ޅައިމަގުގައި ޑެންގީއާއި ވައިރަލް ހުން ފެތުރެނީ

ށ.ޅައިމަގު

ށ. ޅައިމަގުގައި ޑެންގީ ހުމާއި ވައިރަލް ހުން ފެތުރެމުންދާ ކަމަށާއި އޭގެ ސަބަބުން ސްކޫލަށް ހާޒިރުވާ ކުދިންގެ އަދަދުވެސް މަދުވެފައިވާ ކަމަށް އެރަށުން ބުނެފިއެވެ.

ޅައިމަގު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ޝަނޫން، ސަންއަށް ވިދާޅުވީ ރަށުގައި ހުން ރޯގާ ފެތުރެމުންދާނީ ސިއްހީ މަރުކަޒާއި ކައުންސިލުންވެސް ފިޔަވަޅުތައް އަޅާފައިވާކަމަށެވެ.

އެގޮތުން މަދިރި ކޮންޓްރޯލުކުރުމަށް ފޮގް ކުރުން ކުރިއަށް ގެންދާ ކަމަށާއި އާންމުން ހޭލުންތެރިކުރުމަށްވެސް މަސައްކަތްތައް ކުރަމުންދާ ކަމަށް ޝަނޫން ވިދާޅުވިއެވެ.

އެރަށު ސިއްހީ މަރުކަޒުގެ އިސް އޮފިޝަލަކު ވިދާޅުވީ، ރަށުގައި ހުން ފެތުރޭ މިންވަރު އިތުރުވެފައިވާ ކަމަށާއި ވައިރަލް ހުން ގިނަ ކަމަށެވެ. ޑެންގީ ކޭސްތައްވެސް ފެންނަމުންދާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

"ސިއްހީ ފަރުވާ ދިނުމުގެ އުސޫލު އޮންނަ ގޮތުން ޑެންގޫ ފެތުރޭ ދުވަސްވަރެއްގައި، ވައިރަލް ހުމަށްވެސް މި ދެނީ ޑެންގީގެ ފަރުވާ،" އޭނާ ވިދާޅުވިއެވެ.

ޅައިމަގު ސްކޫލުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ ހުން ފެތުރޭތީ ސްކޫލަށް ކުދިން ހާޒިރުވާ މިންވަރު ދަށް ކަމަށެވެ.

މި ދުވަސްވަރު ވައިރަލް ހުމާއި ޑެންގީ ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް