ހިތަށް ފިނިކަން ލިއްބައިދިން މި މަންޒަރު، މުޖްތަމައަށް ނަމޫނާއެއް!

ނިޔާޒް އޭނާގެ އެކުވެރިންނާއެކު ފުޓުބޯޅަ ކުޅުމުގައި --- ފޮޓޯ/ އިބްރާހިމް މުހައްމަދު ފޭސްބުކު

ފުޓުބޯޅައަކީ ރީތި މަންޒަރުތަކެއް ދައްކުވައިދޭ ކުޅިވަރެކެވެ. ހާއްސަކޮށް އިންސާނިއްތުކަމާ އިހުތިރާމް އެންމެ ބޮޑަށް ދައްކުވައިދޭ އެއް ކުޅިވަރަކީވެސް ފުޓުބޯޅަ ކަމަށް ގިނަ ބަޔަކު އެއްބަސް ވާނެއެވެ.

މީސް މީޑިއާއިން މިއަދު ލޮލުގައި އަޅައިގަތް ފޮޓޯއަކީ ނަމޫނާ މަންޒަރެއް ދައްކުވައިދިން ފޮޓޯއެކެވެ. ހދ. ކުޅުދުއްފުށިން ދައްކުވައިދިން އެ މަންޒަރަކީ ދަނޑުމަތީގައި ކުޅެން ތިބި ޅަ އުމުރުގެ ކުދިންތަކެއްގެ މަންޒަރެކެވެ. މެޓް ދަނޑެއްގައި ފުޓުބޯޅަ ކުޅެމުން ދިޔަ ކުދިން ޖަހަމުންދިޔަ ބޯޅަތައް މަތަކުރަން ގޮނޑިއެއްގައި އިނދެ ގޯލް ބަލަހައްޓަމުން ދިޔައީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ. އެ ކުއްޖާ ޝައުގުވެރިކަމާއެކު މެޗުގައި ބައިވެރިވަމުން ދިޔަ އިރު، ހުރިހާ ކުޅުންތެރިންވެސް ކުޅެމުންދިޔައީ ގޯލްކީޕަރު ނިޔާޒް މުހައްމަދަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމް ދެމުންނެވެ.

ނިޔާޒް އޭނާގެ އެކުވެރިންނާއެކު ފުޓުބޯޅަ ކުޅުމުގައި --- ފޮޓޯ/ އިބްރާހިމް މުހައްމަދު ފޭސްބުކު

ނިޔާޒް މުހައްމަދަކީ ނުހިނގޭ ކުއްޖެއް ކަމަށް ވުމުން އޭނާއާ ދިމާއަށް ބާރަށް ބޯޅައެއް ނުޖަހާ ހުރިހާ ކުދިންވެސް ކުޅުމުގައި އޭނާ ބައިވެރިކުރީ އެހެން ކުޅުންތެރިންނެކޭ އެއް ގޮތަށެވެ. ނިޔާޒްގެ މޫނުން ފެންނަމުން ދިޔައީ އޭނާ އެކަމަކަށް މަރުދޭ ފުޓުބޯޅައިގައި ބައިވެރިވެވޭތީ ފެންނަ އުފާވެރިކަމުގެ އިހުސާސެވެ.

"ކުރާ ހުރިހާ ކަމެއްގައިވެސް ވަރަށް ސީރިއަސް ވާނެ. ހާއްސަކޮށް ކުޅިވަރުގެ ކަންކަން އޭނާ ނަގާނީ ވަރަށް ކުރާ ހިތުން ވަރަށް ސީރިއަސްކޮށް ކުރާ ކަންކަމުގެ ގޮތުގައި. ކީޕަރަކަށް ކުޅޭނީ. ސްކޫލްގެ ފަރާތުން އޭނާގެ ކްލާސް ކުދިންނާއެކު ދަނޑަށް ގޮސް ކުޅޭނީ،" ނިޔާޒްގެ ހުރިހާ ކަމެއް ބަލަހައްޓަމުންދާ އޭނާގެ ބަލަދުވެރިޔާ ހަސަން ހުސައިން (ރެސްޓް) ސަންއަށް ނިޔާޒުގެ ވާހަކަ ކިޔައިދިނެވެ.

ހަސަން ހުސައިންއަކީ މިހާރު ނިޔާޒްގެ ބައްޕަ ފަދަ މީހެކެވެ. ނިޔާޒްގެ މަންމައާ ކައިވެނިކޮށް، ނިޔާޒްގެ ހުރިހާ ކަމެއްގެ ޒިންމާ ނަގައި، ބަލަހައްޓަމުން އަންނަ ހަސަން ހުސައިންގެ އުންމީދުތައްވެސް ނިޔާޒާ ދޭތެރޭ ފޮންޏެވެ.

