މިފަދަ ކުޑަކުޑަ ކަމަކުންވެސް ކަރަންޓަށް ކުރާ ހޭދަ ކުޑަކޮށްލެވިދާނެ!

ރާއްޖޭގެ ތަރައްގީއަށް އައި ހަލުވި ދުވެއްޔާއެކު، އަޅުގަނޑުމެންގެ ދިރިއުޅުންވެސް މިހާރު މިވަނީ މުޅިން ބަދަލުވެފައެވެ. އޭރު އުޅެމުން އައި ވައްޓަފާޅި މުޅިން ބަދަލުވެ، ދިވެހީން މިިހާރު މިވަނީ މުޅިން އާ ދުނިޔެއަކަށް "ފައްކާ" ވެފައެވެ. އަލިފާން އިސްތިރީގެ ޒަމާން ނިމި މިހާރު ކަރަންޓް އިސްތިރި ބޭނުންކުރާތާ ޒަމާން ތަކެއް ވެއްޖެެއެވެ. އައިސް އަލަމާރިން ފެށިގެން އެއާ ކޯނާއި މޮބައިލް ޗާޖަރުން ފެށިގެން ދިރިއުޅުމުގައި މިހާރު އެންމެ އަސާސީ އެއްޗަކީ ކަރަންޓެވެ.

ކަރަންޓާ ނުލައި ނޫޅެވޭ ވަރަށް ދިރިއުޅުން އެއަށް ބަރޯސާ ވެފައިވާއިރު، ގިނަ ބަޔަކަށް މިއީ ކިހާ އަގުހުރި އެއްޗެއްތޯ ގިނަ ފަހަރު ވިސްނާލެވެނީ މަދުފަހަރަކުއެވެ! ރާއްޖޭގައި ކަރަންޓް ބޭނުންކުރާ ވަރު އިންތިހާއަށް އިތުރުވެފައިވާއިރު، ކަރަންޓު ބޭނުންކުރާ ބައެއް ތަކެތިން ޖައްވަށް ދޫކުރާ ގޭސްތަކުން، އޯޒޮން ފަށަލަ ތުނިވަމުންދާކަން އިހުސާސްކުރެވޭ ހެއްޔެވެ؟

ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ފަހުން ފެނިގެން ދިޔައީ މާލެއާއި ރާއްޖެ ތެރޭގެ ކަރަންޓް އަގު އެއްވަރަކަށް ގެނައިތަނެވެ. ހަމަ އެއާއެކު ކަރަންޓް އަގުހެޔޮވުމުން، ރާއްޖެތެރޭގައި ކަރަންޓް ބޭނުންކުރާނެ މިންވަރު އިތުރުވާނެ ކަމަށްވެސް މިހާރު ވަނީ ބެލެވިފައެވެ. ސަރުކާރުން އެކަމަށްވެސް ތައްޔާރުވަމުންދާ ތަން ދަނީ ވަރަށް ބޮޑަށް ފެންނަމުންނެވެ.

އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވީ، 2016 ވަނަ އަހަރު ތައާރަފުކުރި އެނާޖީ ޕޮލިސީގެ ދަށުން އިއާދަކުރެނިވި ހަކަތައިގެ މަސައްކަތް ރާއްޖޭގައި ވަރަށް ބާރަށް ކުރަމުންދާ ކަމަށާއި މިހާރު އަމާޒު ހުރީ ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭނުން ކުރާ ހަކަތައިގެ 30 ޕަސެންޓަކީ އިއާދަކުރަނަވި ހަކަތައަށް ހެދުން ކަމަށެވެ.

