އާލިއާ ބަޓް ފިލްމު ކުޅެދޭ އަގުތައް ބޮޑު ކުރަނީ؟

އާލިއާ ބަޓް --

ދެހާސް ބާރަ ވަނަ އަހަރު ކަރަން ޖޯހަރުގެ ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔާ"އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ އާލިއާ ބަޓް ފިލްމު ކުޅެދޭ އަގު ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް ބޭރުގެ ޚަބަރުތައް ބުނެފިއެވެ.

ދެހާސްބާރަ ވަނަ އަހަރު ބޮލީވުޑަށް ނުކުތް އާލިއާ ވަނީ އޭނާގެ ހަ އަހަރުވީ ކެރިއަރުގައި އޭނާގެ ހުނަރު ވަރަށް ބޮޑަށް ދައްކާލާފައެވެ. ކާމިޔާބު ގިނަ ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދިން އާލިއާގެ ފްލޮޕްވީ އެންމެ ފިލްމެކެވެ. އެއީ ޝާހިދު ކަޕޫރާ އެކީ އާލިއާ ފެނިގެންދިޔަ ފިލްމު ޝާންދާރް އެވެ.

އޭނާގެ ދެ ފިލްމެއް 100 ކުރޯޑް އާ ހަމަވިއިރު އޭނާއަށް އަންނަނީ ބޮލީވުޑްގެ ގިނަ ފިލްމުތަކުގެ ލީޑުން ޖާގަ ލިބެމުންނެވެ.

މިހާރު ސިނަމާ ތަކުގައި އަޅުވާފައި އޮތް އާލިއާގެ ރާޒީއަށް ވެސް ބޮޑު ކާމިޔާބީތަކެއް އަންނަނީ ލިބެމުންނެވެ. 90 ކުރޯޑް އާ ގާތްކުރާ އެ ފިލްމަށް ލިބެމުންދާ ތަރުހީބު ވަރަށް ބޮޑެވެ.

އާލިއާ ބަޓް ފިލްމެއް ކުޅެދޭ އަގު ބޮޑު ކުރަން ނިންމާފައިވާއިރު އޭނާގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ގިނަ ތަރިން ވެސް އިއްތިފާގް ވެއެވެ. ބޮލީވުޑްގައި އެންމެ ބޮޑު އާމްދަނީ ލިބޭ އަންހެން ފަންނާނަކީ ދީޕިކާ ޕަދުކޯން އެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމު "ޕަދްމާވަތު"ގައި އޭނާގެ ރޯލު ކުޅެދީފައިވަނީ 13 ކުރޯޑު ރުޕީސް އަށެވެ.

އާލިއާ ބަޓް އާއެކީ ބޮލީވުޑަށް ނުކުތް ޑިމާންޑިން ބަތަލު ވަރުން ދަވަން ވެސް ވަނީ ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފައެވެ.

comment ކޮމެންޓް