ރާއްޖޭގައި ނިޕާ ވައިރަސް ފެތުރުމުގެ ފުރުސަތު އެބައޮތް: އެޗްޕީއޭ

މިދުވަސްވަރު އިންޑިއާގެ ކެރެލާ ސްޓޭޓްގައި ފެތުރެމުންދާ ނިޕާ ވައިރަސް، ރާއްޖޭގައި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ކެރެލާގެ އުތުރު ހަތަރު ސަރަހައްދު ކަމަށްވާ ކޮޒިކޯޑު، މަލައްޕުރަމް، ވަޔަނާޑް އަދި ކަންނޫރުގައި ނިޕާ ވައިރަސް ފެތުރެމުންދާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ނިޕާ ވައިރަސްގެ އެއްވެސް އަސަރެއް މިހާތަނަށް ރާއްޖެއިން ފެނިފައިނުވާ ކަމަށާއި އެހެންނަމަވެސް އެ ބަލި ފަތުރާ ވާ ރާއްޖޭގައި އުޅޭތީއާއެކު އެބަލި ފެތުރުމުގެ ފުރުސަތު ރާއްޖޭގައި ވެސް އެބައޮތް ކަމަށެވެ.

އެ ބަލި ފެތުރެމުންދާ ކެރެލާގެ ސަރަހައްދުތަކަށް ދިވެހިން ދަތުރުކުރުމުގައި ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އެ ބަލިން ރައްކާތެރިވުމުގެ ގޮތުން މިހާރު ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ނިޕާ ވައިރަސް އިންފެކްޝަނަކީ، އެ އިންފެކްޝަން ޖެހިފައިވާ ވާލާއި އޫރުން އިންސާނުންނަށް ފެތުރޭ އިންފެކްޝަނެކެވެ. އަދި ބަލިޖެހިފައިވާ މީހުންނާ ގާތްކޮށް އުޅޭ ފަރާތްތަކަށް ވެސް ބަލިޖެހުމުގެ ފުރުސަތު އޮވެއެވެ. އެ ބަލިން ސަލާމަތްވުމަށްޓަކައި އިންފެކްޝަން ފެތުރިފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ ވާލާއި އޫރުން ދުރުހެލިވުން މުހިންމު ކަމަށް ހެލްތު އޮފިޝަލުން ބުނެއެވެ.

އެ އިންފެކްޝަނުގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ބޮލުގައި ރިއްސުމާއި ވަރުބަލިވުމާއި ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތައް ހިމެނެއެވެ. އެ ބަލި ޖެހިފައިވާ ބައެއް މީހުންގެ ސިކުނޑިއަށް އަސަރުކޮށް ބޯއެނބުރުމާއި ހެޔަށް ގޮތްވެ، ފިޓު ޖެހުން ފަދަ އަލާމާތްތައް ފެންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ އެ ބައްޔަށް ވަކި ހާއްސަ ފަރުވާއެއް ނެތް ކަމަށާއި އެހެން ނަމަވެސް ޑެންގީއާއި ޒިކާ ފަދަ ބަލިތަކަށް ފަރުވާދޭ ފަދައިން ނިޕާ ވައިރަސްގެ ފަރުވާ ދެނީ އެ ބަލީގެ އަލާމާތުން ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

އިންޑިއާގެ ކެރެލާގައި ނިޕާ ވައިރަހަށް ޕޮޒިޓިވްވި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް