ޓްރަމްޕް ޓުވިޓާއިން މީހުން ބްލޮކް ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް: އެމެރިކާގެ ކޯޓު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓުވިޓާއިން ބްލޮކް ކުރެއްވި ފަރާތްތަކުގެ ތެރޭގައި ސްޓީވެން ކިންގާއި ކްރިސީ ޓީގެން ހިމެނޭ --

ނިއުޔޯކް (މޭ 24): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޑު ކިޔާ ފަރާތްތައް ރައީސްގެ ޓުވިޓާ އެކައުންޓުން ބްލޮކް ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް އެގައުމުގެ ކޯޓަކުން ނިންމައިފިއެވެ.

މިދިޔަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ޓްރަމްޕް، ސަރުކާރުގެ އެޖެންޑާއާއި ސިޔާސަތުތައް ކުރިއެރުވުމަށާއި ރައީސަށް ފާޑު ކިޔާ ފަރާތްތަކަށް ރައްދު ދެއްވުމަށް އާއްމުކޮށް ޓުވިޓާ ބޭނުންކުރައްވައެވެ. އަދި ޓްރަމްޕް ވަނީ އޭނާއަށް ފާޑު ކިޔާ ގިނަ އަދަދެއްގެ މީހުން ބްލޮކް ކުރައްވައިފައެވެ.

އޭގެ ތެރޭގައި ވާހަކަ ލިޔުންތެރިޔާ ސްޓީވެން ކިންގް، މޮޑެލް ކްރިސީ ޓީގެން އަދި ކޮމީޑިއަން ރޯޒީ އޯ ޑޮނެލް ހިމެނެ އެވެ.

އެމެރިކާގެ ޑިސްޓްރިކްޓް ޖަޖް ނައޯމީ ބުޝްވޯލްޑް ނިންމެވި ގޮތުގައި ރައީސްއާއި އެހެން ސަރުކާރުގެ އޮފިޝަލުންގެ ޓުވިޓާ އެކައުންޓުތަކަކީ ޕަބްލިކް ފޯރަމްތަކެވެ. އެހެންކަމުން ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން އެފަދަ ފޯރަމްތަކުން މީހުން ބްލޮކް ކުރުމަކީ ގާނޫނު އަސާސީގެ ފުރަތަމަ މާއްދާއިން ލިބިދޭ ހިޔާލު ފާޅު ކުރުުމުގެ މިނިވަންކަމަށް ހުރަސް އެޅޭ އަމަލެކެވެ.

އެމައްސަލައިގައި ޓްރަމްޕް ތަމްސީލުކޮށްދިން ޔޫއެސް ޑިޕާޓްމެންޓް އޮފް ޖަސްޓިސް އިން ވަނީ ރައީސް ވާހަކަ ދައްކަވަން ބޭނުންފުޅުނުވާ ފަރާތްތައް ޓުވިޓާއިން ބްލޮކް ކުރުމަކީވެސް އެމާއްދާއިން ލިބިދޭ ހައްގެއް ކަމަށް ބުނެފައެވެ.

ނަމަވެސް ބުޝްވޯލްޑް ނިންމެވި ގޮތުގައި ރައީސްގެ ހައްގުތައް ބޭނުން ކުރެއްވޭނީ އެހެން މީހުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅޭ ގޮތަށެވެ.

އަދި އެމީހުން ބްލޮކް ކުރެއްވުމުގެ ބަދަލުގައި، އެމީހުންގެ ޓުވީޓުތައް ނުފެންނަ ގޮތަށް "މިއުޓް" ކުރެވިދާނެ ކަން ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ. ނަމަވެސް ޓްރަމްޕް މިހާރު ބްލޮކް ކުރައްވާފައިވާ ފަރާތްތައް 'އަންބްލޮކް' ކުރުމަށް ބުޝްވޯލްޑް އަމުރު ނުކުރައްވައެވެ.

ޔޫއެސް ޖަސްޓިސް ޑިޕާޓްމެންޓުން ވަނީ ފަނޑިޔާރުގެ ނިންމުމާ އެއްބަސްވެވެން ނެތް ކަމަށާއި، އެޑިޕާޓްމެންޓުން ދެން އަޅަންވީ ފިޔަވަޅެއް ނިންމަމުންދާ ކަމަށް ބުނެފައެވެ.

އެމައްސަލައަކީ ކޮލަމްބިއާ ޔުނިވާސިޓީގެ ފަސްޓް އެމެންޑްމެންޓް އިންސްޓިޓިއުޓާއި ބައެއް ޓުވިޓާ ޔޫޒަރުން ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އަދި އެފަރާތްތަކުން ވަނީ ކޯޓުގެ ނިންމުމާ ގުޅިގެން، އިތުރު ގާނޫނީ ޕްރެޝަރާ ނުލައި ޓްރަމްޕް އެއްވެސް މީހަކު 'އަންބްލޮކް' ކުރައްވާނެ ކަމަށް ނުބެލެވޭ ކަމަށް ބުނެފައެވެ.

ފަނޑިޔާރު ބުޝްވޯލްޑްގެ ނިންމުމާ ބެހޭ ގޮތުން ޓުވިޓާއިން އަދި ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ. (ރޮއިޓާސް)

comment ކޮމެންޓް