ނޭމާގެ ރިކަވަރީ ހީކުރިވަރަށް ވުރެ އަވަސް: ބްރެޒިލް

ނޭމާ ބްރެޒިލްގެ ޓްރެއިނިން ސެންޓަރުގައި ފިޒިކަލް ޓެސްޓް ކުރަނީ --- ފޮޓޯ/ އޭޕީ

މިދިޔަ ފެބްރުއަރީ މަހު ބްރެޒިލްގެ ތަރި ނޭމާގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ސާޖަރީ ހަދާފައިވާ އިރު، ނޭމާގެ ރިކަވަރީ ހީކުރިވަރަށް ވުރެ އަވަސް ކަމަށް ބްރެޒިލް ޓީމުގެ ފިޒިކަލް ޓްރެއިނަރު ފަބިއޯ މަހަސެރޭޖިއަން ބުނެފި އެވެ.

މި ހަފްތާގެ ތެރޭގައި އިއުލާން ކުރި ބްރެޒިލްގެ ވޯލްޑް ކަޕް ސްކޮޑުގައި ނޭމާގެ ނަން ހިމަނާފައިވާ އިރު، އޭނާ މިހާރު އަންނަނީ ބްރެޒިލްގެ ޓީމާ އެކު ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. ނޭމާގެ އޮޕަރޭޝަން ކުރި ބްރެޒިލްގެ ޓީމު ޑޮކްޓަރު ރޮޑްރީގޯ ލާސްމާ ބުނެފައި ވަނީ ނޭމާ ވޯލްޑް ކަޕަށް ފިޓްވާނެ ކަމަށެވެ. އަދި ނޭމާގެ ރިކަވަރީގެ ކަންކަން ކުރިއަށްދާނީ ފިޔަވަޅަކަށް ފަހު ފިޔަވަޅަކުން ކަމަށް ވެސް ލާސްމާ ބުނެފައިވެ އެވެ.

"މިހާރު ނޭމާ އެކަނި ފަރިތަކުރަނީ. ދެން އޮންނާނީ ޓީމާއެކު އޭނާ ފަރިތަކުރުން. އެއަށް ފަހު އަދި މެޗުތައް ކުޅުން އޮންނާނީ،" ބްރެޒިލް ޓީމުގެ ޑޮކްޓަރު ލާސްމާ ބުންޏެވެ.

ނޭމާ ބްރެޒިލްގެ ފަރިތަކުރުންތަކުގައި --- ފޮޓޯ/ އޭޕީ

ބްރެޒިލް ޓީމުގެ ފިޒިކަލް ޓްރެއިނަރު ފަބިއޯ ބުނީ ނާމާގެ ރިކަރީ ހީކުރިވަރަށް ވުރެ އަވަސްކޮށް ކުރިއަށްދާ ކަމަށާއި ބްރެޒިލް ޓީމާ އެކު ކޮންމެ ދުވަހަކު ނޭމާ ފަރިތަކުރަމުންދާ ކަމަށެވެ.

ބްރެޒިލް ގައުމީ ޓީމުން ވޯލްޑް ކަޕަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ފެށީ މީގެ ދެ ދުވަސް ކުރިންނެވެ. ވޯލްޑް ކަޕްގައި ބްރެޒިލް ހިމެނެނީ ގްރޫޕް އީގަ އެވެ. އެ ގްރޫޕްގައި ބްރެޒިލްގެ އިތުރުން ދެން ހިމެނެނީ ސްވިޒަލޭންޑް، ކޮސްޓާރީކާ އަދި ސާބިއާ އެވެ.

comment ކޮމެންޓް