މެލޭޝިޔާގެ އިދިކޮޅު މަޖިލިސް މެމްބަރެއްގެ ގެއިން ދިވެހި ފައިސާތަކެއް އަތުލައިގެންފި

ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އުމްނޯ)ގެ ސުޕްރީމް ކައުންސިލްގެ މެމްބަރު އަބްދުލް އަޒީޒް ---

މެލޭޝިއާގެ މައި އިދިކޮޅު ސިޔާސީ ޕާޓީ، ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އުމްނޯ)ގެ ސުޕްރީމް ކައުންސިލްގެ މެމްބަރެއްގެ ގެއިން އަތުލައިގަތް ގިނަ އަދަދެއްގެ ބޭރު ފައިސާގެ ތެރޭގައި ދިވެހި ފައިސާ ހުރި ކަމަށް މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) އިން ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހު ހިންގި ތިން އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ފައިސާތަކެއް އަތުލައިގެންފައި ވަނީ، މެލޭޝިއާގެ ހުޅަނގުއުތުރުގައި އޮންނަ ކެޑާގެ ސަހަރެއް ކަމަށްވާ ބަލިން ތަމްސީލް ކުރައްވާ މަޖިލިސް މެމްބަރު އަދި މެލޭޝިއާގެ ހައްޖުވެރިންގެ ފަންޑު ބޯޑް، ތަބުންގް ހާޖިގެ ޗެއާމަން، އަބްދުލް އަޒީޒް އަބްދުލް ރަހީމްގެ ގެއަކުންނެވެ.

މެލޭޝިއާ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި އޮޕަރޭޝަންގައި ސެލަންގޯގައި ހުންނަ އޭނާގެ ރެސިޑެންސާއި ގޭގެ އިތުރުން ބަލިންގްގައި ހުންނަ އޭނާގެ އޮފީސް ވަނީ ފާސްކޮށްފައެވެ.

އެ އޮޕަރޭޝަންގައި 500،000 މެލޭޝިއާ ރިންގިޓް (125454 އެމެރިކާ ޑޮލަރު) އާއި 400،000 މެލޭޝިއާ ރިންގިޓްއަށްވާ ބޭރު ފައިސާ ވަނީ އަތުލައިގެންފައެވެ.

އަތުލައިގަތް ބޭރު ފައިސާގެ ތެރޭގައި އެމެރިކާ ޑޮލަރާއި، ބްރިޓިޝް ޕައުންޑާއި، ޔޫރޯގެ އިތުރުން އިންޑޮނޭޝިއާގައި ބޭނުންކުރާ ރުޕިއާއާއި ދިވެހި ފައިސާ އަދި ސައުދީ ރިޔާލް ހިމެނެއެވެ.

އޭގެ އިތުރުން 20 ގަޑިއާއި ގިނަ އަދަދެއްގެ ގަހަނާވެސް އަތުލައިގަތް އެއްޗެހީގެ ތެރޭގައި ހިމެނެއެވެ.

އަތުލައިގަތް ގަޑިތަކުގެ ތެރޭގައި ރޮލެކްސް ފަދަ މަޝްހޫރު ގަޑިތައް ހިމެނޭއިރު އަބްދުލް އަޒީޒް ވިދާޅުވާ ގޮތުގައި، އޭގެން ބައެއް ގަޑިތަކަކީ ފޭކް ގަޑިތަކެކެވެ. އަދި ގަހަނާ ތަކަކީ އަންހެނުންގެ ގަހަނާތަކެއް ކަމަށް ވިދާޅުވިއެވެ.

އަތުލައިގަތް ފައިސާ ތަކާ ގުޅޭގޮތުން އަބްދުލް އަޒީޒް ވިދާޅުވީ، އެ ފައިސާތަކަކީ އޭނާގެ ޕާޓީގެ ރޯދަ ވީއްލުމުގެ ހަރަކާތްތަކަށާއި ޕާޓީގެ ބައްދަލުވުންތަކުގައި ހަރަދު ކުރުމަށް ޕާޓީގެ އެކައުންޓުން މިދިޔަ ހޯމަ ދުވަހު ނެގި ފައިސާ ކަމަށެވެ.

އަދި ފެނުނު ބޭރު ފައިސާތަކަކީ ބޭރު ގައުމުތަކަށް އޭނާ ކުރި ދަތުރުތަކުގައި ލިބުނު ފައިސާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

"ފެނުނު ބޭރު ފައިސާތަކުގެ އެއްބަޔަކީ ބަދަލުކުރަން ހުރި ފައިސާ. އެއީ އަހަރެން މިއުޅެނީ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއްގައި ޣައްޒާއަށްދާން. އެއީ މީގެ މަހެއްހާ ދުވަސް ކުރިން ރާވާފައިވާ ކަމެއް،" އަބްދުލް އަޒީޒް ވިދާޅުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް