ޑރ. މަޖީދުގެ ޖަނާޒާ މާދަމާ މެންދުރު ނަމާދަށްފަހު ލަންކާގައި

އަލްމަރުހޫމް ޑރ. އަބްދުލް މަޖީދު އަލް ބާރީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ދީނީ އިލްމުވެރިޔާ އަލްމަރުހޫމް ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީގެ ޖަނާޒާ މާދަމާ މެންދުރު ނަމާދަށް ފަހު ސްރީލަންކާގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ޑރ. މަޖީދުގެ ދަރިކަލުން އަހުމަދު ފިރާސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑރ. މަޖީދުގެ ޖަނާޒާ އޮންނާނީ މާދަމާ މެންދުރު ނަމާދަށް ފަހު ލަންކާގެ ޖާވައްތަަ ގަބުރުސްތާނުގައި ކަމަށެވެ.

ޑރ. މަޖީދަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމުގެ ގޮތުން ޖަނާޒާގައި ހެޔޮއެދޭ ފަރާތްތަކުން ބައިވެރިވެލެއްވުމަށްވެސް ފިރާސް ވަނީ އެދިވަޑައިގެންފައެވެ.

އެމަނިކުފާނުގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށުނަމާދު މާދަމާ އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ.

ޑރ. މަޖީދު އަވަހާރަވީ މިއަދު މެންދުރު ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ.

އެމަނިކުފާނު އަވަހާރަވި އިރު އުމުރުފުޅަކީ 55 އަހަރެވެ.

ޑރ. މަޖީދު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު ލަންކާއަށް ވަޑައިގެން ހުންނަވަނިކޮށް އެމަނިކުފާނު ދިރިއުޅުއްވި ހޮޓެލްގެ ކޮޓެރިތެރެއަށް، ސްޓްރޯކެއް ޖެހި ވެއްޓިވަޑައިގެންފައި ވަނިކޮށެވެ.

ލޭ މައްޗަށް ދިއުމުގެ ސަބަބުން ބޭސް ބޭނުން ކުރައްވަމުން ގެންދަވާ ޑރ. މަޖީދަށް ސްޓްރޯކެއް ޖެހުމުގެ ސަބަބުން އެޓްމިޓްކޮށް ފަރުވާ ދެމުންދިޔައީ ކޮޅުބުގައި ހުންނަ ލަންކާ ހޮސްޕިޓަލްގަ އެވެ.

އެނގިފައިވާ ގޮތުގައި ހާލުކޮޅު ސީރިއަސްވުމުގެ ސަބަބުން ޑރ. މަޖީދުގެ އޮޕަރޭޝަންތަކެއް ވެސް ވަނީ ކޮށްފަ އެވެ. އާދިއްތަ ދުވަހުން ފެށިގެން ޑރ. މަޖީދުގެ އޮންނެވީ ވެންޓިލޭޓަރުގެ އެހީގަ އެވެ.

ޑރ. މަޖީދަކީ ރާއްޖޭގެ އެންމެ ފުރަތަމަ މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒެވެ. އިސްލާމިކް މިނިސްޓްރީއެއް ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދީ 2008 ވަނަ އަހަރު ތަސްތީގު ކުރި ގާނޫނު އަސާސީއަށް ފަހު އެވެ.

comment ކޮމެންޓް