ތައިލެންޑުން ފިލާވަޅެއް: ފަތުރުވެރިން މާ ގިނަވުމުގެ ނަތީޖާ

ތައިލެންޑްގެ މަޝްހޫރު މާޔާ ބޭ ހިމެނޭ ރަށުގައި ގިނަ އަދަދެއްގެ ފަތުރުވެރިން އަދި އުޅަނދުފަހަރު -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ތައިލެންޑުގެ ދެކުނުގެ ޕުކެޓާއި ކްރާބީ ފަދަ ޕްރޮވިންސްތަކަކީ ކަނޑާ ގުޅި ލާމެހިފައިވާ ސަރަހައްދުތަކެވެ. ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލުތަކެކެވެ. އެ ޕްރޮވިންސްތަކުގެ ދަށުން، އަންޒަމާނު ކަނޑުގައި ބޮޑެތި ގާގަނޑުތަކާ އެކު ހެދިފައިވާ ރަށްތައް ވެސް މެ އެވެ.

ތައިލެންޑުގައި ފަތުރުވެރިކަމުގެ ދާއިރާއެއް ފެށިތާ ލައްކަ ޒަމާން ވެފައިވާ އިރު، މިއަހަރު އެގައުމަށް 40 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ބެލެވެ އެވެ. އޭގެ ތެރެއިން 25 މިލިޔަން ފަތުރުވެރިންނަކީ އެގައުމުގެ އައްސޭރިފަށާއި ކަނޑާއި ފަރުތަކާއި ރަށްތައް ބަލާލަން ދާ މެހެމާނުންނެވެ.

ނަމަވެސް ތައިލެންޑަށް މިވަނީ "މުސީބާތަކާ" ކުރިމަތިލާން ޖެހިފަ އެވެ. އޮބިނޯންނަ މިންވަރަށް ފަތުރުވެރިން ޒިޔާރަތްކުރަނީ އެވެ. މާ ގިނައީ އެވެ. ފުދޭ މިންވަރަށް ވުރެ ވެސް ގިނައިން އާމްދަނީ ލިބެމުން ދިޔަ ނަމަވެސް، އޭގެ އަނެއް ކޮޅުން ފެންނަނީ ގުދުރަތީ ތިމާވެށި ހަލާކުވެ، ސުންނާފަތިވަމުން ދާ މަންޒަރެވެ.

ޗާލު ރަށަކާއި ފަޅެއް ބަންދުކުރުން

ތައިލެންޑްގެ ކްރާބީ ޕްރޮވިންސްގެ "ޕީ ޕީ އައިލެންޑްސް"އޭ ކިޔާ ޖަޒީރާ ރަށްތަކުގައި މުޅި ދުނިޔެއަށް މަޝްހޫރު ރަށެއް އޮވެ އެވެ. "ކޮ ޕީ ޕީ ލީ" ކިޔާ އެ ރަށް މަޝްހޫރު ވަނީ އެ ރަށުގެ ހުޅަނގު ފަޅީގައި އޮންނަ ފަޅުގެ ސަބަބުންނެވެ. "މާޔާ ބޭ" ކިޔާ އެ ފަޅު މުޅި ދުނިޔޭގެ ލޮލުގައި އަޅައިގަތީ އިނގިރޭސި ޑިރެކްޓަރު ޑެނީ ބޯއިލް ޑައިރެކްޓްކޮށް، ލިއޮނާޑޯ ޑިކެޕްރިއޯ ފެނިގެންދާ ފިލްމު "ދަ ބީޗު"ގެ މަންޒަރުތައް އެ ފަޅާއި ފަޅާ އިންވެގެން އޮންނަ ގޮނޑުދޮށުގައި ނަގާފައި ވުމުންނެވެ.

މަޝްހޫރު މާޔާ ބޭ ފަޅު ހިމެނޭ ޕީ ޕީ ލީ ރަށުގެ އެތެރެ -- ސަން ފޮޓޯ/ މާހިލް މުހައްމަދު

"ހަޓް ނޯޕަރަޓް ތަރާ" މެރިން ނޭޝަނަލް ޕާކުގައި އޮންނަ މާޔާ ބޭ ފަޅަށް ދުވާލަކު އެވަރޭޖްކޮށް 4،000 މީހުން ޒިޔާރަތްކުރެ އެވެ. އެއްފަހަރާ އެތައް ސަތޭކަ ބަޔަކު އެތަނުގައި ތިބޭ އިރު، ފަތުރުވެރިން ފުރާލާފައިވާ އޮޑިދޯނިފަހަރު އަބަދާ އަބަދު އެ ފަޅަށް ވަދެ ނުކުމެ ހަދަ އެވެ. ގާތްކޮށްލާނެ ތަންކޮޅެއް ނެތިގެން އެތައް ލޯންޗެއް ފަޅުގެ މެދުގައި މަޑުކޮށްގެން އަބަދުވެސް އޮވެ އެވެ.

މިކަމުގެ ސަބަބުން އެ ފަޅާއި ގޮނޑުދޮށާއި ދިރުންތަކަށް ނޭދެވޭ އެތައް އަސަރެއް ކޮށްފި އެވެ. އެހެންވެ ފަހުން އެސަރަހައްދުގެ ނޭޝަނަލް ޕާކު އޮފީހުން ނިންމީ ކުޑަ ދުވަސްކޮޅަކަށް ވިޔަސް ފަތުރުވެރިންނަށް އެރަށް ބަންދުކުރުމަށެވެ.

ތައިލެންޑުގެ މެރިން ސައިންޓިސްޓް ޑރ. ތޮން ތަމްރޮންގްނަވަސަވަތު ވިދާޅުވީ، ގުދުރަތީ ތިމާވެއްޓަށް އެހީތެރިވެދެވޭނީ އިންސާނުންނަށެވެ.

ފަރުތައް "ހަމަނޭވާއެއް ލުމަށް" ވަގުތުކޮޅެއް ދޭން ޖެހޭ

ޕީ ޕީ އައިލެންޑްސްގައި މުރަކަ އިންދައި، ދިރުވުމުގެ މަސައްކަތް ކުރައްވާ ޑރ. ތޮން ވިދާޅުވީ ވަރުބަލިވަންދެން މުރަކަ އިންދިޔަސް، ހުއްޓުމެއްނެތި ބޯޓުތައް އައިސް ގޮސް އުޅޭ ނަމަ މުރަކަތައް މަރުވާނެ ކަމަށެވެ.

ތައިލެންޑްގެ މެރިން ސައިންޓިސްޓް ޑރ. ތޮން ތަމްރޮންގްނަވަސަވަތު -- ފޮޓޯ/ ފޭސްބުކް

"މިކަމާ ހެދި މާޔާ ބޭ ބަންދުކުރަން ނިންމީ ވެސް. ތިމާވެއްޓަށް ބްރޭކެއް ދިނުމަށް ޓަކައި. މިކަން އަޅުގަނޑުމެންނަށް ކުރިން ވެސް ތަޖުރިބާ ކުރެވިއްޖެ. މިތަނުގެ ކައިރީގައި އޮންނަ އެހެން ރަށެއްގެ ފަރުގައި ހުރި މުރަކަތައް މީގެ ދެ އަހަރު ކުރިން ހުރީ މަރުވެފައި. އެތަނުގައި މުރަކަ އިންދުމަށް ފަހު، ދެ އަހަރު ފަހުން މުޅި ސަރަހައްދަށް އަލުން ދިރުން އަތުވެއްޖެ!" ބެންގްކޮކްގެ ކަސެޓްސާޓް ޔުނިވާސިޓީގެ ފެކަލްޓީ އޮފް ފިޝަރީޒްގެ ޑީން ޑރ. ތޮން ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއަށް އަށް ފަހަރަށް ވުރެ ގިނަ ފަހަރު ޒިޔާރަތްކުރެއްވި ޑރ. ތޮން ވިދާޅުވި ގޮތުގައި، ރާއްޖެ އާއި ތައިލެންޑަކީ ވަރަށް އެއްގޮތް ދެ ގައުމެވެ. ފަތުރުވެރިކަން ދެގައުމަށް ވެސް ވަރަށް މުހިންމެވެ. ފަތުރުވެރިކަމުގެ ފައިދާ އާއި ގެއްލުން ވެސް ވާނީ އެއްގޮތަކަށެވެ. ތަފާތަކީ، ތައިލެންޑަށް އެކަމުގެ އަސަރުތައް މާ ބޮޑީ އެވެ.

