ތަރައްގީގެ ރަމްޒެއްގެ ގޮތުން ރައީސް ޔާމީނަށް ދެވަނަ ދައުރެއް

ނޮވެމްބަރު 17، 2013؛ ވެރިކަމުގެ ހުވާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކުރައްވަނީ- ޕީޕީއެމް އިން ރޭ ވަނީ ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓް އެމަނިކުފާނަށް ދިނުމަށް ނިންމާފައި -- ފޮޓޯ/ ރޮއިޓާސް

ޕްރައިމަރީ އަކާ ނުލައި، ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ދިނުމަށް ޕީޕީއެމްގެ ކައުންސިލުން ރޭ ފާސްކުރުމާ އެކު އެކަން ވެގެންދިޔައީ ޕީޕީއެމްގެ މެމްބަރުންނަށް އުފާވެރި ހަބަރަކަށެވެ. ޕީޕީއެމް ކޮޅަށް ޖަހައި އެ ޕާޓީއަށް ފުރަތަމަ ފަހަރަށް ރާއްޖޭގެ ވެރިކަން ހޯއްދަވައި ދެއްވި ރައީސަށް ދެވަނަ ދައުރެއް ދޭން ނިންމީ ޕާޓީގެ ކައުންސިލް މެމްބަރުންގެ އިއްތިފާގުންނެވެ.

ރައީސް ޔާމީން 2013 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބުކުރައްވައި ވޭތުވެ ދިޔަ ފަސް އަހަރު ގައުމަށް ގެނެސްދެއްވި ތަރައްގީއަށް ބަލާއިރު ތަރައްގީގެ ފޮނިމީރުކަން ދިވެހިންނާ ހިސާބަށް ފޯރުކޮށްދިނުމަށް އެމަނިކުފާނަށް އިތުރު ދައުރެއްދޭން ޖެހޭ ކަމަށް އެކި މެހެފިލްތަކުގައި ޕީޕީއެމްގެ އިސްވެރިން އަންނީ ވިދާޅުވަމުންނެވެ. ރައީސް ޔާމީން ފަދަ ދެވަނަ ވެރިއެއް އަދި އެމަނިކުފާނާ ވާދަކޮށްލެވޭ ވަރުގެ ލީޑަރެއް ވެސް ނެތް ކަމަށް އެބޭފުޅުން ގަބޫލުކުރައްވަ އެވެ.

ޑިސެމްބަރު 12، 2017: ރިޔާސީ އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން ރައީސް ޔާމީންގެ ރަސްމީ ކެމްޕޭން އޮފީސް ހުޅުވުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ރައީސް ޔާމީން ދިވެހި ރާއްޖެއަށް އިޖުތިމާޢީ ގޮތުންނާއި އިގްތިޞާދީ ގޮތުނާއި އުމްރާނީ ގޮތުން ގެންނަވަމުންދާ ތަރައްގީ އާއި އިސްލާމްދީން ހިމާޔަތް ކުރުމަށް ކުރައްވާ މަސައްކަތް ކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް ދެވަނަ ދައުރަކަށް ކުރިމަތިލުމުގެ ފުރުސަތެއް ދޭން ޖެހޭ،" ސަން އަށް ރޭ ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީނަކީ ގައުމު މިހާތަނަށް ނުދެކޭ ވަރުގެ ތަރައްގީއެއް ގެނެސްދެއްވާފައިވާ ކުޅަދާނަ ވެރިއެއް ކަމަށާއި ފެނުން މައްޗަށް ހިއްލެމުންދާ ބްރިޖާއި އަރަމުންދާ އުސް އިމާރާތްތަކާއި ހިއްކެމުންދާ ބިންތަކުން އެކަން ހެކި ދޭނެ ކަމަށެވެ.

"މިއީ ދިވެހި ތާރީހުގައި ވެސް ނުދެކޭ ފަދަ ވެރިއެއް. ރައީސް ޔާމީން ވަނީ މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި ވެރިންނަށް ނުކުރެވޭ އެތައް ކަމެއް ކުރައްވާފައި." ރައީސް ޔާމީނަށް ޕްރައިމަރީއަކާއި ނުލާ ރިޔާސީ ޓިކެޓް ދިނުމަށް ކައުންސިލަށް ހުށައެޅުއްވި އަދުރޭ ވިދާޅުވި އެވެ.

ޕްރައިމެރީއަކާ ނުލާ ޓިކެޓް ދިނުމަށް ޕީޕީއެމްގެ ގަވައިދުގައި ހުރަހެއް ނެތް

ޕީޕީއެމްގެ ބޮޑު ނިންމުމާ ގުޅޭ ގޮތުން އަދުރޭ ވިދާޅުވީ، އެ ނިންމުން ނިންމާފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ 61 ވަނަ މާއްދާގެ އ. އަށް ރިއާޔަަތް ކޮށްގެން ކަމަށެވެ. އަދި މިއީ ޕާޓީގެ އަސާސީ ގަވާއިދުން ހުއްދަކޮށްފައިވާ ކަމެއް ކަމަށާއި އެކަން ނިންމުމުގައި ޕާޓީގެ ކޮންމެ މެމްބަރެއްގެ ވެސް ޝާމިލުވުން އޮންނާނެ ކަމަށެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 61 ވަނަ މާއްދާގައި ބުނެފައި ވަނީ ޕާޓީ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކޮށް ހޮވިފައިވާ ފަރާތަކުން ދެވަނަ ދައުރަކަށް ކުރިމަތިލާން ބޭނުންވާ ނަމަ ޕާޓީން އެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

