ނަޝީދު ބައިވެރިކޮށްގެން ޕްރައިމަރީ ބާއްވައިފި ނަމަ ފިޔަވަޅު އަޅާނަން: އީސީ

އީސީގެ މެންބަރުން ----

ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކޮށްގެން ޕްރައިމަރީ ބާއްވައިފި ނަމަ އެމްޑީޕީ އާމެދު ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގެ ކޮޕީ ސަން އަށް ވަނީ ލިބިފަ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް ނަޝީދު ބައިވރިވާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައްޔާއި ޕާޓީގެ އެކްޓިވިސްޓުން އަދި މާލެ އާއި އަތޮޅުތަކުގައި ހަބަރު ފަތުރަމުންދާކަމުގެ ޝަކުވާ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބޭފުޅެއް ކަމަށާއި ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުކުރާ މީހެއްގެ ހުންނަންވީ ޝަރުތުތަކުގެ ތެރެއިން އެ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ޝަތުރު އުނިވެފައިވާ ބޭފުޅެއް ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުކުރެވޭ މީހަކީ "ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިޗާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނުމުނުތަނާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ އިން އަަހަރުވެފައިވާ މީހަކު ކަމަށް ވާން" ޖެހޭނެ ކަމަށެވެ.

އިލެކްޝަންސް އިން އެމްޑީޕީ އަށް ފޮނުވި ސިޓީގައި އިތުރަށް ބުނެފައިވަނީ "ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް" އެއް ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ދަށުން "ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިތުރުކޮށްފައިވާ 63 ވަނަ މާއްދާގައި ސިޔާސީ ޕާޓީތަކާއި ޖަމްއިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށް ޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާކަމަށް ބަޔާންކޮށްފައި" ވާނެ ކަމަށެވެ.

ކުރީގެ ރައީސް ނަޝީދަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ވާތީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ނަޝީދަށް ގެއްލިފައިވާ ކަމަށާއި އެފަދަ ބޭފުޅުން ބައިވެރިކޮށްގެން ބާއްވާ ރިޔާސީ ޕްރައިމަރީ އީސީ އިން ބަލައި ނުގަންނާނެ ކަމަށް އެ ސިޓީގައިވެ އެވެ.

ރައީސްކަމަށް އިންތިހާބުކުރާ މީހެއްގެ ހުންނަން ޖެހޭ ޝަރުތު ހަމަނުވާ މީހަކަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެނޑިޑޭޓެއްގެ ހައިސިއްޔަތުން ކުރިމަތިލުމުގެ ފުރުސަތު ދިނުމާއި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ސިޔާސީ ހަތަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަކީ ގާނޫނު ނަމްބަރު 4/2013 (ސިޔާސީ ޕަޓީތަކުގެ ގާނޫނު)ގެ (7) ވަނަ މާއްދާގެ (ށ)ގެ ދަށުން ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމަށް ވާތީ، ނަޝީދަށް ޕްރައިމަރީގައި ވާދަކުރަން ފުރުސަތު ދީފި ނަމަ ސިޔާސީ ޕަޓީތަކުގެ ގާނޫނުގެ 31 ވަނަ މާއްދާ އާއި 49 ވަނަ މާއްދާގެ ދަށުން އެމްޑީޕީ އާމެދު ފިޔަވަޅު އަޅާނެ ކަމަށް އީސީގެ ސިޓީގައި ބުނެފައިވެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ގަވާއިދާ ޚިލާފަށް ޕާޓީއެއްގެ މެމްބަރަކަށް ހެދުމަށް މެމްބަރެއްގެ ނަން ހުށަހެޅުން ފިޔަވައި، އެ ގާނޫނުގެ އެހެން މާއްދާއަކާ ޚިލާފުވެއްޖެ ނަމަ 30،000 ރުފިޔާ އާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ 31 ވަނަ މާއްދާގައިވާ ގޮތުން ގާނޫނު އަސާސީގެ ބާރު ކަނޑުވާލައިފި ނަމަ ނުވަތަ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން އުޅެފިކަން ޝަރީއަތަށް ސާބިތުވެއްޖެ ނަމަ އެ ސިޔާސީ ޕާޓީއެއް އުވާލުމަށް ހައިކޯޓަށް ކަނޑައެޅޭނެ ކަމަށެވެ. ޕާޓީއެއް އުވާލުމަށް އެދި އަމިއްލަ ފަރުދަކަށް ވެސް އަދި އިލެކްޝަންސް ކޮމިޝަނަށް ވެސް ހައިކޯޓަށް މައްސަލަ ހުށަހެޅިދާނެ ކަމަށް އެ މާއްދާގައިވެ އެވެ.

އީސީ އިން އެމްޑީޕީއަށް މި ސިޓީ ފޮނުވާފައިވާ އިރު ރާއްޖޭގެ ގާނޫނުތަކާއި ޕާޓީގެ އަސާސީ ގަވައިދު ހިލާފުވާ ނަމަ އަސާސި ގަވައިދު ގާނޫނުތަކާ އެއްގޮތަށް އިސްލާހުކުރަން ވެސް އީސީ އިން ވަނީ ޕާޓީތަކަށް އަންގައިފަ އެވެ.

ސިޔާސީ ޕާޓީތަކުން ބާއްވާ ރިޔާސީ ޕްރައިމަރީތަކަކީ ގާނޫނާއި ގަވައިދާ ޚިލާފަށް ބާއްވާ ޕްރައިމަރީތަކެއް ނަމަ އެ ޕްރައިމަރީތައް ހުއްޓުވާނެ ކަމަށް ވެސް އީސީ އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް