ރޮމޭރޯއަށް އަނިޔާވެ، ވޯލްޑް ކަޕްގެ އުންމީދު ގެއްލިއްޖެ

ރޮމޭރޯ އާޖެންޓީނާގެ ބައެއް ކުޅުންތެރިންނާ އެކު ފަރިތަކުރުންތަކުގައި --- ފޮޓ/ އޭޕީ

އަނިޔާގެ ސަބަބުން އާޖެންޓީނާގެ އެއް ނަންބަރު ކީޕަރު، މެންޗެސްޓާ ޔުނައިޓެޑްގެ ސާޖިއޯ ރޮމޭރޯއަށް ވޯލްޑް ކަޕްގެ އުންމީދު ގެއްލިއްޖެ އެވެ.

މިހާތަނަށް ގައުމީ ޓީމަށް 94 މެޗު ކުޅެދީފފައިވާ އުމުރުން 34 އަހަރުގެ ރޮމޭރޯއަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށް އާޖެންޓީނާ ގެންދިއުމުގައި ވެސް މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ. މީޑިއާ ރިޕޯޓުތައް ބުނެފައި ވަނީ ރޮމޭރޯގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް ޖޫން މަހު ރަޝިޔާގައި އޮންނަ ވޯލްޑް ކަޕަށް ނުދެވޭނެކަން ޔަގީންވެފައިވާ ކަމަށެވެ.

އާޖެންޓީނާ އިން ވޯލްޑް ކަޕަށް ދާ 23 ކުޅުންތެރިންގެ ސްކޮޑު އިއްޔެ އިއުލާންކޮށްފައިވާ އިރު، ޓީމުގައި ރޮމޭރޯގެ އިތުރުން ދެން ހިމެނޭ ކީޕަރުންނަކީ ޗެލްސީގެ ބަދަލު ކީޕަރު ވިލީ ކަބަލޭރޯ އާއި ރިވާ ޕްލޭޓްގެ ފްރޭންކޯ އަރުމާނީ އެވެ. އޭގެ ތެރެއިން ކަބަލޭރޯ ވަނީ މިހާތަނަށް ގައުމީ ޓީމަށް ދެ މެޗު ކުޅެފަ އެވެ. އަރުމާނީއަކީ އަދި ގައުމީޓީމަށް މެޗެއް ނުކުޅެ ހުރި ކީޕަރެކެވެ.

ރޮމޭރޯއަށް އަނިޔާވެ އޭނާ ސްކޮޑުން ބޭރު ކުރުމަށް ފަހު ޓީމަށް އަލުން ނަގާނެ ކަމަށް ލަފާކުރެވެނީ ޕްރިލިމިނަރީ ސްކޮޑުގައި ހިމެނުނު މެކްސިކޯ ލީގުގެ ޓިގްރެސްގެ ނަހުއެލް ގުޒްމަން އެވެ.

އާޖެންޓީނާ އިން އިއްޔެ އިއުލާންކުރި ވޯލްޑް ކަޕް ސްކޮޑުގައި އިޓަލީ ލީގުގެ ޓޮޕް ސްކޯރާ މައުރޯ އިކާޑީއަށް ފުރުސަތު ދީފައި ނުވާ އިރު، ފޯވަޑް ލައިންގައި ހިމެނެނީ ލިއޮނަލް މެސީގެ އިތުރުން ސާޖިއޯ އަގުއޭރޯ، ޕައުލޯ ޑީބާލާގެ އިތުރުން ގޮންޒާލޯ ހިގުއައިންނެވެ.

އާޖެންޓީނާއިން އިއްޔެ އިއުލާންކުރި ސްކޮޑު:

ކީޕަރުން - ސާޖިއޯ ރޮމޭރޯ (މެންޗެސްޓާ ޔުނައިޓެޑް)، ވިލީ ކަބަލޭރޯ (ޗެލްސީ)، ފްރޭންކޯ އަރުމާނީ (ރިވާ ޕްލޭޓް)

ޑިފެންޑަރުން- ގެބްރިއަލް މޭސެޑޯ (ސެވިއްޔާ)، ފެޑަރީކޯ ފާޒިއޯ (ރޯމާ)، ނިކޮލަސް އޮޓަމެންޑީ (މެންޗެސްޓާ ސިޓީ)، މާކަސް ރޯހޯ (މެންޗެސްޓާ ޔުނައިޓެޑް)، ނިކޮލަސް ޓަގްލަފިކޯ (އަޔެކްސް)، ހާވިޔާ މަޝަރާނޯ (ހެބޭ ފޯޗިިއުން)، މާކޮސް އަކޫނާ (ސްޕޯޓިން ލިސްބަން)، ކްރިސްޓިއަން އަންސާލްޑީ (ޓޮރީނޯ)

މިޑްފީލްޑަރުން - އެވާ ބަނޭގާ (ސެވިއްޔާ)، އެންހާލް ޑިމަރިއާ (ޕީއެސްޖީ)، ލޫކަސް ބީގިލިއާ (އޭސީ މިލާން)، ޖިއޮވީނޯ ލޮސެލްސޯ (ޕީއެސްޖީ)، މެނުއަލް ލަންޒިނީ (ވެސްޓް ހަމް)، ކްރިސްޓިއަން ޕަވޮން (ބޮކާ ޖޫނިއާސް)، މެކްޒިމިލިއާނޯ މޭޒާ (އިންޑިޕެންޑިއާންޓޭ)، އެޑުއާޑޯ ސިލްވާ (ބެނިފީކާ)

ފޯވަޑުން - ލިއޮނަލް މެސީ (ބާސެލޯނާ)، ގޮންޒާލޯ ހިގުއައިން (ޔުވެންޓަސް)، ޕައުލޯ ޑީބާލާ (ޔުވެންޓަސް)، ސާޖިއޯ އަގުއޭރޯ (މެންޗެސްޓާ ސިޓީ)

comment ކޮމެންޓް