ސިއްހީ ހާލު ދަށްކަމަށް ބުނެ ދައްކާ ވާހަކަތަކަށް ޖެޓް ލީ ރައްދު ދީފި

އެކްޝަން ތަރި ޖެޓް ލީ --

އެކްޝަން ތަރި ޖެޓް ލީގެ ސިއްހީ ހާލު ދަށްކަމަށް ބުނެ ދައްކާ ވާހަކަތަކަށް އެންމެ ފަހުން އޭނާ ރައްދު ދީފި އެވެ.

ބެއިޖިން އަށް އުފަން މިހާރު 55 އަހަރުގެ ލީގެ ސިއްހީ ހާލަތާމެދު އޭނާގެ ފޭނުން ކަންބޮޑުވުން ފާޅުކުރަން ފެށީ، ވަރު ދެރަވެ، ސިއްހީ ހާލު ގޯސްވެފައިވާ ކަހަލަ ގޮތަކަށް ލީ ހުންނަ ފޮޓޯއެއް މީސް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.

ދައުރު ވަމުންދާ އެ ފޮޓޯގައި ފެންނަނީ ޓިބެޓްގައި ހުންނަ ފައްޅިއެއް ކައިރީގައި ކާކުކަން ނޭނގޭ މީހަކާ އެކު ލީ ފޮޓޯއަކަށް ހުއްޓިގެން ހުންނަ ތަނެވެ.

ލީގެ ސިއްހީ ހާލަތާ މެދު ދައްކާ ވާހަކަތަކައް ރައްދު ދީ ފޭސްބުކްގައި އިއްޔެ ޝާއިއުކުރި ޕޯސްޓެއްގައި ބުނީ، އޭނާގެ ސިއްހަތާ މެދު ކަންބޮޑުވުން ފާޅުކުރި ހުރިހާ ފޭނުންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ނަމަވެސް އޭނާ ވެސް ރަނގަޅު ކަަމަށާއި ހާލުވެސް ރަނގަޅު ކަމަށް ބުނެފައިވެ އެވެ.

"ކައިރި މުސްތަގްބަލުގައި އަހަރެން މަސައްކަތްކުރާ ބައެއް ޕްރޮޖެކްޓުތަކުގެ މައުލޫމާތު ހިއްސާކުރަން އަހަރެން ވަރަށް ޝައުގުވެރިވޭ. އެކަމަކު މިހާރަށް، ފާޅުކުރި ކަންބޮޑުވުންތަކަށް ޝުކުރިއްޔާ،" ޖެޓް ލީގެ ފޭސްބުކްގައި ބުނެފައިވެ އެވެ.

އެ މެސެޖް ފޭސްބުކްގައި ޕޯސްޓްކުރިތާ މިހާރު 17 ގަޑިއިރު ވެފައިވާ އިރު، މިހާތަނަށް ފަސްދޮޅަސް ދެހާސް މީހުން ލައިކްކޮށް 3400 އަށް ވުރެ ގިނަ މީހުން ވަނީ އެ ޕޯސްޓް ޝެއާ ކޮށްފަ އެވެ.

އަދި 2300 މީހުން އެ ޕޯސްޓަށް ކޮމެންޓް ކޮށްފައިވާ އިރު، ގިނަ ބަޔަކު ދަނީ ދައުރުވަމުންދާ ވާހަކަތަކުގެ ތެދުދޮގު ސާފުކޮށްދިނުމުން އުފާ ކުރާ ކަމަށް ބުނެފަ އެވެ.

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގެ ރައްޔިތެއްގެ ގޮތުގައި އެ ގައުމުގައި ދިރިއުޅެމުންދާ ލީ ވަނީ 2010 ވަނަ އަހަރު ހައިޕާތައިރޮއިޑިޒަމް ނަމަކަށް ކިޔާ ބައްޔަކަށް ޑައިގްނޯސް ވެފަ އެވެ.

އެ ބަލީގެ ސަބަބުން ހަށިގަނޑުގެ މަސްތަކުގެ ބާރު ދަށްވެ، ނިދުމުގެ މައްސަލަތައް ކުރިމަތިވެ އެވެ.

"ލީތަލް ވެޕަން 4" އަދި "ކިސް އޮފް ދަ ޑްރެގަން" ފަދަ މަޝްހޫރު ފިލްމުތަކުން ފެނިގެން ގޮސްފައިވާ ޖެޓް ލީގެ ސިއްހީ ހާލަތާ މެދު މީގެ ކުރިން ވެސް ވާހަކަތަކެއް ފެތުރުނެވެ.

މީގެ ދެ އަހަރު ކުރިން ފެތުރުނު ވާހަކަތަކަށް ރައްދު ދީ ލީ އޭރު ބުނީ، މީޑިއާތަކުން އޭނާގެ ސިއްހީ ހާލަތު މާބޮޑުކޮށްލަނީ ކަމަށެވެ.

comment ކޮމެންޓް