ޑރ. މަޖީދު އަވަހާރަވުން: ނެތިގެން އެދިޔައީ ދިވެހިންގެ އިސްލާމީ ތަނބެއް

އަލްމަރުހޫމް ޑރ. އަބްދުލް މަޖީދުއަބްދުލް ބާރީ--

އެއީ 90ގެ އަހަރުތަކުގެ ކުރީކޮޅެވެ. ރާއްޖޭ ރައްޔިތުން އެދުވަސްވަރު އެންމެ ބޮޑަށް ބޭނުންވި އެއްކަމަކީ ދީނީ ގޮތުން އުފެދިފައި ހުރި ހިޔާލު ތަފާތުވުންތަކަށް އިލްމީ ޖަވާބެއް ދެއްވައި، އެކަންތައްތަކުގެ ރަނގަޅުގޮތް ބުނެދޭނެ އިލްމީ ގާބިލު ބޭފުޅުންތަކެކެވެ. އެ ދުވަސްވަރަކީ ގިނަ އަދަދެއްގެ ދިވެހިން ބޭރުކަރަކަރައިން އިސްލާމީ ތައުލީމު އުނގެނިވަޑައިގެން ރާއްޖެ ވަޑައިގަންނަމުން ދިޔަ ދުވަސްވަރެކެވެ.

އެބޭފުޅުންގެ ތެރެއިން ދިވެހި އިސްލާމީ ތާރީހުގައި ރަން އަކުރުން ފަވާލެވޭ ހިދުމަތްތަކެއް ކުރެއްވި ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ހިމެނިވަޑައިގެންނެވި އެވެ. މަދީނާގެ ޔުނިވާސިޓީން ދީނީ ތައުލީމު އުނގެނިވަޑައިގެން އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވި އިރު އެމަނިކުފާނު ވެގެންދިޔައީ މަދީނާ ޔުނިވާސިޓީން ޕީއެޗްޑީ ނެންގެވި ފުރަތަމަ، އަދި ހަމަ އެކަނި ދިވެހި އިލްމުވެރިޔާ އަށެވެ.

19 ފެބްރުއަރީ 2016 : އާދާލަތު ޕާޓީން އާޓިފިޝަލް ބީޗުގައި ބޭވިޖަލްސާގެ ތެރެއިން --- ސަން ފޮޓޯ : މުހަންމަދު އަފްރާހް

މިޖާޒުގައި މަޑުމައިތިރިކަމާއި ރިވެތި އަހުލާގުން އަބަދު ވެސް ނަމޫނާ ދައްކަވާ ޑރ. މަޖީދު ކިޔަވާ ވިދާޅުވުމަށް ފަހު އެންމެ ބުރަކޮށް ކުރެއްވި މަސައްކަތަކީ ދިނީ ތައުލީމު އުނގަނައިދެއްވުމެވެ. އެގޮތުން އޭރު ޒަމާނުންސުރެ ދިވެހިން ދީނީ ގޮތުން ކުރަމުން އައި ބައެއް ކަންކަމުގެ ހަގީގަތް އިހުތިރާމާ އެކު މީހުންނަށް ކިޔައިދެއްވުމުގައި އެމަނިކުފާނު ސާބިތުވެ ހުންނެވި އެވެ. އެދުވަސްވަރު ދީނީ އިލްމުވެރިންނަށް ކުރިމަތިވި ގޮންޖެހުންތައް އެމަނިކުފާނަށް ވެސް ކުރިމަތިވި އިރު އެކަމާ ކުރިމަތިލެއްވީ މިޖާޒުގައި ހުންނަވާ މަޑުމައިތިރިކަމާއި ހިތްތިރިކަމާއެކު އެވެ.

އައްޑޫ ސިޓީ ހުޅުދޫއަށް އުފަން ޑރ. މަޖީދުގެ ބައްޕާފުޅަކީ އައްޝައިހް އަބްދުލްބާރީ އެވެ. މަންމާފުޅަކީ މަރިޔަމް ވަދީފާ އެވެ. އެ ދެމަފިރިންގެ ދަރީންގެ ތެރެއިން ޑރ. މަޖީދަކީ އެމަނިކުފާނުގެ ބައްޕާފުޅު ފަދައިން ގައުމަށް ހިދުމަތްކުރުމުގެ ލޯބި އަބަދު ވެސް ހުންނެވި، ގައުމުދެކެ ލޯބިފުޅުވި ބޭފުޅެކެވެ.

އަލްމަރުހޫމް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ---- ސަން ފޮޓޯ/ އަލީ ނަސީރު

ޑރ. މަޖީދުގެ އިލްމީ ގާބިލުކަމާއި އެމަނިކުފާނުގެ ހިތްހެޔޮ އަހުލާގުގެ ސަބަބުން ގިނަ ބަޔަކު އެމަނިކުފާނު ބަލައިގަތީ އިހުލާސްތެރިކަމާއެކު އެވެ. އެތަކެއް ދަރިވަރުންތަކެއް އެމަނިކުފާނުގެ ފަރާތުން ދީނީ އިލްމު އުނގެނުމަށް ޝައުގުވެރިވީ ނަގައިދެއްވި ފިލާވަޅުތަކުގެ ސާފުކަމާއި ނަގައިގަންނަން ފަސޭހަވުމުގެ ސަބަބުންނެވެ. އެމަނިކުފާނު ރާއްޖޭގެ ބޮޑެތި ހުރިހާ ކޮލެޖެއްގައި ދީނީ ތައުލީމު އުނގަނައިދެއްވަން މަސައްކަތް ކުރެއްވި އެވެ.

ޑރ. މަޖީދު ދިވެހިންނަށް މަޝްހޫރުވެ، ދިވެހިން ދަންނަ ބޭފުޅަކަށް ބަދަލުވެގެންދިޔައީ އެމަނިކުފާނު ކެބިނެޓްގައި މަސައްކަތްކުރައްވަން ފެއްޓެވި ހިސާބުންނެވެ. ޑރ. މަޖީދަކީ ޑިމޮކްރަޓިކް އުސޫލުން އިންތިހާބުވި ފުރަތަމަ ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ އެއް ޕާޓީކަމުގައިވާ އަދާލަތު ޕާޓީގެ އެންމެ ފުރަތަމަ ރައީސެވެ. ދީނީ ކަންކަން އުނގަންނައިދީ، ދީނީ މައުޟޫއުތަކަށް މަޝްވަރާކުރުމަށް އުފެއްދި ފިގުހު އެކަޑަމީގެ ފުރަތަމަ ރައީސެވެ. ރާއްޖޭގައި އުފެއްދި ފުރަތަމަ އިސްލާމިކް ބޭންކު އުފެއްދުމުގައި އަމަލީ ގޮތުން މަސައްކަތް ކުރެއްވި އެވެ. މިސްކިތްތައް ބިނާކުރެއްވުމުގެ މަސައްކަތް ކުރެއްވި އެވެ. ދީނީ ހިދުމަތުގެ ލިސްޓް މިފަދަ ކުރު ތައާރަފެއްގައި ލިޔެވޭ ވަރަށް ވުރެ ގިނަވެފައި، ފުރިހަމަ އެވެ.

ޑރ. މަޖީދުގެ ގާތް ބޭފުޅުން ފަހަގަކުރައްވާ ގޮތުން އެމަނިކުފާނު ނެތިގެން ދިއުމަކީ "ދިވެހިންގެ އިސްލާމީ ތަނބެއް"ނެތިގެން ދިޔުން ފަދަ ކަމެކެވެ. އެމަނިކުފާނު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުުމަކީ ފޫ ނުބެއްދޭވަރުގެ ގެއްލުމެއް ކަމަށް އެބޭފުޅުން ސިފަކުރައްވަ އެވެ.

އަލްމަރުހޫމް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ(ކ) ޑރ މުހައްމަދު ޝަހީމް އަލީ ސައީދުއާއި އެކު - ސަން ފޮޓޯ/ އަލީ ނަސީރު

"ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ނެތިގެން ދިޔުމަކީ ފޫ ނުބެއްދޭ ވަރުގެ ގެއްލުމެއް. އެމަނިކުފާނަކީ އެތައް ސަތޭކަ ދަރިވަރުންގެ މުދައްރިސެއް. ގައުމުދެކެ ލޯބިފުޅުވާ ގައުމަށް ހިދުމަތްކުރެއްވި ބޭފުޅެއް. އިސްލާމީ ރިވެތި އަހުލާގުން ޒީނަތްތެރިވެފައިވާ ހިތްހެޔޮ ބޭފުޅެއް،" އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ އަދި ޑރ. މަޖީދުގެ ގާތް އެކުވެރިއެއް ކަމަށްވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ސަން އަށް ވިދާޅުވި އެވެ.

