"ސަންޖޫ"އަށް އާމިރު ނޫނެކޭ ބުނީ ކީއްވެ؟

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ކުޅަދާނަ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ޑައިރެކްޓުކޮށް އުފައްދާ ފިލްމު "ސަންޖޫ" ރިލީޒް ކުރަން މިހާރު މިވަނީ ތައްޔާރުވެފައެވެ.

އަންނަ ޖޫން މަހުގެ 29 ވަނަ ދުވަހު ފިލްމު ރިލީޒް ކުރާ އިރު، އެއީ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމެވެ. ފިލްމުގެ ޓީޒާ އާންމުކޮށްފައި ވާއިރު، ފިލްމަށް މިހާރު ވެސް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ސަންޖޭގެ ހަޔާތުގެ މައްޗަށް ހިރާނީ ލިޔެފައިވާ ވާހަކަ އެންމެ ބޮޑަށް ކަމުދިޔަ އެއް އެކްޓަރަކީ، ބޮލީވުޑް ބޮކްސްއޮފީހުގެ ރަސްގެފާނު އާމިރު ޚާން އެވެ.

ފިލްމުގެ ސްކްރިޕްޓް ކިޔުމަށްފަހު ފިލްމުގައި މަސައްކަތް ކުރަން އާމިރު ކޮންމެހެންވެސް ބޭނުންވިއެވެ. އަދި ހިރާނީ ވަނީ ފިލްމުން އާމިރަށް ފުރުސަތު ވެސް ދީފައެވެ. އެއީ ސަންޖޭގެ ބައްޕަގެ ރޯލެވެ.

އެހެން ނަމަވެސް އާމިރު ބޭނުންވީ ސަންޖޭ ދަތުގެ ރޯލު ކުޅޭށެވެ. ސްކްރިޕްޓު ކިޔުމަށްފަހު އޭނާއަށް އެންމެ ކަމުދިޔައީ އެ ރޯލެވެ. ނަމަވެސް ސަންޖޭގެ ރޯލަށް ކުޅަދާނަ އެކްޓަރު ރަންބީރު ކަޕޫރު ވަނީ މާ ކުރިން ހަމަޖައްސައިފައެވެ.

"އެހެންވެ އަހަރެން ބުނިން ހިރާނީ ގާތު، އަހަންނަކަށް ފިލްމުގެ އެހެން ރޯލެއް ނުކުޅެވޭނޭ. މާބޮޑަށް ސަންޖޭގެ ރޯލު ކުޅެން ބޭނުންވީ،" އާމިރު ބުންޏެވެ.

އާމިރު ބުނީ އެ ރޯލު ކުޅެލަން ނުލިބުނު ނަމަވެސް، ރަންބީރަކީ ވަރަށް ހުނަރުވެރި އެކްޓަރެއް ކަމަށާއި، ރަންބީރަށް ފުރިހަމަ އިތުބާރު ކުރާ ކަމަށެވެ.

ފިލްމުގައި ފެނިގެންދާނީ ނުވަދިހައިގެ ކުރީކޮޅު ސަންޖޭ ތަރިއެއްގެ ގޮތުގައި ވިދާލި ގޮތާއި މަސްތުވާތަކެތީގެ ވަބާގައި ޖެހި އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލައިގެން ދިޔަ ދިޔުމުގެ އިތުރުން އަތުގައި މަނާ ހަތިޔާރެއް ބާއްވައިގެން އޭނާ ހައްޔަރުކުރި ދުވަސްވަރުގެ ހާދިސާތަކެވެ.

އޭގެ އިތުރުން ފިލްމުގައި ސަންޖޭ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާއިންގެ ވާހަކަ ފެނިގެންދާނެއެވެ.

comment ކޮމެންޓް