އިނގިރޭސި ޓީމުގެ ކެޕްޓަނަކަށް ހެރީ ކޭން

އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ހެރީ ކޭން --- ފޮޓޯ/ ރޮއިޓާސް

އަންނަ ޖޫން މަހު ރަޝިޔާގައި އޮންނަ ވޯލްޑް ކަޕްގައި ވާދަކުރާ އިނގިރޭސި ޓީމުގެ ކެޕްޓަނަކަށް ހެރީ ކޭން ހަމަޖައްސައިފިއެވެ.

އުމުރުން 24 އަހަރުގެ ހެރީ ކޭން އަކީ ޒުވާން ކުޅުންތެރިއެއް ނަމަވެސް އޭނާ ވަނީ މީގެ ކުރިންވެސް އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފައެވެ. އެގޮތުން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ސްކޮޓްލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އިނގިރޭސި ގައުމީ ޓީމުގެ ބޭންޑް އެޅި ކޭން ވަނީ އޭގެ ފަހުން ތިން ފަހަރެއްގެ މަތިން އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިފައެވެ.

މިދިޔަ ސީޒަންގައި ޓޮޓެންހަމްއަށް 41 ގޯލް ޖަހައިދިން ކޭންއާއެކު ކްލަބުން ސީޒަން ނިންމާލީ ލީގު ތާވަލުގެ ތިންވަނައިގައެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 23 މެޗުން 12 ގޯލް ޖަހައިދީފައެވެ.

"ކޭންއަކީ ޓީމުގެ އެންމެ ޕްރޮފެޝަނަލް އެއް ކުޅުންތެރިޔާ. ކޭންއަކީ އަބަދުވެސް ނަމޫނާ ދައްކާ ކުޅުންތެރިއެއް. ކޭންގެ ގައިގައި ހުންނާނެ ކެޕްޓަނެއްގެ ހުންނަން ޖެހޭ ސިފަތައް. ކޭންގެ ވިސްނުން ހުންނާނީ އަބަދުވެސް ވަރަށް ދުރަށް ދިއުމަށް. އޭނާގެ ވިސްނުން އެހިސާބުގައި ހުރުމުން އެހެން ކުޅުންތެރިންނަށް މަސައްކަތް ކުރަން މަޖުބޫރުވާނެ،" ކޭންއަށް ގައުމީ ޓީމުގެ ކެޕްޓަންކަން ދިނުމާ ގުޅިގެން އިނގިރޭސި ގައުމީ ޓީމުގެ ކޯޗު، ގެރެތު ސައުތުގޭޓް ބުންޏެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ސައުތުގޭޓް އިއުލާންކޮށްފައި ވަނީ ޒުވާން ސްކޮޑެކެވެ. ހާއްސަކޮށް މުޅިން އަލަށްވެސް ބައެއް ކުޅުންތެރިންނަށް ސްކޮޑުން ފުރުސަތުދިންކަން ފާހަގަކޮށްލެވުނެވެ.

ކުރިންވެސް އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި ބައެއް ކުޅުންތެރިން މިފަހަރު ސްކޮޑުން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ލިވަޕޫލްގެ ޖޯޑަން ހެންޑަސަންއާއި ޓޮޓެންހަމްގެ އެރިކް ޑަޔާ ހިމެނެއެވެ. އަދި ޗެލްސީގެ ކެޕްޓަން ގެރީ ކެހިލްއަކީވެސް އިނގެރޭސި ޓީމުން ފާހަގަކޮށްލެވޭ ތަޖުރިބާކާރު ކުޅުންތެރިއެކެވެ.

comment ކޮމެންޓް