އިނގިރޭސިވިލާތަށް ވޯލްޑް ކަޕް ހޯދި ދާނެ: ކެޕްޓަން ކޭން

އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ހެރީ ކޭން --- ފޮޓޯ/ އޭޕީ

އިނގިރޭސިންނަށް ކުރިއަށް އޮތް ވޯލްޑް ކަޕް ކާމިޔާބު ކުރެވިދާނެ ކަމަށް ޓީމަށް އަލަށް ނެގި ކެޕްޓަން ހެރީ ކޭން ބުނެފިއެވެ.

އިނގެރޭސި ގައުމީ ޓީމަށް މީގެ ކުރިން ވޯލްޑް ކަޕެއްގެ ތަށި ހޯދިފައިވަނީ 1996 ވަނަ އަހަރުގައެވެ. އޭގެ ފަހުން ބޮޑެތި މުބާރާތްތަކުގައި އާއްމުކޮށް "ފްލޮޕް" ޓީމެއްގެ ގޮތުގައި ފެނިގެންދާ އިނގިރޭސި ޓީމު މިފަހަރުގެ ވޯލްޑް ކަޕަށް ނުކުންނާނީ ޒުވާން ސްކޮޑަކާ އެކުގައެވެ.

އިނގިރޭސިވިލާތުން ވޯލްޑް ކަޕަށްދާ 23 ކުޅުންތެރިންގެ ސްކޮޑު އިއުލާންކޮށްފައިވާ އިރު، ޓީމުގެ ކެޕްޓަންކަން ކުރާނީ 24 އަހަރުގެ ކޭންއެވެ. މި ސީޒަންގައި ޓޮޓެންހަމްއަށް ޖުމްލަ 41 ގޯލް ކާމިޔާބުކޮށްދިން ކޭން ވަނީ މީގެ ކުރިންވެސް ތިން މެޗެއްގައި އިނގިރޭސި ޓީމުގެ ކެޕްޓަން ބޭންޑް އަޅައިފައެވެ.

"ވޯލްޑް ކަޕް އުފުލާލުމުގެ ހުވަފެން ނުދެކޭނެ މީހެއް ހުރެގެން ނުވާނެ. އަހަރެން ގަބޫލުކުރަނީ އިނގެރޭސިންނަށް އެކަން ވާނެ ކަމަށް. މިއަދު މިތާ އިނދެ ނުބުނެވޭނެ އިނގިރޭސިން ވޯލްޑް ކަޕަށް ދާނީ ހަމަ ކުޅެލާށެކޭ. އެ މުބާރާތް ކާމިޔާބުކުރުން އެއީ ހަމައެކަނި ގަބޫލުކުރެވޭނެ ނަތީޖާއަކީ،" ކެޕްޓަން ބޭންޑާ ހަވާލުވުމަށްފަހު ކޭން ބުންޏެވެ.

ކޭން ބުނީ އޭނާ ގަބޫލުކުރަނީ ހުރިހާ ކުޅުންތެރިންގެވެސް ވިސްނުން ހުރީ އެގޮތަށް ކަމަށާއި، ޒުވާން ސްކޮޑެއް އޮތުން އެއީ މިހާރު ލިބޭނެ ހިތްވަރެއް ކަމަށެވެ. އަދި އިނގިރޭސިންނަކީ މުބާރާތުގެ ފެވަރިޓުން ނޫން ނަމަވެސް، މި ސީޒަންގެ ކްލަބު ފުޓުބޯޅައިގައިވެސް ކަންވީ އެންމެ ހީކުރިގޮތާ ހިލާފަށް ކަމަށްވެސް ކޭން ބުންޏެވެ.

"އިނގެރޭސިންނަކީ ފެވަރިޓުންނެއް ނޫން. އެކަމަކު އެއްވެސް މީހަކު ހިތަށް ނާރާނެ ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދާނެ ކަމަކަށް. ދެން ފާގަސަންއާއެކު މުޅި ޔޫރަޕް ޑޮމިނޭޓް ކުރި މެންޗެސްޓާ ޔުނައިޓެޑަކީވެސް ޒުވާން ޓީމެއް. އެހެންވީމަ ޒުވާން ޓީމަކީ ހިތްވަރެއް ހުރިހާ ކުޅުންތެރިންވެސް މާ ބޮޑަށް ބޭނުންވާނެ މުބާރާތް ނަގަން،" ކޭން ފާހަގަކުރިއެވެ.

ވޯލްޑް ކަޕްގައި އިނގިރޭސިން ހިމެނެނީ ގްރޫޕް ޖީ ގައެވެ. އެ ގްރޫޕްގައި އިނގެރޭސިންގެ އިތުރުން ހިމެނެނީ ވަރުގަދަ ބެލްޖިއަމްއާއި ޕެނަމާ އަދި ޓިއުނޭޝިއާއެވެ.

comment ކޮމެންޓް