މައުންޓް އެވަރެސްޓަށް އަރަން ކުރި މަސައްކަތް: އަށްވަނަ ފަހަރު ވީ މަރު!

ޖަޕާނުގެ ކްލައިމްބާ ނޮބްޒަކޫ ކުރިކީ--- ފޮޓޯ؛ ސީއެންއެން

ދުނިޔޭގެ އެންމެ އުސްފަރުބަދަ، މައުންޓް އެވަރެސްޓުގެ އެންމެ އުހަށް އެރުމަކީ ގިނަ ބައެއްގެ ހުވަފެނެކެވެ. ބުރަ އަދި ބިރުވެރި މި "ޗެލެންޖާ" ކުރިމަތިލަނީ ހިތްވަރާއެކުއެވެ. ބައެއް ފަހަރު ކާމިޔާބުވެއެވެ. އަނެއްބައި ފަހަރު ބޮޑެތި ޒަހަމްތައް ލިބެއެވެ. އަދި އެކަމާ ކުރިމަތިލާ ގިނަ ބަޔަކު މަރުވެސް ވެއެވެ.

ޖަޕާނުގެ ކްލައިމްބާ ނޮބްޒަކޫ ކުރިކީ އަކީ ހިތްވަރާއެކު އެ ކަމާ ކުރިމަތިލީ މީހެކެވެ. އަތުގެ އެންމެ އިނގިއްޔެއް ފިޔަވާ ހުރިހާ އިނގިއްޔެވެސް ވަނީ ފަރުބަދައަށް އަރަން ކުރި މަސައްކަތުގެ ތެރޭގައި ބުރިވެފައެވެ. އަށް ފަހަރު އޭނާ ވަނީ މައުންޓް އެވަރެސްޓަށް އަރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ނަސީބު އަތަކު ނުހިފިއެވެ. އަށްވަނަ ފަހަރު އޭނާ މަރުވީ ފިނިގަދަވެގެންނެވެ. އޭރު އޭނާވަނީ 7400 މީޓަރުގެ ރާސްތާއެއް ކަޑައްތު ކޮށްފައެވެ.

ނޮބްޒަކޫ އާއެކު މައުންޓަން ކްލައިމްބް ކުރަން އުޅުނު ގްރޫޕުން ބުނީ ތިރީހުގެ އަހަރުތައް ގުނަމުންދާ ނޮބްޒަކޫ ފަރުބަދައަށް އެރުމުގައި އުޅެނިކޮށް ވަރަށް ބޮޑަށް ބަލިވި ކަމަށެވެ. އެމީހުން ފަރުބަދައަށް އަރާއިރު އެކަކު އަނެކަކާ ވާހަކަ ދައްކަން ގެންގުޅެނީ ރޭޑިއޯ ޑިވައިސްއެއް ކަމަށާއި މި ހަފްތާގެ ހޯމަދުވަހު ނޮބްޒަކޫގެ ޑިވަސް އާ ގުޅުން ކެނޑުނު ކަމަށް އެ ގުރޫޕުން ބުނެއެވެ. އެމީހުންނަށް އޭނާ ފެނުނީ މަރުވެފައި އޮއްވައި ކަމަށާއި އޭނާ މަރުވިކަމަށް ބެލެވެނީ ފިނި ގަދަވެގެން ކަމަށް އެ ގުރޫޕުން ބުނެއެވެ.

ދެހާސް ނުވަވަނަ އަހަރު ވެސް ނޮބްޒަކޫ ވަނީ އެ ފަރުބަދައަށް އަރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބު ނުވީ ޗައިނާގެ އޮފިޝަލުންތަކެއް އޭނާ އެ ފަރުބަދައިން ބޭލުމުންނެވެ. 2010 ވަނަ އަހަރު އޭނާއަށް އެކަން ކާމިޔާބު ނުވީ ފިނި ގަދަވެގެން ފަރުބަދައިން ފައިބާން ޖެހުމުންނެވެ.

އަދި 2015 ވަނަ އަހަރު އޭނާގެ މަސައްކަތް ކާމިޔާބުނުވީ ނޭޕާލަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެންނެވެ. އެފަހަރު އެވަރެސްޓް ސަރަހައްދުން އެންމެ ބޮޑަށް ޒަހަމްވި މީހުންގެ ތެރޭގައިވެސް ނޮބްޒަކޫ ހިމެނެއެވެ.

އޭގެ ފަހުން މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުވެސް ނޮބްޒަކޫވަނީ ފަރުބަދައަށް އަރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް މޫސުން ތަން ނުދޭތީ ކާމިޔާބެއް ނުވިއެވެ.

އެވަރެސްޓް ފަރުބަދައަށް އަރަން އުޅުމުގެ ތެރޭގައި އެތައް ސަތޭކަ ބަޔަކު މަރުވާއިރު އެމީހުންގެ ހަށިގަނޑުތައް ފަރުބަދަ މަތިން ނުބޭލިވެސް ހުރެއެވެ. 29029 ފޫޓު (8848) މީޓަރުގެ މި އުސް ފަރުބަދައަށް އެރުމަށްވެސް ދުވާލަކު އެތައް ބަޔަކު ބޮޑު ހަރަދުކޮށްފައި ދެއެވެ.

comment ކޮމެންޓް