ތައިލެންޑްގެ މަޝްހޫރު މާޔާ ބޭ ފަޅު -- ސަން ފޮޓޯ/ މާހިލް މުހައްމަދު

"ރާއްޖެއަށް ވުރެ ތައިލެންޑަށް ފަތުރުވެރިން މާ ގިނައިން އާދޭ. އާމްދަނީ ވެސް މާ ބޮޑަށް ލިބޭ. އެކަމަކު ތައިލެންޑަށް ނޭދެވޭ އަސަރުވެސް ބޮޑުވޭ. މިސާލަކަށް ރާއްޖެއަށް ހަތް މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރާ ނަމަ، ވިސްނޭނެ ހަމައެކަނި ފައިސާއެއް ނޫންކަން އެ ވަންނަނީ. އެ ފައިސާއާ އެކު އެތައް މީހުންނެއް ވެސް އާދޭ. އެމީހުންނަށް ނޭނގި ވިޔަސް މުރަކައަށް ގެއްލުން ދެވިދާނެކަން ހަނދާން ބަހައްޓަން ޖެހޭ،"

"ޖަޒީރާތަކުގައި ފަތުރުވެރިކަމުގެ ދާއިރާގައި ފުރަތަމަ އިސްކަމެއް ދޭންޖެހޭނީ މުރަކައަށް. ކަނޑުގައި ރަސްކަންކުރާނީ ކަނޑުގެ ދިރުންތައް. ފަތުރުވެރިންގެ އަތުން ފައިސާ ލިބެނީ އެމީހުން މުރަކަ ބަލަން އަންނާތީ. މުރަކަތައް މަރުވުމުން އެކަން ވެސް ހުއްޓޭނެ. އެހެންވެ އެބަ ޖެހޭ ކުރިއަށް ފިޔަވަޅު އަޅައި، މިތަކެތި ހިމާޔަތްކުރަން،" ޑރ. ތޮން ވިދާޅުވި އެވެ.

"އާމްދަނީ ނުލިބުނަސް ވަރިހަމަ!"

އަންނަ ހަފްތާއިން ފެށިގެން ހަތަރު މަސް ދުވަހަށް މާޔާ ބޭ ބަންދުކުރާނެކަން، ތައިލެންޑްގެ ޓޫރިޒަމް އޮތޯރިޓީން ވަނީ އިއުލާނުކޮށްފަ އެވެ.

މާޔާ ބޭއަށް ފަތުރުވެރިން ޒިޔާރަތްކުރުމުގެ ފީއަކީ 12 ޑޮލަރެވެ. އެވަރޭޖުކޮށް ދުވާލަކު 4،000 ޓޫރިސްޓުން އެތަނަށް ޒިޔާރަތް ކުރާ ކަމަށް ބަލާ ނަމަ، ދުވަލެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ތައިލެންޑަށް 49،770 ޑޮލަރު ލިބެ އެވެ. އެއީ މަހެއްގެ މައްޗަށް ބަލާ ނަމަ ގާތްގަނޑަކަށް 1.5 މިލިޔަން ޑޮލަރެވެ. އަދި ހަތަރު މަހަށް ބަލާ ނަމަ ގާތްގަނޑަކަށް ހަ މިލިޔަން ޑޮލަރެވެ.

ތައިލެންޑްގެ މަޝްހޫރު މާޔާ ބޭ ހިމެނޭ ރަށުގައި ގިނަ އަދަދެއްގެ ފަތުރުވެރިން -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ތައިލެންޑްގެ ޓޫރިޒަމް އޮތޯރިޓީގައި، ނޭޝަނަލް ޕާކުތައް ތަމްސީލުކުރައްވާ ޑރ. ތޮންއާ މިކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ވިދާޅުވީ އޭނާއަށް "ވަރިހަމަ" ކަމަށެވެ.

