އެސްޓީއޯއިން އަލުވީގެ އާ ޝިޕްމެންޓެއް ގެނެސް، މާދަމާ ބާޒާރަށް ނެރެނީ

ބާޒާރު ސަރަހައްދުން މީހަކު އަލުއި ބަސްތާއެއް ކޮނޑު ޖަހައިގެން ގެންދަނީ -- ސަން ފޮޓޯ/ ފަޔާޒު

ބާޒާރުގައި އަލުވީގެ އަގު ވަރަށް ބޮޑަށް އުފުލެމުން ދާ އިރު، އެސްޓީއޯއިން އަލުވީގެ ބޮޑު ޝިޕްމެންޓެއް ރާއްޖެ ގެނެސްފިއެވެ.

އެސްޓީއޯ ސުޕަމާޓުގެ ސީނިއާ މެނޭޖަރު ހަމްދޫން ސައީދު މިއަދު "ސަން"އަށް ވިދާޅުވީ ރޭ ރާއްޖެ އައި ބޯޓަކުން އެސްޓީއޯއިން އަލުވީގެ ޝިޕްމެންޓެއް ގެނެސްފައި ވާކަމަށެވެ.

ހަމްދޫން ވިދާޅުވި ގޮތުގައި މި ޝިޕްމަންޓަކީ ހަތް ދުހަކުގެ ސްޓޮކެވެ. އަދި މިއީ މި ރަމަޟާން މަހާ ދިމާކޮށް އެސްޓީއޯއިން ގެނައި ތިންވަނަ އަލުވި ޝިޕްމެންޓެވެ.

އޭނާ ވިދާޅުވީ މިރޭ އެ ޝިޕްމަންޓް ކްލިއާކުރުމަށްފަހު، އާ ޝިޕްމެންޓުން ގެނައި އަލުވި މާދަމާ ހެނދުނުން ފެށިގެން ބާޒާރަށް ނެރެވޭތޯ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށްވެސް އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމެންޓްތައް ގެނެސްފައި ވެއެވެ. އެސްޓީއޯއިން އަލުވި ވިއްކަން ހަމަޖެއްސި އަގުތަކަކީ ކިލޯއެއް ނުވަ ރުފިޔާއަށް، ބަސްތާއެއް 200 ރުފިޔާއަށް، އަދި 50 ބަސްތާ ގަންނަ ނަމަ ބަސްތާއެއް 190 ރުފިޔާއަށެވެ.

ނަމަވެސް މިދިޔަ ދުވަސްތަކުގައި ބާޒާރުން އަލުވި ލިބުން ދަތިވެ، ބާޒާރުގައި އަލުވި ކިލޯއެއްގެ އަގު 20 ރުފިޔާއަށް ވެސް އަރައިގެން ދިޔައެވެ.

ހަމްދޫން ވިދާޅުވީ އަލަށް ގެނައި ޝިޕްމަންޓް ކްލިއާކުރުމަށްފަހު ވިއްކާ އިރު، ބަސްތާއަކުން 10 ރުފިޔާ ވަރު ބޮޑުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އަލުވީގެ އަގު ބޮޑުވަނީ ބޭރުން އަލުވި ލިބޭ އަގަށް ބަދަލެއް އައުމުން ކަމަށާއި، ނަމަވެސް މިއީ ނިސްބަތުން ވަރަށް ކުޑަ މިންވަރެއްގެ އުފުލުމެއް ކަމަށެވެ.

comment ކޮމެންޓް