މެޗުގެ ފުރަތަމަ ހާފްގައި އިސްމާއީލް ޝަފީއު (އިއްސެ)އަށް ދެއްކި ރަތް ކާޑާއެކު ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅުނު ޔުނައިޓެޑް ވިކްޓަރީ ކައިރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އުނދަގޫ މޮޅެއް ހޯދައިފިއެވެ.
ނިއުއާއި ޔޫވީން މާލޭ ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު މެޗު ނިއުއިން ކާމިޔާބުކުރީ 4-1ގެ ނަތީޖާއަކުންނެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު ދެވަނަ ބުރުގެ ފޯރިގަދަ މެޗު ނިއުއިން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ނިއުއިން ޖެހި ހަމައެކަނި ގޯލް، މެޗު ނިމެން ދަނިކޮށް ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.
މިރޭގެ މެޗަށް ނިއުއިން ނުކުތީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ޓީމުގެ ފުރަތަމަ 11ގައި ނުހިމަނައެވެ. އޭނާގެ ބަދަލުގައި އިބްރާހީމް އަތީގު މެޗު ފެށި ނަމަވެސް، ނިއުއިން ދެވަނަ ހާފް ފެށީ ދަނގަޑޭއާ އެކުގައެވެ.
މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ނިއުގެ ފަރާތުން ފުރަތަމަ ހަމަލާ ފެނިގެންދިޔައެވެ. ޔޫވީގެ އޭރިއާ ބޭރުން ކަނާތް ފަޅިން ލިބުނު ހިލޭ ޖެހުން ސެންޓޭ ގޯލަށް އަމާޒުކޮށްލި ނަމަވެސް ޔޫވީގެ ކީޕަރު ހަސަން ތޮލާލް ވަނީ އެ ހަމަލާ ދިފާއުކޮށްފައެވެ.
ޔޫވީގެ އިއްސެއަށް މެޗުގައި ރަތް ކާޑު ދައްކައިފައި ވަނީ 23 ވަނަ މިނެޓުގައި އޭނާ ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެންނެވެ. ނިއުގެ ޑިފެންޑަރު ޖޯޖު ގޮޓޯގެ ފަޔަށް އިއްސެ ކުރި ޓެކުލަށް ރެފްރީ ސީދާ ރަތް ކާޑު ދައްކާފައިވާ އިރު، ގަޓޯއަށް އަނިޔާވެ އޭނާގެ ބަދަލުގައި މުހައްމަދު ރަޝީދު (ހޮކޭ)ވަނީ ކުޅެން ނުކުމެފައެވެ.
ރަތް ކާޑާ ގުޅިގެން ޔޫވީގެ ކުޅުންތެރިން ރެފްރީއަށް ވަރަށް ބޮޑަށް ޝަކުވާ ކޮށްފައިވާ އިރު، ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ކޮންމެވެސް ވަރެއްގެ ދެބަސްވުންތަކެއްވެސް ވަނީ ހިނގާފައެވެ. ރަތް ކާޑާއެކު ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން ޔޫވީން ވަރަށް ބޮޑަށް ޑިފެންސަށް ކުޅުންތެރިން ގިނަކޮށްގެން ކުޅުނުކަން ފާހަގަކޮށްލެވުނެވެ.
ކުޅުންތެރިންއަކު މަދުކޮށް ކުޅެމުން ދިޔަ ޔޫވީ ކައިރިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނިއުއިން އެޓޭކް ކުރުމަށް ހުރަހަކަށް ވެގެން ދިޔައީ ޔޫވީގެ ޑިފެންސިވް އޯގަނައިޒޭޝަނެވެ. އެހެން ނަމަވެސް ފުރަތަމަ ހާފްގައިވެސް ނިއުއިން ވަނީ ގޯލް ޖަހާނެ އިތުރު ފުރުސަތެތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން ކަންޑެލާއާއި ސެންޓޭގެ ހަމަލާތައް ފާހަގަކޮށްލެވުނެވެ.
ދެވަނަ ހާފްގައިވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ނިއުއިންނެވެ. ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ޔޫވީގެ ގޯލް ފޫއަޅުވާލުން ވީ އުނދަގޫ ކަމަށެވެ. ދެވަނަ ހާފްގެ ފުރަތަމަ މިނެޓުގައި ދަގަނޑޭއާއި ހަމްޒާ މުހައްމަދު (ހަމްޕު)ގެ ފަރާތުން ފެނުނު ހަމަލާތަކުގެ ހުރަހަކަށްވީ ޔޫވީގެ ކީޕަރު ތޮލާލެވެ.
މެޗުގެ 51 ވަނަ މިނެޓުގައި ޔޫވީން ހޯދި ކައުންޓާ އެޓޭކް ފުރުސަތުގައި އެޓީމުގެ ބިދޭސީ ފޯވަޑް ސެމިއުލް ކޯޑެލްގެ ބާރު ސްޕީޑާއެކު އޭނާ ވަނީ ރަނގަޅު ހަމަލާއެއް އުފައްދައިފައެވެ. ބާރު ދުވެލީގައި ނިއުގެ ދެ ކުޅުންތެރިން ނައްޓާލުމަށްފަހު ނިއުގެ އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލް ކުރިމަތިން ބޭރަށެވެ.
އޭގެ ފަހުން އަނެއްކާވެސް ފެނިގެންދިޔައީ ނިއުގެ ދެ ހަމަލާއެކެވެ. އެގޮތުން މުހައްމަދު އުމެއިރަށް ލިބުނު ހުސް ފުރުސަތު އޭނާ ނާކާމިޔާބުކޮށްލި އިރު، އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ދަގަނޑޭ ބޮލުން ފޮނުވާލި ހަމަލާވެސް ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ. ނިއުއިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނު އިރު، ޔޫވީން ކުޅެފައި ވަނީ ކައުންޓާ އެޓޭކިން ކުޅުމެކެވެ. ނިއުގެ ހަމަލާތަކުގެ ތެރެއިން ޔޫވީން ވަނީ ކައުންޓާ އެޓޭކްގައި ކުރިއަށް ޖެހި އެޓޭކް ކުރަން މަސައްކަތް ކޮށްފައެވެ.
މެޗުގެ 72 ވަނަ މިނެޓުގައި ކަންޑެލާގެ ބޯޅައަށް ސެންޓޭ ކުރިއަށް ޖެހި، ޔޫވީގެ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ތޮލާލް ދިފާއު ކުރިއިރު، އޭގެ ރީބައުންސް ބޯޅައިން ހޮކޭ ފޮނުވާލި ހަމަލާވެސް ދިފާއުކޮށް ބޭރުކޮށްލީ ތޮލާލެވެ. މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް ނިއުއިން ލީޑު ނެގީ 84 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއަކުންނެވެ.
ޔޫވީގެ އޭރިއާ ތެރެއިން ދަގަނޑޭ، ޔޫވީގެ ޑިފެންޑަރު އަރުތޫރު މުލަޑްޒަނޯވް ނައްޓާލުމާއެކު އޭނާ ވަނީ ދަގަނޑޭއަށް ފައުލް ކޮށްފައެވެ. ޔޫވީގެ ކުޅުންތެރިން ދަގަނޑޭ ޑައިވް ކުރިކަމަށް ބުނެ ޝަކުވާ ކުރި ނަމަވެސް ރެފްރީ ވަނީ ޕެނެލްޓީ ދީފައެވެ. ނިއުއަށް ޕެނެލްޓީ ކާމިޔާބުކޮށްދިނީ ސެންޓޭއެވެ.
ރޭގެ މެޗުން މޮޅުވެ ނިއު ވަނީ ކުޅުނު 10 މެޗުން 25 ޕޮއިންޓް ހޯދައި ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. ދެވަނައިގައި އޮތް ކްލަބު އީގަލްސްއަށް 10 މެޗުން ލިބެނީ 18 ޕޮއިންޓެވެ.
މިރޭގެ މެޗުން ބަލިވި ޔޫވީ އޮތީ ކުޅުނު 10 މެޗުން ހަތް ޕޮއިންޓާއެކު ލީގު ތާވަލުގެ ހަތް ވަނައިގައެވެ.
މާލޭ ލީގުގެ މެޗެއް ދެން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގައެވެ. އެރޭ 10:00ގައި އޮންނަ މެޗުގައި ވާދަކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާއެވެ.