ޑރ. އުސާމާއަށް ބައިލައްކަ ރުފިޔާ ދޭން އޭޑީކޭގެ މައްޗަށް ހުކުމް ކުރީ ރަނގަޅަށް: ހައިކޯޓު

ޑރ. އުސާމާ އަލީ އުމަރު -- ފޮޓޯ -- ޓްވިޓަރ

އޭޑީކޭގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ވަޒީފާއިން ވަކިކޮށް އެ ހޮސްޕިޓަލުން ދޭން އެއްބަސްވި ގެއްލުމުގެ ބަދަލު ނުދިިނުމުން އެ ފައިސާގެ ގޮތުގައި 54،500 ރުފިޔާ ޑރ. އުސާމާ އަލީ އުމަރަށް ނަގައިދޭން ސިވިލް ކޯޓުން ހުކުމް ކުރީ ރަނގަޅަށް ކަމަށް ބުނެ ހައިކޯޓުން އެ ހުކުމަށް ތާއީދުކޮށްފި އެވެ.

ސިވިލް ކޯޓުން އެ މައްސަލަ ނިންމާފައިވަނީ 2015 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު އެވެ.

އެ މައްސަލައަކީ އޭޑީކޭގައި ޑރ. އުސާމާ ވަޒީފާ އަދަކުރަމުން ދަނިކޮށް އޭނާގެ ހިދުމަތް، ދެން ބޭނުން ނުވާ ކަމަށް ސިޓީއަކުން އޭނާއަށް އެކަން އަންގައި "ކޮމްޕެންސޭޝަން" ދޭނެ ކަމަށް އޭޑީކޭއިން ބުނެދީފައި ނުވާތީ ހުށަހެޅި މައްސަލައެކެވެ.

މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އޭޑީކޭގެ ފަރާތުންނެވެ. އޭޑީކޭގެ ފަރާތުން ހައިކޯޓުގައި ވަނީ ގިނަ ނުކުތާތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން ފުރަތަމަ ނުކުތާއަކީ ވަޒީފާއާ ބެހޭ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ.

އެ ނުކުތާއާ ގުޅިގެން ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް މައްސަލަތައް ބެލޭނީ ވަޒީފާއިން ވަކިވި ނުވަތަ ވަކިކުރާތާ ތިން މަސް ހަމަވުމުގެ ކުރިން ކަމަށެވެ.

އަދި ވަޒީފާއިން ވަކިކުރި ނުވަތަ ވަކިވި މުވައްޒަފަކު ތިން މަސް ވަންދެން އިންތިޒާރުގައި ބެހެއްޓުމަށް ފަހު ލިބެންވާ ހައްގުތަކުން މަހުރޫމު ކުރުމަށް ފުރުސަތު ދިނުމަކީ އިންސާފުގެ ހަމަތަކަށް ބަލާއިރު ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ބެލުމަށް ސިވިލް ކޯޓުން ނިންމި އިޖުރާއީ ނިންމެވުމަކީ ޝަރުއީ ހަމަތަކުން ރަނގަޅު ނިންމުމެއް ކަމަށް ހައިކޯޓުން ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް އެ މައްސަލައަކީ ޑރ. އުސާމާ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަން ނުވަތަ ނޫންކަން ކަނޑައަޅަން ޖެހޭ މައްސަލައެއް ނޫން ކަމަށް ހައިކޯޓުން ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން ވަޒީފާއިން ވަކިކުރި ގޮތާ ބެހޭ ގޮތުން ހުކުމުގައި ހުރި ކަންކަން ހައިކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.

އެހެން ނަމަވެސް ޑރ. އުސާމާއަށް ބައިލައްކަ ރުފިޔާ ދޭން އޭޑީކޭގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުގެ ހުކުމުގައި ވަނީ ބުނެފަ އެވެ. އެއީ އެ ފައިސާއަކީ ޑރ. އުސާމާ ވަޒީފާއިން ވަކިކޮށް އޭނާއަށް ދިނުމަށް އޭޑީކޭއިން އެއްބަސްވެފައިވާ ފައިސާގެ މިންވަރު ކަން އެނގެން އޮންނާތީ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ޑރ. އުސާމާ މިހާރު ވަޒީފާ އަދާކުރަނީ އޭނާގެ އަމިއްލަ ކްލިނިކެއް ހުޅުވައިގެންނެވެ. މީގެ ކުރިން އޭޑީކޭގެ އިތުރުން އޭއެމްޑީސީ ކްލިނިކް އަދި އައިޖީއެމްއެޗުގައި ވެސް އޭނާ ވަޒީފާ އަދާކުރި އެވެ. ޑރ. އުސާމާ އަކީ އާންމު ބަލިތަކަށް ފަރުވާދޭ ޑޮކްޓަރެކެވެ.

comment ކޮމެންޓް