ވޯލްޑްކަޕް އޮފިޝަލް ލަވަގައި މިފަހަރު ވިލް ސްމިތް؟

ކޮންމެ ހަތަރު އަހަރަކުން އެއްއަހަރު އަންނަ ފުޓްބޯޅައިގެ އީދު، ވޯލްޑްކަޕާ ދިމާކޮށް ކޮންމެ ފަހަރަކުވެސް ފޯރި ގަދަ ލަވައެއް ރިލީޒްކުރެއެވެ. މިއީ މުބާރާތުގެ ފޯރިއާ އެއްވަރަށް ވައިގައި ހިފާ ލަވައެކެވެ. ހަބަރުތައް ބުނާގޮތުން މިއަހަރުގެ ވޯލްޑްކަޕްގެ އޮފިޝަލް ލަވަ އަންނަ ހުކުރު ދުވަހު ރަސްމީކޮށް ރިލީޒްކުރާނެއެވެ.

ކޮންމެ އަހަރަކުވެސް ނަން މަޝްހޫރު ތަރިންްގެ ބައިވެރިވުމާއެކު ނެރޭ މި ލަވައިގެ ޓީޒާއެއް މިފަހަރު އާންމުކޮށްފައިވަނީ ހޮލީވުޑްގެ ތަރި ވިލް ސްމިތެވެ.

ފިލްމީތަރި އަދި ރެޕާ، އޭނާގެ އިންސްޓަގްރާމުގައި ޕޯސްޓުކުރި ފޮޓޯއެއްގައި ވަނީ ފީފާ ވޯލްޑްކަޕް 2018 ހޭޝްޓެގް ޖަހާފައެވެ. އެ ފޮޓޯގައި ވިލް ސްމިތް އާއެކު ހުންނަނީ ލަވަކިޔުންތެރިޔާ ނިކީ ޖޭމް އެވެ.

މީގެ އިތުރުން އެކި ގައުމުތަކުގެ ލަވަކިޔުންތެރިން މި ފޮޓޯގައި ޓެގް ކޮށްފައިވެއެވެ. ފޮޓޯގައި އެދެމީހުން ތިބެނީ ވޯލްޑްކަޕް ބޯޅައެއްވެސް ހިފައިގެންނެވެ.

މިކަމާ ގުޅިގެން ފީފާ އިން ބުނެފައިވަނީ ވޯލްޑްކަޕްގެ އޮފިޝަލް ލަވަ ސޮނީއާ ގުޅިގެން ގެނެސްދޭ ކަމަށާއި މި ލަވަކިޔާ ލަވަކިޔުންތެރިން އިއުލާނު ކުރާނެ ކަމަށެވެ.

2010 ވަނަ އަހަރުގެ ވޯލްޑްކަޕް ލަވަ "ވައްކާވައްކާ" ގައި ލަވަކިޔުންތެރިޔާ ޝަކީރާ ފީޗާކޮށްފައިވާއިރު 2014ގައި ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް ވަނީ ފީޗާކޮށްފައެވެ.

ސީއެންއެން

comment ކޮމެންޓް