"އަހަރެން ބޭނުން ވަނީ ނިޔާޒް އަހަރެމެންހެން ހިނގާ ބިނގާ އުޅެވޭނެ ދުވަހެއް ދެކެން. އެކަމަށް އަމިއްލައަށްވެސް ވަރަށް ބޮޑެތި މަސައްތަކެއް ކުރެވިއްޖެ. އެތައް ބައެއްގެ އެހީތެރިކަމަށްވެސް އެދެވިއްޖެ. ނިޔާޒް އުފެދުމުގައި އޭނާގެ ކަނާތު ފައިގެ ކަކުލުގެ ޖޮއިންޓެއްގެ މައްސަލައެއް އުޅޭ. އަދި ވާތު ފައިގެ ކުޑަހުޅުގެ މައްސަލައެއް އުޅެނީ. އޭގެ ސަބަބުން އޭނާއަށް ހިނގާ ނޫޅެވޭ،

"މިހާރު އަމިއްލައަށް ހަރަދުކޮށްގެން އޭނާގެ ކަކޫ ރަނގަޅު ކުރަން އޮޕަރޭޝަނެއް ކޮށްފައި އިންނާނީ. ދެން އާސަންދައިގެ ދަށުން ކުޑަހުޅުގެ އޮޕަރޭޝަން ކުރަން މަސައްކަތް ކުރަމުން ދަނީ. އަދި އެކަމަށް ފަހި ވާގޮތެއް ނުވެ އޮތީ. ވީހާވެސް އަވަހަށް ޑޮކްޓަރުންވެސް އެކަމަށް ވަގުތު ދިނުން އުންމީދަކީ. އެކަން ލަސްވާ ކޮންމެފަހަރު ހަމަ ލޮލުން ކަރުނަ އާދޭ. މާލެވެސް އެތައް ފަހަރަކު، އެތަކެއް ދަތިތަކެއް އުފުލަމުން މިދަނީ. އުފުލައިގެން ގެންގުޅެވޭ ވަރަށްވުރެ ބޮޑުކޮށް މިހާރު ހުންނާނީވެސް،" އުމުރުން 14 އަހަރުގެ ނިޔާޒަށް އާދައިގެ އެހެން މީހުންވެސް ހިނގާ އުޅޭހެން ހިނގޭނެ ދުވަހެއްގެ އިންތިޒާރުގައި ހުރި ހަސަން ހުސައިން ބުންޏެވެ.

ނިޔާޒް އޭނާގެ އެކުވެރިންނާއެކު ފުޓުބޯޅަ ކުޅުމުގައި --- ފޮޓޯ/ އިބްރާހިމް މުހައްމަދު ފޭސްބުކު

ދެއަހަރުގެ މެދު ކެނޑުމަކަށްފަހު ނިޔާޒް މިއަހަރު ސްކޫލަށް ދާން ފެށީ އޭނާއަށް ލިބުނު ވީލްޗެއާއާ ވެސް އެކުގައެވެ. ނާސިރާގެ ފަންޑުން ހަދިޔާއެއްގެ ގޮތަށް ނިޔާޒަށް ލިބުނު ވީލްޗެއާއާއެކު އެކަނި ސްކޫލަށް ދާންފަށާފައިވާއިރު، އޭނާގެ ބެލެނިވެރިޔާ ހަސަން ހުސައިން ކިޔައިދިން ގޮތުގައި ސްކޫލަށް ދިއުމަށް ނިޔާޒް ފޫހިވީވެސް ކުޅިވަރުގެ ތެރެއިން އޭނާއަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.

"ސްކޫލުން އޭނާ ޓީމުގެ ކީޕަރަކަށް ނެގީ. އޭރުވެސް ބުނިން ގެންދައްޗޭ ބެންޗުގައި ބައިންދަން ވިޔަސް. ނިޔާޒް އެކަންކަން ނަގާނީ ވަރަށް ސީރިއަސްކޮށް ކަމަށްވާތީ. ދެން އެފަހަރު ޖާޒީއާއި ބޫޓާ ހުރިހާ އެއްޗެއްވެސް އަޅުގަނޑު ގަނެގެން ގެނެސްދިނީ ނިޔާޒަށް. އެހުރިހާ ކަމެއް ކޮށްދިން ފަހުން ޓީމަށް އޭނާ ނޭރުވުމުން ވަރަށް ހިތްދަތިވި. އެހެންވެ ސްކޫލަށް ނުދާން ނިޔާޒް ނިންމީ. އެކަމަކު މިހާރު ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ސްކޫލުން ނިޔާޒަށް. އޭނާގެ ކްލާސް ކުދިންނާއެކު ކޮންމެ ދުވަހަކު ކުޅެން ދަނީ. އެ ކުދިންނާއެކު ވީލްޗެއާގައި ސްކޫލްގައިވެސް އުޅޭނީ، ސްކޫލްގެ މެނޭޖުމަންޓުންވެސް އޭނާ ބައިވެރިކުރުވާނެ ކަންކަމުގައި،" ހަސަން ހުސައިން ކިޔައިދިނެވެ.