އިމާރާތެއްގައި ހަރުކޮށްފައި ހުރި އެއާކޯންތަކެއް. އެއާކޯނުން ގިނަ އަދަދެއްގެ ވިހަ ގޭސް ޖައްވަށް ބޭރުވޭ--

ނަމަވެސް މިއީ އަދި ހައްލެއް ނޫނެވެ. ކަރަންޓްގެ ބޭނުން އެންމެ ހެޔޮގޮތުގައި، އިސްރާފްނުކޮށް ބޭނުންކުރުމުގައި އަޅުގަނޑުމެންގެ ފުރިހަމަ ފަރުދީ ޒިންމާއެއްވެސް ވެއެވެ. ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު ފަންކާ ބޮކި ނިއްވާލަން އާދަކުރަން އިރުޝާދުދޭތަން އަބަދުހެން ޓީވީންވެސް ފެނެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިހާރު ދަނީ ރާއްޖޭގައި ހަކަތަ ބޭނުންކުރާވަރު މަދު ކުރުމަށް މުޅިން އާ ޕްރޮގްރާމެއް ލޯންޗްކުރުމަށް ތައްޔާރުވަމުންނެވެ.

ހަކަތަ ބޭނުންކުރާވަރު މަދު ކުރުމަށް ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރު އެންމެ ކާމިޔާބު ކަމާއެކު ހިންގާ އެއް ޕްރޮގްރާމަކީ ކަރަންޓު ސާމާނުގައި އެނަރޖީ ލޭބަލް ހަރުކުރުމެވެ. ރާއްޖޭގެ ބާޒާރުގައި ވިއްކަން ހުރި ބައެއް ކަރަންޓު ސާމާނުގައިވެސް މިފަދަ ލޭބަލްތައް ހަރުކުރެވިފައި ހުންނަތަން ފެނެއެވެ. ނަމަވެސް އެ ލޭބަލްތަކަކީ ދިވެހިންނަށް އަމާޒުކޮށްގެން ރާއްޖެއަށް ޙާއްސަކޮށް ތައްޔާރުކޮށްފައިވާ ލޭބަލްތަކެއްނޫނެވެ. އެހެންކަމުން އެއީ ކަސްޓަމަރަށް އޭގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ލިބޭ ލޭބަލަކަށް ފަހަރުގައި ނުވެދާނެއެވެ.

"މިހާރު މިވާގޮތުން މީހަކު ފިހާރަޔަކަށް ގޮސް ސޭޓު ކައިރީ މިއަހާލަނީ ކޮން އެއްޗެއް ބޭނުންކުރީމަތޯ އެންމެ މަދުން ހަކަތަ ބޭނުންކުރާނީ؟ ނަމަވެސް އެމީހުން ވިސްނާނީ އެމީހުންގެ ވިޔަފާރިއަށް ދެއްތޯ؟ ނަމަވެސް އެ އެޕްލަޔަންސްތަކަކީ މިނިސްޓްރީ އެންޑޯސްކޮށްފަ އޭގައި ސްޓިކާ ޖަހާފަ ހުންނަ އެއްޗަކަށް ވީމަ ދެން އާންމު މީހާއަށް ވެސް އެނގޭނެ ދޯ މިއީ ހަކަތަ އެންމެ މަދުން ބޭނުންކުރާ އެއްޗެއްކަން،" އެންވަޔަރަމަންޓް މިނިސްޓްރީގެ ނޮލެޖް މެނޭޖްމަންޓް އެޑިމިނިސްޓްރޭޓަރު މޫސާ ރިލުވާން ވިދާޅުވިއެވެ.

ރިލުވާން ވިދާޅުވީ، މޯލްޑިވްސް އެނަރޖީ އޮތޯރީޓީގެ ފަރާތުން ރާއްޖެއަށް ޙާއްސަ މިފަދަ ލޭބަލެއް ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް ހަލުވި ދުވެއްޔެއްގައި މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

"މިކަމަށް ހަދަންޖެހޭ ދިރާސާތައްހަދައި ރާއްޖޭގެ ބާޒަރުގައި ވިއްކަން ބަހައްޓާ އެއަރކޮންޑިޝަނަރ، އައިސްއަލަމާރި އަދި އޮޓޮމެޓިކް ދޮންނަ މެޝިންގައި ހަރުކުރުމަށް މިފަދަ ލޭބަލެއް ތައްޔާރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން. އެގޮތުން ހަރުކުރާ ލޭބަލަކީ އެ ލޭބަލް ހަރުކޮށްފައި ހުންނަ ތަކެތި ގަންނަންދާ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު އެންމެ ފުރިހަމައަށްލިބޭ ލޭބަލަކަށް ހެދުމަށްޓަކައި އާންމުންގެ ޙިޔާލު ހޯދުމަށް މިހާރުވަނީ ހުޅުވާލައިފައި،" ރިލުވާން ވިދާޅުވިއެވެ.