"އައި ޑޯންޓް ކެއާ. އަހަރެމެންގެ ޖީލަށް ފަރުތަކުން ލައްކަ ފައިދާ ލިބިއްޖެ. ކުރިއަށް އޮތް ޖީލަށް ވެސް އެ ފައިދާތައް ލިބެން އެބަ ޖެހޭ. ފަރުތައް ހަލާކުވެގެން އަހަރެމެންގެ ދަރީންނަށް ވާ ގެއްލުން ބުނެދޭން މީހަކަށް އެނގުނު ދުވަހަކުން އަހަރެން މިކަމުގެ ޖަވާބު ދޭނަން. ފައިސާއަކީ މުހިންމު އެއްޗެއް. އެކަމަކު އަހަރެންގެ ދަރީންގެ މުސްތަގުބަލު މާ މުހިންމު،" ޑރ. ތޮން ވިދާޅުވި އެވެ.

ޕަބްލިކް ސެކްޓަރާ ގުޅިގެން އާންމުން ހޭލުންތެރިކުރުވުން

ފަތުރުވެރިން މާ ގިނަވެ، ކަނޑުގެ ދިރުންތަކަށް ނޭދެވޭ އަސަރު ކުރާ ކުރުން ހުއްޓުވުމަށް ތައިލެންޑުގެ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ އެއް މިސާލަކީ "ހަޓް ނޯޕަރަޓް ތަރާ"ގައި ކުރަމުންދާ މަސައްކަތްތަކެވެ. ރާއްޖޭގެ އެނބޫދޫފަޅު ހިއްކައިގެން ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ހިންގާ ތައިލެންޑުގެ ސިންހަ އެސްޓޭޓުން ހަޓް ނޯޕަރަޓް ތަރާގެ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ނޭޝަނަލް ޕާކް އޮފީހާ ވަނީ ގުޅިފަ އެވެ.

ސިންހަ އެސްޓޭޓުގެ އެސް ހޮޓެލްސް އެންޑް ރިސޯޓްސްއިން ކްރާބީގެ "ޕީ ޕީ ޑޮން"އޭ ކިޔާ ރަށުގައި "ޕީ ޕީ އައިލެންޑް ވިލެޖު" ކިޔާ ބީޗު ރިސޯޓެއް ހިންގަ އެވެ. އެ ރިސޯޓާ އެކު އެސަރަހައްދުގެ ކަނޑުގެ ދިރުންތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރަން މަސައްކަތްކުރާ މެރިން ޑިސްކަވަރީ ސެންޓަރެއް ވަނީ ހުޅުވައިފަ އެވެ.

ޕީ ޕީ އައިލެންޑް ވިލެޖު ރިސޯޓުގައި މެރިން ޑިސްކަވަރީ ސެންޓަރު ހުޅުވުން -- ސަން ފޮޓޯ/ މާހިލް މުހައްމަދު

އެ ސެންޓަރަށް، ޕީ ޕީ ޑޮން ރަށުގެ އަހުލުވެރިންގެ ތެރެއިން ސްކޫލު ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން ފަތުރުވެރިން ވެސް ޒިޔާރަތްކޮށް، ކަނޑުގެ ދިރުންތަކާ ބެހޭ މައުލޫމާތު ހޯދާ ހަދަ އެވެ.

ސިންހަ އެސްޓޭޓު ރިސޯޓުތައް ހިންގާ އެސް ހޮޓެލްސް އެންޑް ރިސޯޓްސްގެ ޗީފް ހޮސްޕިޓަލިޓީ އޮފިސަރު ޑާކް ޑެ ކުއިޕާ ވިދާޅުވީ މެރިން ޑިސްކަވަރީ ސެންޓަރެއް ހުޅުވުމުގެ ބޭނުމަކީ ކަނޑުއަޑީގައި ވަމުންދާ ގޮތް ބަޔަކަށް އަންގައިދިނުން ކަމަށެވެ.

"ގެސްޓުން މިތަނަށް އައިސް މައުލޫމާތު ހޯދޭނެ. ތަޖުރިބާކޮށްލެވޭނެ. އަޅުގަނޑުމެން ބޭނުން ވަނީ މިތަނަށް ބަޔަކު އައިސް، ކަންކަމާ ބެހޭ ބޭސިކް މައުލޫމާތު ހޯދައިގެން ގޮސް އާއިލާ އާއި ރަހުމަތްތެރިންނަށް އެ މައުލޫމާތުތައް ފޯރުކޮށްދިނުން. މިތަނުން މެރިން ލައިފްއާ ބެހޭ މައުލޫމާތު އެކަންޏެއް ނޫން، އިންސާނުންގެ ފަރާތުން އެތަކެއްޗަށް ފޯރާ އަސަރުގެ މައުލޫމާތު ވެސް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދަށް ވެސް މެރިން ޑިސްކަވަރީ ސެންޓަރެއް