އަދުރޭ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މި ނިންމުމާ މެދު ފާޑުކިޔާނެ ކަމަށާއި ނަމަވެސް "ހަގީގަތެއް ނެތް" އެ ފާޑުކިއުންތަކަށް ފަރުވާލެއް ނެތް ކަމަށާއި ރައީސް ޔާމީނަށް ޓިކެޓް ދޭން ނިންމި ނިމުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ވެސް އަމަލުކުރާ ބެސްޓް ޕްރެކްޓިސް ކަމަށެވެ.

ޕީޕީއެމް އިންބޭއްވި ކައުންސިލް ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ނިހާން

"ބައްލަވާ އެމެރިކާ ފަދަ ބައިނަލް އަގުވާމީ ގައުމުތަކަށް. އެ ގައުމުތަކުގައި ވެސް އެބަހުރި އެއް ދައުރު ފުރިހަމަ ކުރައްވާފައި ހުނެންވި ރައީސަށް ދެވަނަ ދައުރެއް ދީފައި. މިއީ ބަޔަކަށް އެއްވެސް ސުވާލެއް އުފެއްދޭނެ ނިންމުމެއް ނޫން،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމްއަކީ މިވަގުތު މި ރާއްޖޭގައި އޮތް އެންމެ ޑިމޮކްރަޓީކް އަދި އެންމެ ބިޔަ ބޮޑު ޕާޓީ ކަމަށާއި އެ ޕާޓީން ކުރާ ކޮންމެ ކަމަކީ ވެސް ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ކުރާ ކަމެއް ކަމަށެވެ.

ޓިކެޓް ދޭން ނިންމި އެންމެ މުހިއްމު އެއް ސަބަބަކަށް ދީނާއި ގައުމު ދެކެ ރައީސް ޔާމީން ލޯބިފުޅުވުން

މި ދައުރުގައި ގެނެސްދެއްވި ތަރައްގީއަށް ބަލާ އިރު ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދޭން މަޖުބޫރުކަމަށް އަދުރޭ ވިދާޅުވި އިރު އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ނިންމުން ނިންމުމުގައި ރައީސް ޔާމީން ގައުމާއި އިސްލާމްދީން ހިމާޔަތް ކުރުމަށް ކުރައްވާފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްފައިވާ ކަމަށެވެ. އެގޮތުން މިވީ ފަސް އަހަރުގެ މުއްދަތުގައި ދިމާވި ކޮންމެ ގޮންޖެހުމަކާ އެއްވެސް ފަސްޖެހުމެއް ނެތި އެމަނިކުފާނު ކުރިމަތިލެއްވި ކަމަށާއި އެއީ ދެވަނަ ދައުރެއް އެމަނިކުފާނަށް ދޭން ޖެހޭ ސަބަބެއް ކަމަށެވެ.

ބަހާރެކޭ ޖަލްސާ ތެރެއިން :ސަން ފައިލް ފޮޓޯ

"ރައީސް ޔާމީނަކީ ގައުމާއި މި ގައުމުގައި އޮތް އިސްލާމްދީން ނެގެހެއްޓުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް. ރައީސް ޔާމީން ސާބިތުކޮށްދެއްވައިފި ކޮންމެ ކަމެއްވީ ނަމަވެސް މި ގައުމާއި ރައްޔިތުން ދުޝްމަނުންގެ އަތްމައްޗަށް ދީލާނުލާނެ ކަން،" އަދުރޭ ވިދާޅުވި އެވެ.

ޓިކެޓާ އެކު ކެމްޕެއިން މެކުހަށް

އަދުރޭ ވިދާޅުވީ މިއަދު ރަސްމީކޮށް ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދިނުމަށް ނިންމި ނިންމުމާ އެކު ކެމްޕެއިން ހަރަކާތްތައް މެކުހައްޖަހާނެ ކަމަށެވެ. އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ސަފުތައް އޮތީ ބަދަހިކޮށް ކަމަށާއި ދެ ވަނަ ދައުރަކަށް ރައީސް ޔާމީން ހޮވުމަށް އެ ޕާޓީގެ ހުރިހާ މެމްބަރުން ވެސް ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. އަދުރޭ ވިދާޅުވީ ކައުންސިލްގެ ނިންމުމަކީ މި ދައުރުގައި ގެނެސްދެއްވި ތަރައްގީގެ ރަމްޒެއްގެ ގޮތުން ރައީސް ޔާމީނަށް ދިން ހަދީޔާއެއް ކަމަށާއި "އެމަނިކުފާނުގެ 59 ވަނަ އުފާވެރި އުފަން ދުވަހުގެ ހަދިޔާއަކަށް ވެސް އެ ހަދީޔާ ވެގެންދާނެ" ކަމަށެވެ.

comment ކޮމެންޓް