ފޭދޫ އިއްބެގެ ހެޓްރިކާއެކު ޓީސީން ފަސޭހަކަމާއެކު ވެލެންސިއާ ބަލިކޮށްފި

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ޓީސީއާއި ވެލެންސިއާ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 4-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓީސީ --- ފޮޓޯ/ އެފްއޭއެމް

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި މިރޭ ކުޅުނު މެޗުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)ގެ ހެޓްރިކާއެކު ޓީސީ ސްޕޯޓްސް ކްލަބުން ފަސޭހަކަމާއެކު ކްލަބު ވެލެންސިއާ ބަލިކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ޓީސީން ކާމިޔާބުކުރީ 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި ޓީސީގެ ހަތަރު ގޯލް ވެސް ފެނިގެންދިޔައީ ފަހު ހާފްގައެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ޓީސީން ކުރިއަށް ޖެހި އެޓޭކް ކުރަން މަސައްކަތް ކުރި އިރު، ވެލެންސިއާއިން ވަނީ އޯގަނައިޒް ކުޅުމެއް ކުޅެ، ޓީސީގެ ފޯވަޑް ލައިން ހިފަހައްޓައިފައެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ޓީސީއާއި ވެލެންސިއާ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 4-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓީސީ --- ފޮޓޯ/ އެފްއޭއެމް

ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް ހަމަލާތައް ފެނިފައިވާ އިރު، މެޗުގެ ފުރަތަމަ ދެ ހަމަލާ ފެނިގެންދިޔައީ ޓީސީގެ ފަރާތުންނެވެ. ޓީސީގެ މިޑްފީލްޑަރު ޔާމީން އިބްރާހީމް (ޔާންބެ)ގެ ފަރާތުން ފެނިގެންދިޔަ ހަމަލާގެ އިތުރުން ކޯނަރަކުން ފޯވަޑް ޑިއޯ ވިލިއަމްސްއަށް ލިބުނު ފުރުސަތުވެސް ފާހަގަކޮށްލެވުނެވެ.

ވެލެންސިއާއަށް ވެސް ވަނީ ގޯލް ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ. އެގޮތުން އެޓީމުގެ ކުރިއަށް ކުޅެމުންދިޔަ އަންސަރު އިބްރާހީމް (އަންކޮ)އަށް ލިބުނު ހުސް ފުރުސަތު އޭނާއަށް ރަނގަޅަށް ކުރިއަށް ފޮނުވާ ލެވިފައިނުވާ އިރު، ބިދޭސީ ކުޅުންތެރިޔާ ރިޝީން ވަލޭރީގެ ހަމަލާ ޓީސީގެ ގޯލްކީޕަރު އިބްރާހީމް ނަދީމް ވަނީ ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފް ނިމެން ދަނިކޮށް ޓީސީގެ ފޭދޫ އިއްބެއަށް ވަނީ ގޯލް ހުޅުވާލާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އޭނާ ތިރިތިރީން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެލެންސިއާގެ ކީޕަރު ޖުން ކޮޗީއެވެ.

ޓީސީން ދެވަނަ ހާފް ފެށީ ފުރަތަމަ ހާފަށްވުރެ ބޮޑަށް ކުރިއަށް ޖެހިގެންނެވެ. ނަތީޖާއެއްގެ ގޮތުން ފޭދޫ އިއްބެގެ ފުރަތަމަ ގޯލާއެކު މެޗުގެ 56 ވަނަ މިނެޓުގައި ޓީސީން ލީޑު ނެގިއެވެ. މެދުތެރެއިން ބިދޭސީ މިޑްފީލްޑަރު އެނަޓޮލީ ވްލާސިޗޭވް ކުރިއަށް ދިން ބޯޅައަށް ވެލެންސިއާ އޭރިއާ ތެރެއަށް ވަދެ ފޭދޫ އިއްބެ އެ ބޯޅަ ނިންމާލީ ވަރަށް ރީތިކޮށް ގޯލްގެ ކަނަށެވެ.

ޓީސީގެ ގޯލަށްފަހު މެޗުގެ 60 ވަނަ މިނެޓުގައި ވެލެންސިއާގެ ރިޝީން ވަލޭރީއަށް ވަނީ ނަތީޖާ ހަމަހަމަ ކުރާނެ ފަހި ފުރުސަތެއް ލިބިގެން ގޮސްފައެވެ. އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ، ހުސްކޮށް ހުރެ ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް އޭނާ ފައިގައި ރަނގަޅަށް ލައްވާލައިފައެއް ނުވެއެވެ. އޭގެ ފަސް މިނެޓް ފަހުންވެސް ރިޝީން ވަލޭރީއަށް ވަނީ އިތުރު ފުރުސަތެއް ލިބިފައެވެ. ޓީސީ އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ޓީސީން ލީޑު ފުޅާކުރިއެވެ. އަރިމަތިން ޑިފެންސަށް ކުޅެމުން ދިޔަ މުހައްމަދު ސާމިރުގެ ރީތި ހުރަސް ފޭދޫ އިއްބެ ގޯލަށް ފޮނުވާލީ ބޮލުންނެވެ. ފޭދޫ އިއްބެ ހެޓްރިކް ފުރިހަމަ ކުރީ ލިބުނު ޕެނެލްޓީއަކުންނެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ޓީސީއާއި ވެލެންސިއާ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 4-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓީސީ --- ފޮޓޯ/ އެފްއޭއެމް

ޓީސީން މެޗުގައި ޖެހި ހަތަރު ވަނަ ގޯލަކީ މެޗުގެ 85 ވަނަ މިނެޓުގައި ޑިއޯ ވިލިއަމްސް ކާމިޔާބުކުރި ގޯލެކެވެ. ވެލެންސިއާގެ ޑިފެންޑަރު އަދި ކީޕަރު ޖުން ކޮޗީވެސް ނައްޓާލުމަށްފަހު ޑިއޯ ވިލިއަމްސް ބޯޅަ ގޯލަށް ފޮނުވާލީ ފަސޭހަ ކަމާއެކުގައެވެ.

މިހާތަނަށް ލީގުގައި ކުޅުނު 10 މެޗުން 18 ޕޮއިންޓާއެކު ޓީސީ ވަނީ ލީގުގެ ތިންވަނައަށް ޖެހިލައިފައެވެ. ހަމަ އެ އަދަދަށް މެޗު ކުޅެފައިވާ ވެލެންސިއާއަށް މިހާތަނަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގެ މެޗެއް މާދަމާރޭވެސް އޮންނާނެއެވެ. މާދަމާރޭ 10:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސްއެވެ.

comment ކޮމެންޓް