ދިއްފުށީގައި ހިންގި ދެ މާރާމާރީއެއްގައި އަނިޔާވި އެކަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި

ދިއްފުށީ މަގެއްގެ މަތީގައި އަންހެނަކު ހިނގާފައި ދަނީ --- ސަން ފައިލް ފައިލް ފޮޓޯ

ކ. ދިއްފުށީގައި ރޭ ހިންގި ދެ މާރާމާރީއެއްގައި އެކަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، ދިއްފުށީގައި އިއްޔެ ހިންގި ފުރަތަމަ މާރާމާރީގެ މައުލޫމާތު ލިބިފައިވަނީ ރޭ 9:30 ކަންހާއިރު ކަމަށާއި އެ މާރާމާރީގައި ޒަހަމްވެފައިވަނީ ޖަރުމަނު ރައްޔިތަކަށް ކަމަށެވެ.

އަދި އޭނާއަށް ފަރުވާ ދިނުމަށްފަހު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް ވިދާޅުވިއެވެ. އެނގިފައިވާ ގޮތުގައި، ޒަހަމްވި ޖަރުމަނު މީހާއަކީ ދިއްފުށީގައި ހިންގާ ޑައިވިން ސެންޓަރެއްގައި މަސައްކަތްކުރާ މީހެކެވެ.

އޮފިޝަލު ވިދާޅުވީ، ދެވަނަ މާރާމާރީ ހިންގާފައިވަނީ ރޭ ދަންވަރު 1:30 އެހާކަންހާއިރު ކަމަށެވެ.

އެ މާރާމާރީގައި ޒަހަމްވެފައިވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާގެ ހާލު ސީރިއަސް ވެގެން އިތުރު ފަރުވާއަށް ރޭގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.

ދިއްފުށީ ސިއްހީ މަރުކަޒުން ބުނި ގޮތުގައި، ރޭ ދަންވަރު ހިންގި މާރާމާރީއާ ގުޅިގެން އެ ސެންޓަރަށް ގެނައި ދިވެހި މީހާއަށް ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށެވެ.

ނަމަވެސް އިތުރު ފަރުވާއަށް އޭނާ މާލެ ފޮނުވާލީ ނޭވާލާން އުނދަގޫތަކެއް ހުރުމާއެކު އެކަމަށް އެ ހޮސްޕިޓަލުން އިތުރު ފަރުވާ ދެވެން ނެތުމުން ކަމަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މެޔަށް އަނިޔާވެގެން އެ ހޮސްޕިޓަލަށް ގެންދެވުނު މީހާއަށް އެމަޖެންސީ ރޫމްގައި ފަރުވާ ދިނުމަށް ފަހު ނެރެފައިވާ ކަމަށާއި އޭނާއަށް މިހާރުވެސް ޑޮކްޓަރުން ފަރުވާދެމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ދިއްފުށީގައި ހިންގި ދެ މާރާމާރީ ވެސް ހިންގާފައިވަނީ ދަގަނޑު ބުރިފަދަ ތަކެތި ބޭނުން ކޮށްގެންނެވެ. ނަމަވެސް ދެ މާރާމާރީއަކީ ވެސް ގުޅުންހުރި ދެ މާރާމާރީ ކަމެއް އަދި ނޭނގެއެވެ.

މާރާމާރީއާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެއެވެ.

comment ކޮމެންޓް