މެރިން ސައިންޓިސްޓް ޑރ. ތޮން އެންމެ ފުރަތަމަ ރާއްޖެ ޒިޔާރަތްކުރެއްވީ މީގެ 20 ވަރަކަށް އަހަރު ކުރިންނެވެ. ދާދި ފަހުން ވެސް ވަނީ ރާއްޖެއަށް ޒިޔާރަތެއް ކުރައްވައިފަ އެވެ. އޭރާއި މިހާރާ ބަލާއިރު މާލެ ސަރަހައްދަށް އައިސްފައިވާ ބަދަލުތައް ފާހަގަކުރެއްވި އެވެ.

ޑރ. ތޮން ވިދާޅުވީ، މާޔާ ބޭއަށް ދިމާވި ފަދަ ކަމެއް، ރާއްޖޭގައި އެންމެ ރިސޯޓުތައް ގިނަ ސަރަހައްދު ކަމުގައިވާ މާލެ ސަރަހައްދަށް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.

"ރާއްޖޭގައި ފަތުރުވެރިން ތިބެނީ ހަމައެކަނި ރިސޯޓުތަކުގައެއް ނޫން. މީހުން އުޅޭ ރަށްރަށަށް ޑޭ ޓްރިޕްތަކަށް ވެސް ދާން ފަށައިފި. މިހެން ގޮސް ހަމަ މި މައްސަލަ ކުރިމަތިވެދާނެ. އޭގެ ކުރިން އެބަ ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ހުށިޔާރުވާން،"

https://sun.mv/105656

އެނބޫދޫފަޅުގައި ސިންހަ އެސްޓޭޓުން ހިންގާ ކްރޮސްރޯޑްސް މޯލްޑިވްސް ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުވާ ދެ ރިސޯޓާ އެކު، މެރިން ޑިސްކަވަރީ ސެންޓަރެއް ވެސް ހުޅުވާނެ އެވެ. ޑރ. ތޮން ވިދާޅުވި ގޮތުގައި، އެތަން ހުޅުވުމަށް ތައްޔާރުވަމުން ދާ އިރު، އެނބޫދޫފަޅު ސަރަހައްދުގައި އޭނާގެ އިރުޝާދުގެ ދަށުން މިހާރު ވެސް ދަނީ މުރަކަ އިންދުމުގެ މަސައްކަތް ކުރަމުންނެވެ.

ޕީ ޕީ އައިލެންޑް ވިލެޖު ރިސޯޓުގައި ހުޅުވި މެރިން ޑިސްކަވަރީ ސެންޓަރުގައި މުރަކަ އިންދުމުގެ ހަރަކާތެއް ކުރިއަށް ދަނީ -- ސަން ފޮޓޯ/ މާހިލް މުހައްމަދު

"މުރަކަ އިންދައި، ދިރުވުމުގެ މަސައްކަތް ފަށައިފިން. އަޅުގަނޑުމެން މި ދަނީ ލޯކަލް ކޮމިއުނިޓީތަކާ އެކު ވެސް ވާހަކަ ދައްކަމުން. ކްރޮސްރޯޑްސް ޕްރޮޖެކްޓާ އެކު މެރިން ޑިސްކަވަރީ ސެންޓަރު ހުޅުވުމުން އަޅުގަނޑުމެން ދައުވަތު ދޭނަން ކިޔަވާ ކުދިންނާއި މުދައްރިސުން ވެސް މިކަމުގައި ބައިވެރިވާން،"

"ސިންހައިން އުފެއްދި ރަށުގައި މީހުން ދިރިއެއް ނޫޅޭ. އެކަމަކު އެންމެ ކައިރިން އެއޮތީ އާބާދީ ބޮޑު މާލެ ސިޓީ. އެންމެ ބޮޑެތި ސްކޫލުތައް ވެސް ހުރި ސިޓީ. އެހެންވީމާ މައުލޫމާތު ފެތުރުމަށް ވެސް ފަސޭހަވެގެން ދާނެ،" ޑރ. ތޮން ވިދާޅުވި އެވެ.

comment ކޮމެންޓް