ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ރިޔާސީ ޓިކެޓު ދޭން ޕީޕީއެމްގެ ކައުންސިލުން ފާސްކޮށްފި

ކާނިވާ ސަރަހައްދުގައި ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ރައީސް ޔާމީން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރައިމަރީ އަކާ ނުލައި، ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ދިނުމަށް ޕީޕީއެމްގެ ކައުންސިލުން މިރޭ ފާސްކޮށްފިއެވެ.

ޕީޕީއެމްއިން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕްރައިމަރީ އަކާ ނުލައި ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ދިނުމަށް ނިންމާފައިވަނީ ކައުންސިލްގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

ރައީސް ޔާމީން ދިވެހި ރާއްޖެއަށް އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުނާއި އުމްރާނީ ގޮތުން ގެންނަވަމުންދާ ތަރައްޤީއާއި އިސްލާމްދީން ހިމާޔަތް ކުރުމަށް ކުރައްވާ މަސައްކަތް ކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް ދެވަނަ ދައުރަކަށް ކުރިމަތިލުމުގެ ފުރުސަތެއް ދޭން ޖެހޭ ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.

އަދުރޭ ވިދާޅުވީ، މި ނިންމެވުން ނިންމާފައި މިވަނީ ޕާޓީގެ އަސާސީ ގަވައިދުގެ 61 ވަނަ މާއްދާއަށް ރިއާޔަަތް ކޮށްފައިކަމަށެވެ. އަސާސީ ޤަވާއިދުގެ 61 ވަނަ މާއްދާގައި ބުނެފައިވަނީ ޕާޓީ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކޮށް ހޮވިފައިވާ ފަރާތަކުން ދެވަނަ ދައުރަކަށް ކުރިމަތިލާން ބޭނުން ވާނަމަ ޕާޓީން އެ ފުރުސަތު ދޭން ޖެހޭކަމަށެވެ.

މި ޕްރެސް ކޮންފަރެންސްގައި ވާހަކަަ ދައްކަވަމުން އަބްދުއްރަހީމް އަބްދުﷲ ވަނީ ޕީޕީއެމްގެ ހުރިހާ މެންބަރުންގެ ނަމުގައި ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ހޫނު ތަހުނިޔާއެއް ވިދާޅުވެފައެވެ.

comment ކޮމެންޓް