ކޮރެއާގައި ބޭއްވި ފަތުރުވެރިކަމުގެ އެއްވުމެއްގައި ރާއްޖެއިން ބައިވެރިވެއްޖެ

އެނުއަލް ގްލޯބަލް ގެދަރިން ފެސްޓިވަލްގައި ރާއްޖެއިން ބައިވެރިވުން -- ފޮޓޯ/ އެމްއެމްޕީއާރުސީ

ދެކުނު ކޮރެއާގައި ބާއްވަމުން އަންނަ އެނުއަލް ގްލޯބަލް ގެދަރިން ފެސްޓިވަލްގައި ރާއްޖެއިން މި އަހަރުވެސް ބައިވެރިވެއްޖެއެވެ.

ގްލޯބަލް ގެދަރިން ފެސްޓިވަލް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ދެކުނު ކޮރެއާގެ ބުސާންގައެވެ.

ކޮރެއާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓާ އެމްއެމްޕީއާރުސީ ގުޅިގެން އެ ފެސްޓިވަލުގައި މިދިޔަ އަހަރުވެސް ވަނީ ބައިވެރިވެފައެވެ. އަދި މިދިޔަ އަހަރުގެ އެ ފެއާއަށް 30،000 މީހުންނަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައި ވާކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އެމްއެމްޕީއާރުސީން ބުނީ، އެ ފެސްޓިވަލްގައި ބައިވެރިވުމުގެ މަގުސަދަކީ ރާއްޖޭގެ ސަގާފަތާއި ރާއްޖޭގެ ކެއުންތައް އެހެން ގައުމުތަކުގެ ކުރިމަތީގައި ދައްކާލައި ރާއްޖޭ ޕްރޮމޯޓްކުރުން ކަމަށެވެ.

އެ ފެސްޓިވަލުގައި އެކި ގައުމުތަކުގެ ސަގާފީ ކުޅިވަރުތައް ދައްކާލައި، އެ ގައުމުތަކުގެ ސަގާފަތާ ގުޅޭގޮތުން މައުލޫމާތުތައް ބަދަލުކުރެވިގެން ގޮސްފައިވާކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. އަދި އެ ފެސްޓިވަލުގެ ތެރެއިން ރާއްޖެ ޕްރޮމޯޓުކުރުމަށްޓަކައި ބެހި ތަކެއްޗަށް، ޒިޔާރަތް ކުރި ފަރާތްތަކުގެ ހޫނު ތަރުހީބެއް ލިބިފައި ވާކަމަށްވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

ސައުތު ކޮރެއާއަކީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ 10 ގައުމުތެރޭގައި ހިމެނޭ ގައުމެކެވެ. އަދި ރާއްޖެއަކީ ކޮރެއާ މީހުންގެ މެދުގައި ހަނީމޫން ޑެސްޓިނޭޝަންގެ ގޮތުގައި އެންމެ މަގުބޫލު މަންޒިލްވެސް މެއެވެ. ވޭތުވެދިޔަ އަހަރު ކޮރެއާއިން ރާއްޖެއަށް 34،808 ފަތުރުވެރިން އައިސްފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ރިކޯޑުތަކުން ދައްކައެވެ.

comment ކޮމެންޓް