ނިޔާޒްގެ ފައި އިންނަގޮތުން އޭނާއަށް ބޫޓު ޖެހެނީ ފަރުމާ ކުރާށެވެ. އެ މަސައްކަތް އެންމެ ފުރިހަމައަށް، ޑޮކްޓަރު ބޭނުންވާ ގޮތަށް ކުރަނީ ހަސަން ހުސައިނެވެ.

"ޑައިވިން ސޫޓް ހޯދަނީ. ޑައިވިން ސޫޓުން އެކިއެކި ބައިބައި ނަގައިގެން ތަތްކޮށްގެން ބޫޓު ހަދަނީ. މާލެއަށް ގޮސް ބޫޓު ހަދާތަނަށް އަޅުގަނޑު ސާމްޕަލް ދީގެން ވަރަށް އަގުވެސް ބޮޑުކޮށް ބޫޓު ފަރުމާ ކުރަނީ. ޑޮކްޓަރުވެސް ބޫޓު ހަދާ މީހުން ކަައިރީގައި ބުނެފައި އޮންނާނީ އަޅުގަނޑު ހަދާ ފަރުމާއަށް ބޫޓު ހަދަން. އޭނާގެ ފަޔަށް އެންމެ ރަނގަޅު ގޮތަށް އަޅުގަނޑު ބޫޓު ހަދާފައި ހުންނާނީ،" ނިޔާޒާއެކު އަށް އަހަރު ހޭދަކޮށްފައިވާ ހަސަން ހުސައިން ބުންޏެވެ.

ނިޔާޒް އޭނާގެ އެކުވެރިންނާއެކު ފުޓުބޯޅަ ކުޅުމުގައި --- ފޮޓޯ/ އިބްރާހިމް މުހައްމަދު ފޭސްބުކު

ނިޔާޒަކީ ހަމައެކަނި ފުޓުބޯޅައަށް ޝައުގުވެރިކަން ހުރި ކުއްޖެއް ނޫނެވެ. ކޮމްޕިއުޓަރުގެ ކަންކަމަށްވެސް މާހިރެކެވެ. ވީލްޗެއާގައި އިނދެގެން ނަމަވެސް ބެޑްމިންޓަން ފަދަ ކުޅިވަރު ނިޔާޒް ކުޅޭ އިރު، އޭނާއަކީ ކުޅިވަރަށް ހާއްސަ ޝައުގުވެރިކަމެއް ހުންނަ ކުއްޖެކެވެ.

ހަސަން ހުސައިން ބުނެފައި ވަނީ މިއަދުގެ މުޖުތަމައު ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށާއި، ސްކޫލާއި އާންމު ރައްޔިތުންވެސް ނިޔާޒަށް ދޭން ޖެހޭ އެއްބާރުލުމާއި އިހުތިރާމް ދިނުމަކީ އޭނާއަށް ލިބޭ ހިތްވަރެއް ކަމަށެވެ. ހާއްސަކޮށް ނިޔާޒްގެ އެކުވެރިންނަކީ ހަސަން ހުސައިނަށް ފުރިހަމައަށް އިތުބާރު ދެވޭނެ ފަދަ ނަމޫނާ ބައެކެވެ. ނުހިނގުނަސް ނިޔާޒު ފުޓުބޯޅައާއި އެހެން ކަންކަމަށް ހުރި ލޯތްބާއެކު ކުރިއަށް ދިއުމަށް މިހާރުވެސް ލިބެމުންދާ އެއްބާރުލުން ބޭނުންވެއެވެ.

އަހަރެމެންގެ މި މުޖްތަމައުން މިއަދު ފެންނަން ބޭނުންވާ މަންޒަކީ މިއީއެވެ. އިހްތިރާމާއި ލޯތްބާއި އެހީތެރިވުމާއި އަޅާލުމެވެ. މީހެއްގެ ހުރި ނުކުޅެދުންތެރިކަމަކުން، އޭނާ މުޖްތަމައުން ބާކީކޮށްލާކަށް ނުޖެހެއެވެ. އޭނާގެ ހުވަފެންތަކަށް ފަސްއަޅައި ފޮރުވާކަަށް ނުޖެހެއެވެ. ހަގީގީ ނުކުޅެދުންތެރިކަމަކީ އެހީއަށް އެދި ދިއްކޮށްލެވޭ އަތުގައި ހިފޭހާލަތުގައި ހުރެ އެކަމަށް ފުރަގަސް ދިނުން ނޫންހެއްޔެވެ.

comment ކޮމެންޓް