ސާވިސްވެސް ފޯރުކޮށްދެނީ މިނިސްޓްރީންނެވެ.

"އަޅުގަނޑުވެސް ބަލާލިން ޓެބްލެޓް ލިބުނީމަ. މިއީ ހަމަ ވަރަށް ފެންވަރު ރަނގަޅު ޓެބެލެޓްތަކެއް. ތައުލީމީ ނިޒާމަށް މުހިންމު ގިނަ ކަންކަން މި ޓެބެލެޓް ތަކުގައިވަނީ ހިމަނާފައި. އަތަށްވެސް ލުއި އަދި ގެންގުޅެންވެސް ފަސޭހަ،" ސެންޓާރ ފޯ ހަޔާ ސެކެންޑަރީ އެޑިޔުކޭޝަންގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ ވިދާޅުވިއެވެ.

މުދައްރިސުންނަށް ފޯރުކޮށްދޭ ޓެބްލެޓްތަކާ އެކު މިނިސްޓްރީއާ މުދައްރިސާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެއެވެ. އެ އެއްބަސްވުމުގައި މުހިންމު ގިނަ ކަންކަން ހިމަނާފައިވާއިރު ބައެއް މީޑިއާތަކުގައި، މިނިސްޓްރީއާ އެކުވެވޭ އެއްބަސްވުމުގައި މުދައްރިސުން ސޮއިކުރަން ދެކޮޅު ހަދާފައިވާ ކަމަށް ބުނެފައިވީ ނަމަވެސް މިނިސްޓްރީން ބުނީ އެފަދަ ބޮޑު އެއްވެސް މައްސަލައެއް ފާހަގަނުކުރެވޭ ކަަމަށެވެ.

" މި އެއްބަސްވުމުގެ މާއްދާއެއްގައި މި އޮންނަނީ ޓެބްލެޓާއި ހަވާލުވާ ޓީޗަރުގެ ޒިންމާއެކޭ ޓެބްލެޓް ރަނގަޅަށް ބެލެހެއްޓުން އަދި އެއާ މެދު ޒިންމާވުން. މިގޮތަށް އޮތުން ބައެއް ބޭފުޅުންނަށް މައްސަލައަކަށްވި. ނަމަވެސް ވާހަކަދައްކައިގެން އެކަންކަން ހައްލުކުރެވިފައިވަނީ،" އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މި މަޝްރޫއުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ޝަފީއު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ މާލޭގެ ހުރިހާ ސްކޫލަކަށް ޓެބްލެޓްތައް ދީ ނިންމާލީއިރު އެއްވެސް މުދައްރިސަކު ޓެބްލެޓްތައް ބޭނުންކުރުމާއިމެދު ދެކޮޅު ނަހަދާ ކަމަށާއި އެއާ ހިލާފަށް އެ މުދައްރިސުންގެ ފަރާތުން ލިބުނީ ބޮޑު ތަރުހީބެއް ކަމަށެވެ.

މާލޭގެ އެންމެ ބޮޑު ސްކޫލު ކަމަށްވާ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދުވެސް ވިދާޅުވީ އެ ސްކޫލުގެ ހުރިހާ މުދައްރިސުންވެސް ތިބީ ތައުލީމީ ނިޒާމަށް އަންނަމުންދާ ބޮޑު ބަދަލާމެދު ހިތްހަމަޖެހިގެން ކަމަށާއި ހުރިހާ މުދައްރިސުންގެ ފަރާތުންވެސް އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

" ހުރިހާ ޓީޗަރުންވެސް ވަރަށް ޕޮޒިޓީވް މިކަމަށް. އެބޭފުޅުންވެސް ދެކެނީ މިއީ ވަރަށް މިހިންމު ކަމެއް ކަމަށް އަދި ކުރިއަށް އޮތްތާ ދަރިވަރުންނަށް މުހިންމު ކަމަކަށް މިކަން ވެގެންދާނެ ކަމަށް އެބޭފުޅުން ގަބޫލު ކުރައްވާ،" ސައީދު ވިދާޅުވިއެވެ.

ސައީދުގެ ބަސް، ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ހަސަން އަދި ރާއްޖޭގެ އެންމެ ބޮޑޫ ސްކޫލު، ސީއެޗްއެސްއީގެ ޕްރިންސިޕަލް ސޮފޫރާވެސް ތަކުރާރުކުރެއްވިއެވެ. އަދި އެ ބިޔަ މަޝްރޫއު ހަގީގަތަކަށް ވެގެންދަނީ މުދައްރިސުންގެ ބޮޑު އެއްބާރުލުމަކާއެކު ކަމަށް ވިދާޅުވިއެވެ.

މާލޭގެ ސްކޫލުތަކަށްފަހު ޢެޑިޔުކޭޝަނުން މިހާރު މިސްރާބު ޖަހާފައިވަނީ އަތޮޅު ތެރެއަށެވެ. ޝަފީއު ވިދާޅުވީ "މާލޭގެ ސްކޫލުތަކަށް ޓެބްލެޓް ދިނުމުގެ މަސައްކަތަށް ފަހު، މިހާރު ކުރިއަށް ދަނީ އަތޮޅު ތެރޭގެ ބައެއް ރަށްރަށް ޓެބްލެޓް ފޯރުކޮށްދިނުމުގެ މަސައްކަތް" ކަމަށެވެ. އަދި ވަރަށް އަވަހަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތައުލީމީ ނިޒާމަށް އަންނަ އިންގިލާބުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރާނެ ބަޔަކީ މުދައްރިސުން ކަމަށްވާއިރު އެ މުދައްރިސުން ތިބީ ފޮނި އުންމީދެއްގައެވެ. އަދި ހިތްހަމަޖެހިގެންނެވެ. މިހާރު މުދައްރިސުން ބުރަކޮށް މަސައްކަތް ކުރަމުންދަނީ ޒަމާނުންސުރެ ޗޯކާއި ކަޅު ބޯޑް ތަކުން މިންޖުވެ، އަތަށް ފަސޭހަ ޓެބްލެޓް ތަކާ އެކު ދިވެހި ޒުވާން ޖީލަށް ފޮނި މުސްތަގުބަލެއް ހޯދައިދޭށެވެ. މުދައްރިސުން ތިބީ ހިތްހަމަޖެހުމާއި އެކު ފޮނި އުންމީދުގައެވެ.

comment ކޮމެންޓް