ޑރ. މަޖީދުގެ ހާލުކޮޅު ގޯސްވުމާ ގުޅިގެން އެމަނިކުފާނު އަރިހަށް ވަޑައިގެން ސްރީލަންކާގައި ހުންނެވި ޑރ. ޝަހީމް ވިދާޅުވީ ޑރ. މަޖީދު ދީނީ ގޮތުން ކުރެއްވި ހިދުމަތްތަކީ ގުނާ އަދަދު ނުކުރެވޭނެ ހިދުމަތްތަކެއް ކަމަށެވެ. އަދި ވިދާޅުވީ އެކުގައި މަސައްކަތްކުރެއްވި އިރު އަބަދު ވެސް ކަންކަން ރަނގަޅަށް ކުރުމަށް އިރުޝާދު ދެއްވި މުދައްރިބެއް ކަމަށެވެ.

އިސްލާމިް ފައުންޑޭޝަނުގެ ފަންޑަށް ލިބުނު އެއް މިލިއަން ރުފިޔާ އިސްލާމިކް ރިލީފް ވޯލްޑް ވައިޑާ ހަވާލުކުރަނީ---

"ޑރ. އަފްރާޝިމް އަލީ އަދި ޑރ. މަޖީދުމެން ފަދަ އިސްލާމީ ވަރުގަދަ ޝަހުސިއްޔަތުތައް ނެތިގެން ދިޔުމަކީ ދިވެހިންނަށް ލިބޭ ބޮޑު ގެއްލުމެއް،" ޑރ. މަޖީދު އިސްލާމިކް މިނިސްޓްރަކަށް ހުންނެވިއިރު އެމަނިކުފާނުގެ އަރިހުގައި ނައިބެއްގެ ގޮތުން މަސައްކަތް ކުރެއްވި ޝަހީމް ވިދާޅުވި އެވެ.

ޑރ. މަޖީދުގެ ގާތް ބޭފުޅެއް އަދި އެކުގައި ކެބިނެޓުގައި މަސައްކަތް ކުރެއްވި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވީ ޑރ. މަޖީދަކީ ކެބިނެޓް ތެރޭގައި ވެސް ހައްގު ބަސް ވިދާޅުމަށް އަބަދު ވެސް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ އަބަދު ވެސް ކަމެއް ގޯސްކޮށްދާ ނަމަ އެކަން ރަނގަޅުކުރުމަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށެވެ.

"ޑރ. މަޖީދަކީ ދީނީ ގޮތުން މިއަދު ދިވެހިންނަށް އައި ބޮޑު ބަދަލު ގެންނަން ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް. އެމަނިކުފާނު އަވަހާރަވުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް،" ކޮޅުނބުގައި ހުންނަވައިގެން ފޯނުން ދެއްވި އިންޓަވިއުގައި ސުއޫދު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ޑރ. މަޖީދު އަވަހާރަވީ މިއަދު މެންދުރު ސްރީލަންކާގެ ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. އަވާހަރަވި އިރު އެމަނިކުފާނުގެ އުމުރުފުޅަކީ 55 އަހަރެވެ.

ޑރ. މަޖީދު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު ލަންކާއަށް ވަޑައިގެން ހުންނަވަނިކޮށް އެމަނިކުފާނު ހުންނެވި ހޮޓެލްގެ ކޮޓެރިތެރެއަށް، ސްޓްރޯކެއް ޖެހި ވެއްޓިވަޑައިގަތުމުގެ ސަބަބުންނެވެ.

އެނގިފައިވާ ގޮތުގައި ހާލުކޮޅު ސީރިއަސްވުމުގެ ސަބަބުން ޑރ. މަޖީދުގެ އޮޕަރޭޝަންތަކެއް ވެސް ވަނީ ކޮށްފަ އެވެ. އާދިއްތަ ދުވަހުން ފެށިގެން ޑރ. މަޖީދުގެ އޮންނެވީ ވެންޓިލޭޓަރުގެ އެހީގަ އެވެ.

ޑރ. މަޖީދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ އާއިލާއަށް ތައުޒިޔާ ފޮނުއްވަވައި ހިތާމަފާޅުކުރައްވައިފަ އެވެ.

19 ފެބްރުއަރީ 2016 : އާދާލަތު ޕާޓީން އާޓިފިޝަލް ބީޗުގައި ބޭވިޖަލްސާގެ ތެރެއިން --- ސަން ފޮޓޯ : މުހަންމަދު އަފްރާހް

ތަރުޖަމާނު މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޑރ. މަޖީދު އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާ އެކު ކަމަށާއި މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ކުރައްވާ ކަމަށެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ދީނީ އިލްމްވެރިޔާގެ ޖަނާޒާ އޮންނާނީ މިރޭ އިޝާނަމާދަށް ފަހު ލަންކާގަ އެވެ. ފަސްދާނުލާނީ ކޮލޮމްބޯގެ ޖާވައްތަ ގަބުރުސްތާނުގަ އެވެ.

comment ކޮމެންޓް