ރިލުވާން ވިދާޅުވީ މިހާރު މަސައްކަތްކުރަމުންދަނީ މިއަހަރު ނިމުމުގެ ކުރިން "އެނާޖީ އެފިޝަންސީ ލޭބަލް' ތައް ތައާރަފް ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެން މިހާރު އެބަ ބަލަަން ރާއްޖެއަށް ގެންނަނީ ކޮންކަހަލަ ބްރޭންޑްތަކެއްގެ އިލެކްޓްރިކް އެޕްލަޔަންސަސްތަކެއްތޯ. މީހުން އެފަދަ ސާމާނު ގަންނައިރު މި ގަންނަނީ ކޮން ކަަހަލަ ކަންތައްތަަކަކަށް ބަލާފަތޯވެސް އަޅުގަނޑުމެން އެބަ ބަލަން،" ރިލުވާން ވިދާޅުވިއެވެ.

ހަކަތަ މަދުން ބޭނުންކުރާ ތަކެތީގައި "އެނާޖީ ލޭބަލް" ހަރުކޮށްފައި ހުރުމަކީ މިހާރު ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ ގައުމުތަކުގައިވެސް އަމަލުކުރަމުންދާ އުސޭލެެވެ. އޮސްޓްރޭލިޔާގައި ވިއްކާ ގިނަ ކަރަންޓް ސާމާނުގައި "އެނާޖީ ލޭބަލް" ހަރުކޮށްފައިވާ އިރު އޭގެން ހަކަތަ ބޭނުންކުރާ ވަރާއި އެހެނިހެން ތަކެތިން ކަރަންޓް ބޭނުންކުރާވެސް އަޅާކިއާލެވެއެވެ.

އޮސްޓްރޭލިޔާއެކޭ އެއްގޮތަށް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޖަޕާނުގައިވެސް، "ޖަޕާން އެންވަޔަރަމަންޓް މެނޭޖްމަންޓް އެސޯސިއޭޝަން ފޯ އިންޑަސްޓްރީ"އިން، ފޮޓޯކޮޕީއާއި ޕްރިންޓަރު ފަދަ ތަކެތިން ޖައްވަށް ދޫކުރާ ކާބަން ފަދަ ގޭސްތައް ދޫކުރާ މިންވަރު އެނގޭނޭ ގޮތަށް "ލޭބަލް' ކޮށްފައި ހުރެއެވެ.

ކަރަންޓަކީ އަޅުގަނޑުމެންނަށް ބޭނުންވާ އެންމެ އަސާސީ އެއްޗަކަށް ވާއިރު، އޭގެ ބޭނުން ހެޔޮގޮތުގައި ހިފަން ޖެހެއެވެ. ކަރަންޓު ހެޔޮގޮތުގައި ބޭނުންކުރެވިއްޖެނަމަ ކަރަންޓް ބިލްތައް ކުޑަވެ އޭގެން އަޅުގަނޑުމެންގެ ތިމާވެށި ހިމާޔަތްކުރުމަށްވެސް އިތުރު ބާރަކަށް ވެގެންދާނެެއެވެ.

މޯލްޑިވްސް އެނަރޖީ އޮތޯރިޓިން މިހާރު ކުރިއަށް ގެންދާ ސާވޭގައި ބައިވެރިވެ، ތިބާގެ ޚިޔާލު ހިއްސާކޮށްލެވުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައެވެ. އެފަދަ މުހިންމު ނިންމުމެއް ނިންމުމުގައި ހިއްސާވެ، މުސްތަޤްބަލުގައި ކަރަންޓަށް ކުރާ ހޭދަ ކުޑަކޮށްލުމަށް މިއީ ރަނުގެ ފުރުސަތެކެވެ.

comment ކޮމެންޓް