ނިޒާރުގެ މަރުގެ ދައުވާ ލިބޭ ތިން މީހުން ހަތަރު އަހަރަށް ފަހު ގޭ ބަންދަށް ބަދަލުކޮށްފި

ނިޒާރުގެ މަރުގެ މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ލިބޭ ތިން މީހުން ---

ލ. ގަން ތުނޑި، ވުޑްލޭންޑު އަހްމަދު ނިޒާރު މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ތިން މީހުން ފަސް އަހަރު ވާން ގާތްވެފައި ވަނިކޮށް ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

އެ ތިން މީހުން ގޭބަންދަށް ބަދަލުކުރީ މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.

އެގޮތަށް ނިންމީ އެ ތިން މީހުން ގޭބަންދަށް ބަދަލުކޮށްދިނުމަށް ދިފާއީ ވަކީލު މިއަދު އެދިވަޑައިގަތުމުންނެވެ.

ގޭބަންދަށް ބަދަލުކުރި ސަބަބެއްގެ ގޮތުގައި ގާޒީ ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގައި ނިމިފައިވުމާ އެކު ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރަސަތު ބަންދުވެފައި ވުމެވެ.

ނިޒާރު މަރާލާފައި ވަނީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރު 2:23 އެހައިކަންހާއިރު ގަމު ސިނާއީމަގުން ދެކުނުން އުތުރަށް އޭނާ ދަނިކޮށް، އެމަގުގެ ދިރާގު އެންޓަނާ ހުންނަސަރަހައްދާ ކައިރިން، އިތުރު ބަޔަކާ އެކު އެ ތިން އެމީހުން އެތަނަށް ގޮސް ލަކުޑިބުރިއާއި ދަގަނޑުބުރިން އޭނާއަށް ހަމަލާދިނުމުންނެވެ.

ނިޒާރު މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ލ. ގަން، މުކުރިމަގު، ދުނިފަރު، އަހްމަދު ޝުޖާއު، އާއި ހަމައެރަށު މުކުރިމަގު، ލައިޓްރޫމް، އަހްމަދު ސަބާހު ގެ އިތުރުން މުކުރިމަގު، އަސްރަފީގޭ ހުސައިން ސާބިރު، ގެ މައްޗަށެވެ.

ކުރިން ހަމަޖައްސާފައި ވަނީ މިއަދުގެ އަޑުއެހުމުގައި ސިއްރު ދެ ހިކިވެރިންގެ ފަރާތުން ސާފުކުރުމަށް ބޭނުންވާ ބައެއް ކަންތައްތައް ސާފުކުރުމަށް ކޯޓަށް ހާޒިރުކުރުމެވެ. ސިއްރު ދެ ހެކިވެރިން ހާޒިރުކުރުމަށް މީގެ ކުރިން ދެ ފުރުސަތެއް ދިން ނަމަވެސް މިއަދުގެ އަޑުއެހުމަށް ވެސް އެ ދެ މީހުން ހާޒިރުކުރެވިފައެއްނުވެއެވެ.

ސިއްރު ދެ ހެކިވެރިން ހާޒިރު ކުރެވޭނެ ދުވަހެއް ޝަރީއަތަށް އެންގުމަށްޓަކައި 15 ވަރަކަށް މިނިޓަށް މިއަދުގެ ޝަރީއަތް މެދު ކަނޑާލިއެވެ. މެދުކެނޑުމަށްފަހު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދައުލަތުގެ ވަކީލު އެދިވަޑައިގަތީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެ ދެ ހެކިވެރިން ހާޒިރުކުރުމަށް ފުރުސަތު ދެއްވުމަށެވެ.

އަންނަ މަހު ހަތް ވަނަ ދުވަހު ދުއުލަތަށް ސިއްރު ދެ ހެކިވެރިން ހާޒިރު ނުކޮށްދެވިއްޖެ ނަމަ އިތުރު ފުރުސަތެއް ދެން ނުދެއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި އެ އަޑުއެހުމުގައި ދިފާއީ ހެކިންގެ ހެކިބަސް ނެގުމާ މެދު ގޮތެއް ނިންމާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

comment ކޮމެންޓް