މިއަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ފަތުރުވެރިކަމަށް 12 ޕަސެންޓް ކުރިއެރުމެއް

ރާއްޖެއަށް އަންނަ ފަތުރުވެރިން އިމިގްރޭޝަން ގޭޓްގައި -- ސަންފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 12 ޕަސެންޓަށް އިތުރުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އޭޕްރިލް މަހުގެ ނިޔަލަށް ރާއްޖެއަށް 539,816 ފަތުރުވެރިންވަނީ ޒިޔާރަތް ކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 478,827 ފަތުރުވެރިންނާ އަޅާބަލާއިރު 12 ޕަސެންޓް ކުރިއެރުމެއްކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޭޕްރިލްމަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދުވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހާ އަޅާބަލާއިރު 0.1 ޕަސެންޓަށް ދަށްވެފައެވެ. މިދިޔަ އޭޕްރިލް މަހުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 119,713 ފަތުރުވެރިންނެވެ. އަދި މިދިޔަ އަހަރުގެ އޭޕްރިލްމަހުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 119,774 ފަތުރުވެރިންނެވެ.

މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އޭޕްރިލްމަހާ އަޅާބަލާއިރު ދަށްވެފައި ވީނަމަވެސް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދުވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހާ އަޅާބަލާއިރު 0.1 ޕަސެންޓަށް ގިނަވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

މިދިޔަ އޭޕްރިލް މަހުގައި ޗައިނާއިން ރާއްޖެއައި ފަތުރުވެރިންގެ އަދަދުވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހާ އަޅާބަލާއިރު 28 ޕަސެންޓަށް ދަށްވެފައިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިދިޔަ މަހު ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 15,093 ފަތުރުވެރިންނެވެ. އަދި މިދިޔަ އަހަރުގެ އޭޕްރިލް މަހުގައި ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޯށްފައިވަނީ 20,975 ފަތުރުވެރިންނެވެ.

comment ކޮމެންޓް