ނޫސްވެރިންގެ ހާޒިރުގައި ނިއުކުލިއާ ހަތިޔާރު ސައިޓް އުތުރުކޮރެއާއިން ނައްތާލައިފި

އުތުުރު ކޮރެއާގެ ނިއުކުލިއާ ސައިޓް ޕުންގްޔެ ރީ--

ނޫސްވެރިންގެ ހާޒިރުގައި ނިއުކުލިއާ ހަތިޔާރުތައް ޓެސްޓުކުރާ ސައިޓް ނައްތާލައިފިއެވެ.

އުތުރު ކޮރެއާގެ ނިއުކުލިއާ ޓެސްޓް ސައިޓް "ޕުންގްޔެ ރީ" ނައްތާލީ އެތަން ގޮއްވާލައިގެންނެވެ. އެތަންް ގޮއްވަމުން ދިޔައިރު އެމެރިކާ، ޗައިނާ، ރަޝިޔާ، އިނގިރޭސިވިލާތް އަދި ދެކުނު ކޮރެއާގެ ނޫސްވެރިން ތިއްބެވެ.

"ސައިޓް ގޮއްވާލި ގަޑީގައި ވަރަށް ބާދުގަދަ އަޑެއް އިވުނު. އަލިފާނާ ކުނޑިކުޑި ތަކުގެ އިހުސާސް ކުރެވުނު،" ސްކައި ނިއުސްގެ ނޫސްވެރިޔާ ޓޮމް ޓެޝެއާ ވިދާޅުވިއެވެ.

އުުތުރު ކޮރެއާއިން މިހާތަނަށް ކުރި ހަ ނިއުކުލިއާ ޓެސްޓްވެސް ކޮށްފައިވަނީ ޕުންގްޔެ ރީ ސައިޓްގައެވެ. ހަމަ އެ ސައިޓްގައި މިދިޔަ އަހަރު ހައިޑްރޮޖަން ބޮމެއްވެސް އުތުރުކޮރެއިން ޓެސްޓު ކުރިއެވެ.

އުތުރު ކޮރެއާއިން ކުރުމުން ގެންދިޔަ ވަރުގަދަ ނިއުކުލިއާ ޓެސްޓްތަކާ ގުޅިގެން އދ. އިން ވަނީ އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

ނަމަވެސް މިދިޔަ މަހު އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން ބޯޑަރު ހުރަސްކުރައްވައި ދެކުނު ކޮރެއާއަށް ވަޑައިގެން ސުލްހައިގެ ވާހަކަތައް ވަނީ ބާއްވާފައެވެ. އަދި ދެ ބޭފުޅުން ބައްދަލުކުރައްވައި ދެކޮރެއާގެ ޒަމާންވީ ހަނގުރާމަ ނިމުނުކަން ވަނީ އިއުލާން ކުރައްވައިފައެވެ.

ދެކޮރެއާގެ ދެމެދުގައި ބޭއްވި ތާރީހީ ބައްދަލުވުމަށްފަހު އޮތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޕްރޮގްރާމް ހުއްޓާލާނެކަން އިއުލާން ކުރިއެވެ.

ނިއުކުލިއާ ހަތިޔާރު ނައްތާލާނެކަން އިއުލާން ކުރުމަށް ފަހު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންނަ މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައި ބައްދަލުކުރުމަށް ވެސް ކުރިން އޮތީ ހަމަޖައްސައިފައެވެ. ނަމަވެސް ޓްރަމްޕް މިއަދު ވަނީ އެ ބައްދަލުން ކެންސަލްކުރައްވައިފައެވެ.

ބައްދަލުވުން ކެންސަލް ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ މި ދަނޑިވަޅު ދެގައުމުގެ ދަމެދުގައި ވަރަށް ބޮޑެތި ނުތަނަވަސްކަމެއް އުފެދިފައިވާ ކަމަށާއި އެހެން ކަމުން މިއީ ބައްދަލުކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

comment ކޮމެންޓް